24 ފެބުރުއަރީ 2023 - 22:26

ޖުމްހޫރީ ޕާޓީގެ ކޮންފަރެންސްގައި ވޯޓާ ގުޅޭ މައްސަލަތައް ބޮޑުވެ ވޯޓުލުން މާދަމާ އަށް ފަސްކޮށްފި އެވެ.
ޖޭޕީން މިއަދު ފެށި އެ ޕާޓީގެ ކޮންފަރެންސްއަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީން ވަކި ގޮތެއް ނިންމުމަށާއި ޕާޓީގެ މަގާމްތަކަށް ބޭފުޅުން އައްޔަން ކޮށް އަސާސީ ގަވައިދު ބަދަލު ކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމެކެވެ.
އެ ކޮންފަރްންސް ރަސްމީކޮށް ފެއްޓެވުމަށް ފަހު މިރޭ އެޖެންޑާ ކޮށްފައި އޮތީ ޕާޓީގެ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރުމަށްޓަކައި ވޯޓުގެ ކަންކަން ކުރިޔަށް ގެންދިޔުމެވެ. އަދި މިރޭ މެންދަމުގެ ވަގުތެއްގައި ނަތީޖާ އިއުލާން ކުރުމަށެވެ.
ނަމަވެސް ގިނަ އަދަދެއް ބޭފުޅުން ކުރިމަތިލާ އިރު ވޯޓު ކަރުދާހުގައި ފޮޓޯ ނެތުމާ ގުޅިގެން ކޮންފަރެންސްގެ ބައެއް ބައިވެރިން ވަނީ ޝަކުވާކޮށް ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ.
ބައެއް މެންބަރުން ވަނީ އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ކުރީގެ ޕީޕީއެމްގެ މެންބަރުން ޖޭޕީގައި ކުރީގެ ޕީޕީއެމްގެ މެންބަރުންނާ މެދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށް އަޑު އުފުލައިފަ އެވެ.
ދަރުބާރުގޭގައި ކުރިޔަށް ދިޔަ ކޮންފަރެންސް ހޯލުގައި މެންބަރުން ހިތްހަމަނުޖެހި އަޑުގަދަ ކުރަމުން ދިޔަ ވަގުތު އެ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ހުންނެވި އެވެ.
ޝަކުވާތަކާ ގުޅިގެން ޖޭޕީން ނިންމީ ވޯޓުލުމުގެ ކަންކަން މާދަމާ ހެނދުނު ދަންފަޅީގައި ކުރިޔަށް ގެންދިޔުމަށެވެ.
މާދަމާގެ ހަރަކާތްތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ކުރިޔަށް ދާނެ ގޮތެއް ނިންމުން ހިމެނެ އެވެ. އެކަމާ ގުޅޭ ގޮތުން ޕާޓީގެ މެންބަރުން ބަހުސް ވެސް ކުރަން ވަނީ ހަމަޖެހިފަ އެވެ.