25 ފެބުރުއަރީ 2023 - 17:38

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހަސަން ޝާޒް މުހައްމަދާއި އާމިނަތު އަޒްރާ ހޯދައިފި އެވެ.

އަޒްރާ އާއި ޝާޒް ވަނީ މި އަހަރު ފުރަތަމަ ބޭއްވި 8 ބޯލް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފަ އެވެ.
ރޭ ކުރިއަށް ދިޔަ 10 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޝާޒް ހޯދީ ފައިނަލް ގައި ހުސެއިން ފަޔާޒް އާ ވާދަކޮށް 11-5 ފްރޭމުން މެޗް ކާމިޔާބު ކޮށްގެންނެވެ. ހުރިހާ މެޗަކުން މޮޅު ވެގެން ފައިނަލަށް ދިޔަ ފަޔާޒަކީ މިދިޔަ އަހަރުގެ ވެސް ރަނަރަޕް އެވެ.
މުބާރާތުގެ ތިންވަނަ ލިބުނީ އަހުސަން ހާޝިމް އަށެވެ. ހަތަރު ވަނަ މުހައްމަދު ޝަރީފަށް ލިބުނު އިރު ފަސްވަނައަށް ދިޔައީ އިސްމާއިލް ސުވެއިދު އެވެ. ހަވަނައަށް ދިޔައީ މުހައްމަދު ދުންޔާޒެވެ. އިސްމާއިލް ޖީހާނަށް ހަތް ވަނަ ލިބުނު އިރު އަށްވަނައަށް ދިޔައީ މުހައްމަދު ސާހިލް ހަމީދެވެ.
މިދިޔަ އަހަރުގެ އަންހެން ފައިނަލް ގައި އާމިނަތު ފާތީ އަތުން އަޒްރާ ބަލިވި ނަމަވެސް، މި އަހަރުގެ ޗެމްޕިއަންކަން އަޒްރާ ހޯދީ އެއްވެސް މެޗަކުން ބަލި ނުވެ، ރޭ ކުޅުނު ފައިނަލް މެޗު 7-2 ފްރޭމުން ކާމިޔާބު ކޮށްގެންނެވެ.
އަންހެން ބައިގެ ތިންވަނަ ލިބުނީ ދީނާ އަހުމަދަށެވެ. އަދި ހަތަރުވަނަ ހޯދީ އައިޝަތު އަލީ އެވެ.
ބިލިއާޑް އެސޯސިއޭޝަނުން އަންނަނީ އަންނަ އޭޕްރީލް މަހު ފުރަތަމަ ފަހަރަށް ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ތައްޔާރު ވަމުންނެވެ. އޭޝިއަން ޕޫލް ޕްރޮމޯޝަންސް (އޭޕީޕީ) އާއި މެޗްރޫމް ޕޫލް ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ނައިންބޯލް އޭޝިއަން ޓުއާގެ ފުރަތަމަ އިވެންޓް "މޯލްޑިވްސް އޯޕަން 2023" ބާއްވަން ތާވަލް ކޮށްފައި ވަނީ އޭޕްރީލް މަހުގެ 22 އިން 26 ގެ ނިޔަލަށެވެ.
މި މުބާރާތުން ރާއްޖޭގެ 16 ކުޅުންތެރިއަކަށް ޖާގަ ދޭން ނިންމާފައި ވާއިރު، ރޭގެ ފައިނަލަށް ފަހު ރާއްޖޭގެ ރޭންކިންގެ ގަދަ އަށް ފިރިހެން ކުޅުންތެރިންނަށް ވަނީ ނައިންބޯލް އޭޝިއަން ޓުއާގެ "މޯލްޑިވްސް އޯޕަން 2023" އިން ޖާގަ ޔަގީން ވެފަ އެވެ. ބާކީ އަށް ކުޅުންތެރިން ހޮވާނި މާޗު މަހު ބާއްވާ ކޮލިފައިން މެޗުތަކެއްގެ ތެރެއިންނެވެ.