26 ފެބުރުއަރީ 2023 - 06:38

ކަސްޓަމަރުން އިތުރުކުރުމުގެ މަގްސަދުގައި ނެޓްފްލިކްސް އިން 30 އަށް ވުރެ ގިނަ ގައުމަށް ސަބްސްކްރިޕްޝަން ފީ ކުޑަކުރަން ނިންމައިފި އެވެ.
ނެޓްފްލިކްސްގެ އަގުތައް ކުޑަކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި، އޭޝިއާ އާއި، ޔޫރަޕާއި، ލެޓިން އެމެރިކާ އާޢި، ސަބް-ސަހަރަން އެފްރިކާ އަދި މެދއިރުމަތި ހިމެނެ އެވެ. ފީ ކުޑަ ކުރި ބައެއް ގައުމުތަކުގެ ތެރޭގައި، މެލޭޝިއާ، އިންޑޮނީޝިއާ، ތައިލޭންޑް، ފިލިޕީންސް ވެސް ހިމެނެ އެވެ.
މި ބަދަލު އެ ކުންފުނިން ގެނެސްފައި މިވަނީ، ތަކެތީގެ އަގުތައް ބޮޑުވެފައިވާ އަދި ހާއްސަކޮށް، ސްޓްރީމިން ދާއިރާގައި ގިނަ އަދަދެއްގެ ވާދަވެރި ކުންފުނިތައް ވެސް އުފެދިފައިވާ ދުވަސްވަރެއްގަ އެވެ.
"މުނިފޫހިފުލުވުމަށް ބަލާނަ، މެންބަރުންނަށް ވަރަށް ގިނަ އިހްތިޔާރުތައް ހުންނާނެ" ބީބީސީއާ ވާހަކަދައްކަމުން ނެޓްފްލިކްސްގެ ތަރުޖަމާނަކު ބުންޏެވެ.
އެ ކުންފުނިން އަގުތައް ކުޑަކޮށްފައި ވަނީ އެކި ގައުމުތަކަށް އެކި ވަރަށެވެ. ބައެއް ގައުމުތަކަށް، ދެބައިކުޅަ އެއްބައި ވެސް ކުޑަކޮށްފައިވާ ކަމަށް ބީބީސީން ބުނެފައިވެ އެވެ.
މިހާރު 190 އަށް ވުރެ ގިނަ ގައުމުގައި ހިދުމަތް ދެމުން އަންނަ ނެޓްފްލިކްސްއާ ވާދަކުރާ ކުންފުނިތަކުގެ ތެރޭގައި، އެމަޒޯން، އެޗްބީއޯ އަދި ޑިޒްނީ ފާހަގަކޮށްލެވެ އެވެ.
މިދިޔަ އަހަރު އެ ކުންފުނިން ގިނަ އަދަދެއްގެ ވަޒީފާ ވެސް އުނިކޮށްފައިވާއިރު، ހަރަދު ކުޑަކުރުމުގެ މަގްސަދުގައި އެންމެ ބޮޑު ނިންމުމަކަށް ނިންމާފައި ވަނީ، ނެޓްފްލިކްސް އެކައުންޓް ޝެއާ ކުރުން މަދުކުރުމަށެވެ. އެގޮތުން، މި އަހަރު ތެރޭ ނެޓްްފްލިކްސް ސަބްސްކްރިޕްޝަން މީހަކާ ޝެއާ ކުރާނަމަ، އިތުރަށް އަގު ނަގަން ފަށަން، އެ ކުންފުނިން ވަނީ ނިންމާފަ އެވެ.