ސެމްސަންގުގެ ވައިސް ޗެއާމަން ހައްޔަރުކުރަން ކޯޓުން އަމުރެއް ނުދިން
ސެމްސަންގުގެ ވައިސް ޗެއާމަން ހައްޔަރުކުރަން ކޯޓުން އަމުރެއް ނުދިން

ސީރިއަސް ތުހުމަތުތަކެއް ކުރެވިގެން ސެމްސަންގުގެ ވައިސް ޗެއާމަން ލީ ޖޯ-ޔޮންގް ހައްޔަރުކުރުމަށް ޕްރޮސިކިއުޓަރުން އެދުނު ގޮތަށް އަމުރެއް ދެވެން ނެތް ކަމަށް ދެކުނު ކޮރެއާގެ ކޯޓަކުން ނިންމައިފި އެވެ.

ރިޝްވަތާއި ޚިޔާނާއި ދޮގު ހެކި ދިނުމުގެ ތުހުމަތަށް ލީ ހައްޔަރުކުރަން އަމުރެއް ދެވެން ނެތީ އޭނާ ހައްޔަރުކުރަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށެވެ.

ސެމްސަންގުގެ އެންމެ އިސް ވެރިޔާގެ މަގާމަށް ދެން ވަޑައިގަންނަވަން ހުރި ލީ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުނީ ދެކުނު ކޮރެއާގެ ރައީސް ޕާކް ގެއުން ހައިގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު، ގާނޫނު ހަދާ މަޖިލީހުން އޭނާ މަގާމުން ވަކިކޮށްފައި ވަނިކޮށެވެ. ރައީސްގެ ކޮރަޕްޝަނާ ސެމްސަންގުގެ ވެރިޔާއާ ގުޅުމެއް އޮތް ކަމަށް ތުހުމަތުކުރެވެ އެވެ.

ސެމްސަންގުން ނެރުނު ބަޔާނެއްގައި، އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައި ނުވާނެ ކަމަށް ބުންޏެވެ.

ބޮޑެތި ކުންފުނިތަކުން ރިޝްވަތުގެ ގޮތުގައި ދިން ކަމަށް ތުހުމަތުކުރެވޭ އެތައް މިލިއަން ޑޮލަރެއް ރައީސްގެ އެކުވެރިއެއްގެ ޖަމިއްޔާއެއް މެދުވެރިކޮށް ރައީސް ނަންގަވާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މިގޮތަށް ފައިސާ ދިން ކުންފުނިތަކުގެ ތެރޭގައި ސެމްސަންގު ހިމެނޭ ކަމަށާއި ދެ ކުންފުންޏެއް އެއްކޮށްލުމަށް ހިންގި މައްސަލަ ބޮޑުވި މުއާމަލާތަކަށް ހުއްދަ ހޯދުމަށް ސެމްސަންގުން 36.3 މިލިއަން ޑޮލަރު ދިން ކަމަށް ޕްރޮސިކިއުޓަރުން ތުހުމަތުކުރެ އެވެ.

މި ފައިސާ ދިން ކަމަށް ސެމްސަންގުން އެއްބަސްވެ އެވެ. ނަމަވެސް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ އަށް އެ ފައިސާ ދިނީ ބަދަލުގައި އެއްވެސް ކަމެއް ބޭނުންވެގެން ނޫން ކަމަށް ސެމްސަންގުން ވަނީ ބުނެފަ އެވެ. މި ތުހުމަތާ އެކު ލީ ހައްޔަރުކުރުމުގެ އަމުރަކަށް އެދުނީ މިދިޔަ ހަފުތާގަ އެވެ.

ކޯޓުން ބުނީ މިވަގުތަށް ހުރި ހެކިތަކަށް ބަލާއިރު ލީ ހައްޔަރުކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. ކޯޓުގެ މި ނިންމުމާ ގުޅިގެން މަޖިލީހުގެ އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ދެކުނު ކޮރެއާގެ އެންމެ މަޝްހޫރު ކުންފުނީގެ ހިންގުމާ މިހާރު ހަވާލުވެ ހުރި ލީގެ މައްޗަށް އިތުރު ހެކި ހޯދައިިފި ނަމަ ހައްޔަރުކުރުމުގެ އަމުރު ދެވިދާނެ ކަމަށް ކޯޓުން ބުންޏެވެ.