ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމަ އަށް އަހަރެއް ފަހުން ސުލްހައިގެ ގަރާރެއް ޗައިނާއިން ހުށަހަޅައިފި
ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމަ އަށް އަހަރެއް ފަހުން ސުލްހައިގެ ގަރާރެއް ޗައިނާއިން ހުށަހަޅައިފި

ބެއިޖިން (ފެބްރުއަރީ 24) - ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމަ އަށް އަހަރެއް ފަހުން، ސުލްހައިގެ ގަރާރެއް ޗައިނާއިން ހުށަހަޅައިފި އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ހަނގުރާމަ ފެށީ ފެބްރުއަރީ 24، 2022 ގަ އެވެ. މިއަދަށް އެއް އަހަރު ފުރުނީ އެވެ.

މިއަދު ހެނދުނު ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު 12 މާއްދާގެ ގަރާރުގައި ވަނީ ދެ ފަރާތުގެ ދެމެދުގައި ސުލްހައިގެ ވާހަކަ ދެއްކުމަށް ބާރު އަޅައިފަ އެވެ.

""ޔޫކްރޭންގެ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ ވާހަކަ ދައްކައިގެން މަޝްވަރާ ކުރުން،" ޗައިނާގެ ގަރާރުގައި ވެއެވެ.

"ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ފެށުމަށް ޗައިނާއިން ބިނާ ކުރުވަނިވި ދައުރެއް އަދާކުރާނަން."

އދ. ގައި ހުންނަވާ ޗައިނާގެ ދާއިމީ މަންދޫބު ޑިއޭ ބިން އިއްޔެ އދ. ގެ އާންމު މަޖިޅިހުގައި ވިދާޅުވީ ހަނގުރާމައިން ކަންކަން ހައްލު ނުކުރެވޭނެ ކަމަށެވެ.

"ހަނގުރާމަ އާއި ހަމަނުޖެހުންތަކުން ކާމިޔާބެއް ނެތް. އަނިޔާވެރިކަން ދިގުވި ވަރަކަށް އިންސާނީ ތަކްލީފް ބޮޑުވާނެ. ހަނގުރާމަ ކުރަމުންދާ ފަރާތްތަކަށް އަޅުގަނޑުމެން ގޮވާލަން ބުއްދި އިސް ކުރުމަށް."

ޗައިނާގެ ހުށަހެޅުމަށް އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ތާއީދެއް ނުކުރެ އެވެ. އެއީ ޗައިނާގެ ގަރާރުގައި ރަޝިއާއިން އިސްވެ ހަނފުރާމަ ހުއްޓާލަން ގޮވާލާފައި ނުވާތީ އެވެ. ވަކި ފަރާތެއް ނިސްބަތް ނުކޮށް ޗައިނާގެ ގަރާރުގައި ވަނީ ދެ ފަރާތުން ހަނގުރާމަ ހުއްޓާލުމަށެވެ.

ޗައިނާއިން ދައްކަނީ ހަނގުރާމައިގައި ވަކި އަތަކަށް ނުޖެހުމުގެ ސިޔާސަތެއް ކަމަށް އެ ގައުމުން ބުނެ އެވެ. އެކަމަކު ހުޅަނގުގެ ގައުމުތަކުން ގަބޫލު ކުރަނީ ޗައިނާއިން ތައީދު ކުރަނީ ރަޝިއާ އާ އެއްކޮޅަށް ކަމަށެވެ.

އަންދާޒާ ކުރެވިފައިވާ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން 180،000 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހަނގުރާމަ އަ ނުބެހޭ 30،000 އާންމުން ވެސް ހިމެނެ އެވެ.