26 ފެބުރުއަރީ 2023 - 06:39

އިންޑިއާ ޕާކިސްތާނު ވަކިކުރުމުގެ ކުރިން، އެ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި އޮތް ހީރާމަންޑި ކިޔާ އަވަށެއްގައި އޭރު އުޅުނު ހަށިވިއްކާ އަންހެނުންތަކެއްގެ ދިރިއުޅުމަށް ބިނާކޮށް، އިންޑިއާގެ ޑައިރެކްޓަރު، ސަންޖޭ ލީލާ ބަންސާލީ ސީރީޒެއް އުފައްދާތީ ޕާކިސްތާނު މީހުން ހިތްހަމަނުޖެހިއްޖެ އެވެ.
"ހީރާމަންޑީ" ގެ ނަންދީފައިވާ އެ ސީރީޒަކީ، ސަންޖޭ އުފައްދާ އެންމެ ފުރަތަމަ ވެބް ސީރީޒެވެ. އޭގައި، ބޮލީވުޑްގެ ބަތަލާ، ސޮނާޝްކީ ސިންހާގެ އިތުރުން، މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ޝާމިން ސީގަލް، ރިޗާ ޗަދާ އަދި ސަންޖީދާ ޝެއިހް މެއިން ކެރެކްޓާއިންގެ ރޯލުން ފެނެ އެވެ.
ސީރީޒްގެ "ފަސްޓް ލުކް" ޓީޒާ ދައްކާލައިފާ ވާއިރު، ސޯޝަލް މީޑިއާގައި ޕާކިސްތާނު މީހުން އަންނަނީ، މިއާ ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. އެ ގައުމުގެ މީހުންްގެ ސުވާލަކީ، ހީރާމަންޑީގެ ވާހަކަ އަކީ، އިންޑިއާ މީހުން ކިޔައިދޭންޖެހޭ ވާހަކައެއްތޯ އެވެ.
ސީރީޒްގައި "ލަހޯރްގެ ހަށިވިއްކާ އަންހެނުން" ގެ ވާހަކަ ކިޔައިދޭއިރު، ލަހޯރް ސިޓީއަކީ މިހާރު ޕާކިސްތާނުގެ ތަނެކެވެ. އެހެންވެ، އެ ގައުމުގެ ބައެއް މީހުން ބުނާގޮތުން، މި ވާހަކަ ކިޔައިދޭން ހައްގުކަން ބޮޑީ ޕާކިސްތާނުގެ ޑައިރެކްޓަރުންނެވެ.
"އިންޑިއާގެ ޕްރޮޑިއުސަރުން ބޭނުންކުރާ ޕާކިސްތާނުގެ ވާހަކަތަކަކީ ޕާކިސްތާނު މީހުން އަމިއްލައަށް ދުނިޔެއަށް ކިޔައިދޭން ޖެހޭ ވާހަކަތަކެއް،" ނެޓްފްލިކްސް އިންޑިއާއިން ނެރުނު ޓީޒާ ރިޓްވީޓު ކުރަމުން މީހަކު ބުންޏެވެ.
އެހެން މީހަކު ކުރި ޓްވީޓެއްގައި ވަނީ، ހީރާމަންޑީގެ ބަދަލުގައި، އިންޑިއާގެ ޗަކްނޯ ނުވަތަ ޗޯކް ސިޓީ ފަދަތަންތަނުގައި މަގްބޫލުވި ހަށިވިއްކާ މީހުންގެ ވާހަކަ ނުކިޔައިދިނީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ.
"..މި މީހުން ޕާކިސްތާނާ ހެދި މިވާ މޮޔައަކީ ސިއްހީ ނުރައްކަލެއް. އަނެއްކާ، މިތާ މި ތިބި އަންހެނުންނަކަށް، ލަހޯރީއެއް (ލަހޯރުގެ ހަށިވިއްކާ އަންހެނެއް) ގެ ރޯލު ނުކުޅެވޭނެ،" އެ ޓްވީޓުގައިވެ އެވެ.
މި ސީރީޒްގެ ސަބަބުން ނިކުންނާނެ ހަމައެކަނި ރަނގަޅު ކަމަކީ، މީގެ ކުރިން ހަޑި ބަހެއްގެ ގޮތުގައި ބޭނުން ކުރަމުން އައި "ހީރާމަންޑީ" ބަސް، އާންމުކޮށް ބޭނުން ކުރަން ފެށުން ކަމަށް އެހެން ޓްވީޓެއްގައި ބުންޏެވެ.
އެއްބަޔަކު ހިތް ހަމަނުޖެހިގެން އަޑުއުފުލި ނަމަވެސް، ބައެއް ޕާކިސްތާނު މީހުން ވަނީ ސަންޖޭގެ ސީރީޒް ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ. އެ މީހުން ބުނާގޮތުން، ޕާކިސްތާނުގައި އުފައްދާ މިފަދަ ފިލްމުތައް ފްލޮޕް ވާނެ އެވެ. އެއީ އެ ގައުމުގައި އޮންނަ ހިޔާލުތަފާތުވުމުގެ ސަބަބުން، ހަށިވިއްކާ މީހެއްގެ ވާހަކަ ކިޔައިދޭން އުނދަގޫވާނެތީ އެވެ.
ސަންޖޭގެ ޑެބިއު ސީރީޒްގެ މެއިން ކެރެކްޓާއިންގެ ދެ ވީޑިއޯ ޓީޒާއެއް މި މަހު ނެޓްފްލިކްސް އިންޑިއާއިން ވަނީ ދައްކާލައިފަ އެވެ. އެ ވީޑިއޯތަކުގައި މެއިން ކެރެކްޓާއިން ގެ ރޯލުން ފެންނަ އެކްޓަރުންތައް އެއްކުލައިގެ ހެދުންތަކެއް ލައިގެން، ގިނަ އަދަދަކަށް ގަހަނާ އަޅާފައި ހުރި މަންޒަރު ފެނެ އެވެ.