19 ޖެނުއަރީ 2017 - 12:26

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން އެކައުންޓުގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް އެދި ބައެއް ކަސްޓަމަރުންނަށް ލިބެމުން ދާ ފޭކް އީމެއިލަކަށް ސަމާލުވުމަށް އެ ބޭންކުން މިއަދު އެދިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކް ކަމަށްވާ ބީއެމްއެލް އިން ކުރި ޓްވީޓުތަކެއްގައި ބުނީ އޮންލައިން ފޯމެއް މެދުވެރިކޮށް އިންޓަނެޓް ބޭންކިންގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް އެދި ބައެއް ކަސްޓަމަރުންނަށް އީމެއިލެއް ލިބެމުން ދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެކަމަކު، އެއީ ސައްހަ އީމެއިލެއް ނޫން ކަމަށް އެ ބޭންކުން ބުންޏެވެ.
ބޭންކް އެކައުންޓާއި އިންޓަނެޓް ބޭންކިންގެ ތަފްސީލުތައް ހިއްސާކުރަން ނުވަތަ އަޕްޑޭޓް ކުރަން އީމެއިލް މެދުވެރިކޮށް ނޭދޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
"އެހެންވެ، މިފަދަ އީމެއިލްތަކަށް ސަމާލުވުމާ އެކު، އެ އީމެއިލްގައި ބުނާ ތަފްސީލްތައް ހިއްސާ ނުކުރުމަށް އެދެން،" ޓްވީޓުގައިވެ އެވެ.
މީގެ ކުރިން ވެސް ބޭންކުން ވަނީ މިފަދަ މައްސަލައެއްގައި ސަމާލުވުމަށް އެދިފަ އެވެ.