މަރިޔަން
މަރިޔަން

ބުދަ ދުވަހާ ގުޅޭ

"ކީކޭ އަހަންނަށް ބުނެވުނީ؟" ހައިރާންވެފައި އަހަރެން އެހީމެވެ.

"ކަލޭ ބުނީ.." އޭނަ ހަނދާންކޮށްލައިފައި ބުންޏެވެ. "ސިހުރު ހިފައިގެން ހަށިގަނޑަށް ވަންނަ ޖިންނިއަކަށް ހަށިގަނޑަކުން ނުނިކުމެވޭނޯ އެ ސިހުރު ބާތިލުނުވަނީހެއް. އެއީ އަދި އަހަންނަށް ނޭނގޭކަމެއް. އަހަންނަށް މި މަސައްކަތް ހަވާލުކުރި ބަޔަކު ވެސް އެ ވާހަކައެއް ނުބުނޭ! ކަލޭމެން ތި ކިޔަވާ އެއްޗެއް ކިޔަވާފަ އަހަރުމެން ގަޔަށް ފެންޖެހީމަ އަހަރުމެން އަނދައިގެންދާ ވާހަކައެއް ވެސް އަހަރެން ގާތަކު ނުބުނޭ! ބުނިހައި ވެސް އެއްޗަކީ، އަހަރެން މި ދަނީ ދުވަހަކު ވެސް ނުދާ ވަރުގެ ރީތި ގެއަކަށޭ! އަދި މިހެން ވެސް ބުނި. އަހަންނާ ހަވާލުކުރި މަސައްކަތްކުރަމުން، މި ގެއިން ބޭނުން ވަރަކަށް މީރު އެއްޗެހި ކާލައިގެން އަހަންނަށް ވަރަށް އަރާމުގަ އުޅެވޭނޯ! ދެން ވިސްނާލަބަލަ! އަހަންނަށް ކުރިން ކާން ލިބެނީ އެއް އިރު. ބޭނުން އިރަކު، ބޭނުން ވަރަކަށް މި ގެއިން ކާންލިބެންޏާ ކިހާ ރަނގަޅު؟ ކިހާ އުފާވާނެ؟ އެހެންވެ މި ކަމާ ހަވާލުވީ."

"ކަލޭމެންނަކީ ޖިސްމާނީ ބައެއް ނޫން،" އަހަރެން ބުނީމެވެ. "އަލިފާނުން ހެއްދެވި ބައެއް. ބައްޓަމެއް ސިފައެއް ނެތް. ބަރުދަނެއް އިސްކޮޅެއް ނެތް. ކަލޭމެންނަށް ކީއްވެ ކާނާ ބޭނުންވަނީ؟ ކޯޗެއް ކަނީ؟ ކިހިނެއް ކާނާ ލިބެނީ؟"

އެ ހުރިހައި ސުވާލެއްގެ ޖަވާބު، ކޮންމެވެސް ވަރަކަށް އަހަންނަށް އެނގެއެވެ. އަހަރެންގެ ބޭނުމަކީ އޭނަ ތެދު ބުނޭތޯ ބެލުމެވެ.

"އަހަރުމެންނަކީ އަހަރުމެންނާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތުދޭން ބޭނުންވާ ބައެއް ނޫން. އެއީ ކީއްވެ؟ އަހަރުމެންނާ ދެކޮޅަށް ކަލޭމެން އެ މައުލޫމާތު ބޭނުންކުރާނެތީ،" އޭނަ އުޅުނީ ނުބުނާށެވެ. "އެކަމަކު ކަލޭގެ އިތުބާރުހޯދުމާ، އަހަރެންނަކީ އެހެން ޖިންނީން ކަހަލަ ޖިންނިއެއް ނޫންކަން ސާބިތުކޮށްދޭން ބޭނުންވާތީ ޖަވާބު މި ދެނީ. ކަލޭމެން ގެއަށް ވަންނަ އިރު، ބައެއް ފަހަރު ކަލޭމެންގެ ފަހަތުން އަހަރުމެން ވެސް ވަންނަން. ގެއަށް ވަނުމުގެ ކުރިން ކަލޭމެން ކިޔާނެ ކޮންމެވެސް އެއްޗެއް. އެ ކިޔަސް، ބިސްމި ކިޔަސް އަހަރުމެންނަކަށް އެ ފަހަރަކު ނުވަދެވޭނެ. އެކައްޗެއް ވެސް ނުކިޔާ ކަލޭމެން ވަދެއްޖެއްޔާ އަހަރުމެންނަށް ވަދެވޭނީ. ކާން ފަށާ އިރު ކަލޭމެން ބިސްމި ނުކިޔާ ކާ ކޮންމެ މަހެއްގެ ކަށްޓަކީ އަހަރުމެންގެ ކާނާ. ބިސްމި ކިޔައިފިއްޔާ އެ ކަށިތައް ލިބޭނީ އަހަރުމެންގެ އެހެން ބަޔަކަށް. އިންސާނުންގެ ފެށުމަކީ މަށި. މަށިން ހެއްދެވި ބަޔަކަށް ކާނާ ބޭނުންވަންޏާ، އަލިފާނުން ހެއްދެވި ބަޔަކަށް ކާނާ ބޭނުން ނުވާންވީ ކީއްވެ؟ ކަލޭމެންނަށް ހަކަތަ ބޭނުންވާހެން އަހަރުމެންނަށް ވެސް ބޭނުންވޭ! އަހަރުމެންނަކީ ވެސް މަސައްކަތްކޮށްގެން ކައިބޮއި އުޅޭ ބައެއް. ކައިވެނި ވެސް ކުރަން. ދަރިން ވެސް ހޯދަން. ޔަހޫދީންނާ، ނަސާރާއިންނާ، ހިންދޫންނާ، މުސްލިމުން ވެސް އުޅޭ. ދަންނަބޭކަލުން ވެސް އުޅޭ. އެކަމަކު އަހަންނަކީ ޖާހިލެއް. އަހަންނަކަށް ނޭނގެ އިންސާނެއްގެ ހަށިގަނޑަށް ވަނީމަ ނުނިކުމެވޭނެކަމެއް. ކަލޭ އަހަންނަށް އެ ބައި ކިޔައިދީ."

އިންސާނަކު މެދުވެރިކޮށްގެން ވިޔަސް، ޖިންނިއަކާ ވާހަކަދެއްކުމަކީ އަޖައިބެއް ކަހަލަ ކަމެކެވެ. ސިހުރުވެރިން އާންމުކޮށް ކުރާ ކަމެކެވެ. އަހަންނަކީ ސިހުރުވެރިއެއް ނޫނެވެ. އޭނަ ކޮންމެހެން އަހަންނާ ވާހަކަދައްކާކަށް ނުވެސް ޖެހެއެވެ. އަހަރެން ކޮންމެހެން އޭނައަށް އެހީވާކަށް ވެސް ނުޖެހެއެވެ. އެކަމަކު އަހަރެންގެ ހިތަށް ހަމުދަރުދީ ވަނެވެ.

"އަހަންނަކީ ރާގީއެއް ނޫން. އެކަމަކު ކަލޭގެ ވާހަކަތަކުން އަހަންނަކަށް ހިޔެއްނުވޭ ކަލެއަކީ ޖާހިލެއްހެނެއް،" އަހަރެން ބުނީމެވެ. "ކަލޭ އިސްލާން ވެއްޖެއްޔާ އެހީވެވިދާނެ. ތި ކަމުން ސަލާމަތްކުރަން ވެސް މަސައްކަތްކޮށްދޭނަން."

"ތި ގޯސްވީ!" ވަގުތުން އޭނަ އިންކާރުކުރިއެވެ. "އަހަރެންގެ މައިންބަފައިން އޮތީ ވަސިއްޔަތެއްކޮށްފަ. މަންމަ ވެސް ބައްޕަ ވެސް ކަނޑައެޅިގެން ބުނެފައޮތީ ދަރިފުޅާއޭ ދީން ދޫކޮށްނުލައްޗޭ! ދީން ބަދަލުކުރުވަން އުޅޭ ބަޔަކާ ވާހަކަނުދައްކާށޭ ބުނީ."

އެ ހިސާބުން އޭނަގެ ވާހަކަ ހުއްޓުނެވެ. އަޑެއްބަޑެއް ނީވުނެވެ. އަހަރެން އެތައް ވާހަކައެއް ދައްކައިގެން ވެސް ޖަވާބެއް ނައެވެ. ޔަގީނުން ވެސް އޭނައަށް އަޑުއިވޭނެއެވެ. ވާހަކަނުދެއްކީއެވެ. ގިނަ އިރެއް ނުވެ އަފުނާން ލޯހުޅުވިއެވެ. ނިދިން ހޭލާހެން ހޭލިއެވެ. ހިނގައިދިޔަ އެއްވެސް ކަމެއް އޭނައަކަށް ނޭނގެއެވެ.

"އަހަންނަށް ނިދުނީ ދޯ؟" އަފުނާން ހަމަ އެކަނި ބުނީ އެހެންނެވެ.

ސޯފާއިން ތެދުވެގެން އޭނަ ވަނީ ކޮޓަރިއަށެވެ. ތެދުވަން ނޭނގިފައި އިނީ އަަހަންނެވެ. އެކަކު ރަނގަޅު ނުވެގެން އުޅެނިކޮށް ދެވަނަ މީހަކަށް ވެސް ފަރުވާދޭން ޖެހުނީމައެވެ. ތިންވަނަ މީހަކު ނުފެންނާނެކަމެއް ވެސް ނޭނގެއެވެ. ހިތަށްއެރިއެވެ. އަހަރެންގެ އަންހެނުން ޔުމްނާ ހަމަ ހެއްޔެވެ؟ އެހެން ހިތަށްއެރިތަނާ ޔުމްނާ ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. ޔުމްނާ އިނީ ފޯނު ބަލައިގެން ގުރުއާން ކިޔަވާށެވެ. އޭނަ ހަޅޭއްނުލަވާނެކަން އަހަންނަށް އެނގުނެވެ.

"ކިހިނެއްވީ؟" އަހަންނާ ދިމާއަށް ބަލައިލަމުން ޔުމްނާ އެހިއެވެ. "އަފޫ ކޮބާ؟"

"އޭނަ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެ،" އެނދުގައި އިށީންނަމުން އަހަރެން ބުނީމެވެ. "ކަމެއްވިހެން ވެސް ހީނުވޭ!"

ޔުމްނާ އަނެއްކާ ވެސް ކިޔަވަން ފެށިއެވެ. ގޭގެ ނާމާންވުމުން އެކި އަޑުތައް އިވެއެވެ. އެއީ ވާ ކަމެކެވެ. ވަކި ހިސާބަކަށްދިޔުމުން ހިޔަނި ފެންނާނެއެވެ. ދެ ތަނެއްގައި އެކަކު ހުއްޓައި ވެސް ފެންނަން ފަށާނެއެވެ. ޔުމްނާ ނޫން ޔުމްނާއަކާ ދިމާވެދާނެއެވެ. އަހަރެން ނޫން އަހަންނަކާ ޔުމްނާ ވާހަކަދައްކަފާނެއެވެ. ދެބަދޭތެރޭގައި ހޭލެވޭ އިރު ގާތުގައި ހިޔަންޏެއް ހުރެދާނެއެވެ. އަހަރެންގެ އާއިލާ ދަތުރުކުރީ އެ މިސްރާބަށެވެ.

ޒިޔާދާއަށް ރުގުޔާކުރީ ބަދީއުއެވެ. އަފުނާންގެ ވާހަކަ ވެސް އޭނަ ގާތުގައި ބުނީމެވެ. އަފުނާން ބައްޕަ ގާތުގައި އެ ވާހަކަ ބުނުމުން އޭނަ ދޫކޮށްލީ އަހަންނަށެވެ. އަހަރެން ދޫކޮށްލީ ބަދީއުއަށެވެ. އަހަރުމެން ނިންމީ އަފުނާނަށް އެއްވެސް ކަމެއް ސިއްރު ނުކުރާށެވެ. ގައިތެރޭގައި އެއްޗެއް އުޅޭކަމަށް އަފުނާނަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް އޭނަ ހުރީ އެއްބާރުލުން ދޭގޮތަށެވެ. ދެބެންގެ ފަރުވާ ކުރިޔަށްދިޔައީ އެކުއެކީގައެވެ. ބައެއް ފަހަރު ދެބެން އެއްކޮށް ވާހަކަދައްކަން ފަށައެވެ.

ޖިންނިސައިތާނުންނަކީ އިންތިހާއަށް އުމުރު ދިގު، އަދަދު ގިނަ ބައެކެވެ. ގުޅުން ބަދަހި، މަކަރުވެރި ބައެކެވެ. ދިރިއުޅެން ޖާގަ ނުހިފާތީ، ކުޑަ ތަންކޮޅެއްގައި އެތަކެއް ސަތޭކަ ނުވަތަ އެތަކެއް ހާސް ޖިންނިސައިތާނުންނަކަށް ތިބެވެއެވެ. ބައެއް ރޭރޭ ކުރިމަތިލުން ހިނގައެވެ. ޒުވާބު ގަދަވެގެން ގޮސް ހަނގުރާމަ ފެށެއެވެ. އަންދަން ފެށިޔަސް، މަރަން ފެށިޔަސް އެއީ ހުސްވާ ބައެއް ނޫނެވެ. ދިހަ ހާހުން، ވިހި ހާހުން އާދެއެވެ. ގަޑި ދެގަޑިއިރު ވާ އިރު ބަދީއު ހުންނަނީ ވާޅުވެފައެވެ. ލުއި ގޮތް އަހަރުމެންނަށް އެނގެއެވެ. ޖިންނީންގެ ބަޔަކަށް ދީނަށް ގޮވައިލައި، މަޖުބޫރުކަމެއް ނެތި، ރުހުމުގައި އެބަޔަކު ދީން ގަބޫލުކުރުމެވެ. އޭރުން ޖިންނިސައިތާނުންނާ ހަނގުރާމަކުރާނީ ވެސް ޖިންނީންނެވެ. އަހަރުމެން ކުޅިބަލަން ތިބީމައި ނިމުނީއެވެ. އަފުނާން މެދުވެރިކޮށް ވާހަކަދައްކާ ޖިންނިއަށް ތެދުމަގު ދެއްކޭތޯ، ކެނޑިނޭޅި އަހަރުމެން މަސައްކަތްކުރީމެވެ. އުންމީދު ބޮޑުކަމުންނެވެ.

"ކަލޭ އިސްލާންވޭ!" ބަދީއު ވެސް އެދުނެވެ. "އެންމެ ރަނގަޅުވާނީ އެ ގޮތް. ތި ބުނަނީ ތިމަންނައަކީ ނުބައި ޖިންނިއެއް ނޫނޭ! އަހަރުމެންނާ ވާހަކަދައްކަން ބޭނުންވީ ވެސް އެހީވާށޭ! ދެން އިސްލާންވާންވީނު. މައިންބަފައިން ބާތިލުގޮތުގަ ނިމިގެން ހިނގައްޖެ! ކަލޭ އިސްލާންވީމަ މައިންބަފައިންނަށް ހެޔޮ ދުއާކުރެވޭނެ. އަހަރުމެންގެ އިތުބާރު ވެސް ހޯދޭނެ. ހައްޔަރުވެފަ ތި ހުރި ތަނުން ކަލެއަށް މިނިވަން ވެސް ވެވޭނެ. ކަލޭ ވިސްނާލާފަ ބުނެބަލަ! ތި ބުނަނީ ތިމަންނާއަށް އެތައް ސަތޭކަ އަހަރެއް ވެއްޖޭ! ކިހާ ފާފައެއް ކުރެވިފަ ހުންނާނެ؟ ގައިމު ކަލޭމެންނަކީ ވެސް މަރުވާ ބައެއް. އިސްލާންވާ އިރަށް ހުރިހާ ފާފައެއް ވަގުތުން ފުހެވޭނެ. ފާފައެއް ނުކުރާ މަހުލޫގެއް ގޮތުގަ މަރުވުމަކީ ކިހާ ބޮޑު ނިއުމަތެއް؟ ﷲ ގެ އިރާދަފުޅުން ކަލޭ ދާނީ ސުވަރުގެއަށް."

"ހަމަ ތެދެއް؟" އޭނަ ހައިރާންވެފައި ބުންޏެވެ. "ތީ އަދި ދުވަހަކު ވެސް އަޑުނާހާ ވާހަކައެއް."

"ކަލޭ މަގުފުރައްދަން ބޭނުންވާ ބަޔަކު ބޭނުމެއް ނުވާނެއްނު އެ ވާހަކަތައް އިވޭކަށް،" ކެތްތެރިކަމާ އެކުގައި ބަދީއު ވާހަކަދެއްކިއެވެ. "އަހަރުމެން މި އުޅެނީ ކަލެއަށް ތެދުމަގު ދައްކަން. އަޅެ އަހަރެން މި ދައްކަނީ ތެދު ވާހަކައެއްތޯ ބަލައިލެވިދާނެއްނު."

ވަރަށް ގިނަ ދުވަހު، ވަރަށް ގިނަ ވާހަކަދައްކައިގެން އޭނަ އެއްބަސްކުރެވުނެވެ. އޭނަޔާ ބެހޭ މުހިންމު ވާހަކަތައް ކިޔައިދޭން ފެށީ އެ ހިސާބުންނެވެ.

"އަހަންނަކީ ކްރިސްޓިއަނެއް،" އޭނަ ބުންޏެވެ. "އަހަރެންގެ ނަމަކީ މޭރީ. އެއީ މަންމަ ދިން ނަމެއް. އިސްލާންވެފަ ވެސް އަހަރެން ބޭނުން މޭރީޔާ ގުޅޭ ނަމެއް އަހަންނަށް ކިޔަން. އެ ކަން ވެސް ވާނެ؟"

"ތީ އެއްވެސް ކަމެއް ނޫނެއްނު!" ބަދީއު ބުންޏެވެ. "މޭރީގެ އިސްލާން ނަމަކީ މަރިޔަމް."

"އައްދެ! މަރިޔަމް ތީ ހާދަހާ ރީތި ނަމެކޭ!" ވަރަށް އުފާވެފައި އޭނަ ބުންޏެވެ. "އެކަމަކު ކަލޭމެން ކިޔާ މަރިޔަން ވެސް. މަރިޔަނބު ވެސް. އިސްލާންވާން ކިހިނެއް ހަދަންޖެހޭނީ؟ ކަލޭ ކުރިމައްޗަށް އަންނަންތަ ޖެހޭނީ؟ އަހަންނަކަށް ނުކެރޭނެ ކަލެއަށް ފެންނާކަށް."

"ނުޖެހޭނެ ފެންނާކަށް. އަހަރެން މި ބުނާ އެއްޗެއް ކިޔާ!" ޖަވާބުގައި ބަދީއު ބުންޏެވެ.

އޭނަ އިސްލާންވިއެވެ. އިސްލާންވުމުން ކުރެވޭނެ ކަންތަކާއި، ނުކުރެވޭނެ ކަންތައް، ކުރުކޮށް ބަދީއު ކިޔައިދިނެވެ. ބަދީއު އެދުނީ ޖިންނީންގެ މުސްލިމުން ގާތަށް ގޮސް ދީން އުނގެނުމަށެވެ. ގޯނާއެއް ކުރުމުގެ ނިޔަތުގައި އިންސާނުންގެ ހަށިގަނޑަށް ނުވަނުމަށް ވެސް ބަދީއު ނަސޭހަތްތެރިވިއެވެ.

މަރިޔަންގެ ފަރާތުން އަހަރުމެންނަށް ވަރަށް ގިނަ އެއްޗެހި އެނގުނެވެ. މަރިޔަން ބުނި ގޮތުގައި އޭނަ ދިރިއުޅެނީ ނައިފަރު ސަރަހައްދުގެ ކަނޑުގައެވެ. އޭނައަކީ ކަނޑުގެ އަހުލުވެރިޔެކެވެ. މަރިޔަންއަކީ މުސްކުޅިވެފައިވާ، ވަަރަށް އާދައިގެ ޖިންނިއެކެވެ. އަފުނާންގެ ހަށިގަނޑުގައި އުޅެނީ މަރިޔަން އެކަންޏެއް ނޫނެވެ. ދެން އުޅޭ ޖިންނިތައް މާ ކުޅަދާނަވެފައި ހަލުވި ވެސް މެއެވެ. މަރިޔަން އިސްލާންވިކަމާއި، އިންސާނުންނާ ގުޅުނުކަން ވެސް، އެ ޖިންނިތަކަށް އެނގޭނެއެވެ.

"އަފުނާން ގައިގަ ޖުމުލަ ކިތައް ޖިންނި އެބަ އުޅޭ؟" ބަދީއު ސުވާލުކުރިއެވެ.

ނުނިމޭ