މޫނު ނިވާ ކޮށްގެން ތިބި ބަޔަކު މަރުތޭލުން ކެފޭއަކަށް ގެއްލުން ދީފި
މޫނު ނިވާ ކޮށްގެން ތިބި ބަޔަކު މަރުތޭލުން ކެފޭއަކަށް ގެއްލުން ދީފި

މޫނު ނިވާކޮށްގެން ހުޅުމާލޭގެ ކެފޭ އަކަށް އިއްޔެ ވަދެ މަރުތޭލުން އެ ތަނަށް ގެއްލުން ދިން ބަޔަކު ހޯދަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ "ޖޫސް ޓައިމް" އަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކޮށް، މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯއިން ފެންނަނީ ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުން ކެފޭއާ ދިމާލަށް ހިނގައިގަނެގެން ދާ ތަން ފެނުމުން އެ ތަނުގެ ކައުންޓަރުގައި އިން ފިރިހެނަކު އެތެރެއަށް ވަންނަ ތަނެވެ. އޭރު އެ ސަރަހައްދު ބޭރުގައި މިހުން ވެސް ތިއްބެވެ.

ދެ މީހުން އެތެރެއަށް ވަނުމަށްފަހު، އެ މޭޒު މަތީގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ބިން މައްޗަށް އުކާލައި މަރުތޭލުން އެކި ތަންތަނުގައި ތަޅަ އެވެ. އެ ވަގުތު މީހަކު ހަޅޭލަވާ އަޑު ވެސް އިވެ އެވެ.

އެ މީހުން ކެފޭއިން ދިއުމުގެ ކުރިން، އެ ތަނުން އެކަކު އެކައުންޓަރުގެ ވަތްގަނޑުން އެއްޗެހިތަކެއް ނަގައިގެން ޖީބަށް ލަ އެވެ. އަދި ސައިކަލުގައި ދެ މީހުން ދިއުމުން އެ ސަރަހައްދާ ދިމާލަށް ބަޔަކު ދުވެފައި ދާތަން ވީޑިއޯއިން ފެނެ އެވެ.