26 ފެބުރުއަރީ 2023 - 06:40

ފްރާންސްގެ ޒުވާން އަންހެނަކު ރޭޕްކުރި މައްސަލައެއްގައި މޮރޮކޯގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސައަދް ލަމްޖަރާދް ހަ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ފްރާންސްގެ މީޑިއާތަކާ ހަވާލާދީ ބީބީސީން ބުނީ، މިދިޔަ ހުކުރު ދުވަހު ޕެރިހުގެ ކޯޓަކުން ސައަދް އަށް ހުކުމް އިއްވިއިރު، އެއްވެސް ކަހަލަ އަސަރެއް އޭނާގެ މޫނު މަތިން ނުފެންނަ ކަމަށެވެ.
އެ ކޯޓުގައި ބޭއްވި ކުރު އަޑުއެހުމުގައި، އުމުރުން 37 އަހަރުގެ ސައަދް ވަނީ، 2016 ވަނަ އަހަރުގެ އެ ހާދިސާއަށް އިންކާރުކޮށްފަ އެވެ.
ސައަދް، 2016 ވަނަ އަހަރު ހައްޔަރުކުރި ނަމަވެސް އޭރު އޭނާ ވަނީ، މޮރޮކޯގެ ރަސްގެފާނުގެ އެހީގައި އެތަނުން ސަލާމަތްވެފަ އެވެ. އެ އަހަރު އޭނާ ދޫކޮށްލުމަށް ފަހު، ނެރުނު ފުރަތަމަ ލަވަ ހާއްސަކޮށްފައި ވަނީ ވެސް ރަސްގެފާނަށެވެ.
މޮރޮކޯގެ އެންމެ މަތީ ޝަރަފްގެ އެވޯޑު ހޯދާފައިވާ ސައަދް، ދެވަނަ ފަހަރަށް ފްރާންސުން ހައްޔަރު ކުރީ، 2018 ވަނަ އަހަރު އެވެ.
ސައަދަށް ވަނީ މީގެ ކުރިން ވެސް ރޭޕާއި ގެވެށިއަނިޔާގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފަ އެވެ. އެގޮތުން، 2010 ވަނަ އަހަރު އެމެރިކާގެ ނިއު ޔޯކުގެ އަންހެނަކަށް އަނިޔާކޮށް ރޭޕުކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވެ އެވެ. އޭރު ކަފާލާތުގެ ދަށުން ސަލާމަތްވުމަށް ފަހު، އެމެރިކާއިން ފުރިގޮތަށް އަދި މިހާތަނަކަށް އެ ގައުމަށް އެނބުރި ގޮސްފައެއް ނުވެ އެވެ.
ސައަދް އަކީ އަރަބި މިއުޒިކްގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ލަވަކިޔުންތެރިޔެކެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަ، "މައައްލިމް" އަށް މިހާތަނަށް ވަނީ އެއް ބިލިއަނަށް ވުރެ ގިނަ ޔޫޓިއުބް ވިއުސް ލިބިފަ އެވެ.