23 ފެބުރުއަރީ 2023 - 15:52

ވ. ވެންފަރު ކައިރިން އޮޔާދަނިކޮށް މިދިޔަ ޑިސެމްބަރު މަހު ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓަކުން ގެއްލުނު އަދި މަރާލާފައިވާ ކަމަށް ބެލެވޭ މުހައްމަދު ލިޓަންގެ ހަށިގަނޑު ނޫން ކަމަށް ކަށަވަރު ވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ތެޔޮ ބޯޓެއްގައި ވިލިމާލެއިން ފުރި، ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް، 45، އާއި ބަންގްލަދޭޝްގެ މުހައްމަދު ލިޓަން، 35، ކަނޑުމައްޗަށް ގެއްލިގެން ރިޕޯޓުކޮށްފައި ވަނިކޮށް ނިޒާމް ވަނީ މާލޭގައި އުޅެނިކޮށް ފެނިފަ އެވެ. އެކަމަކު ލިޓަން އަދިވެސް ނުފެނެ އެވެ.
ނިޒާމް، ލިޓަން މަރާލާފައި ކަނޑަށް އެއްލައިލީ ކަމަށް ތުހުމަތުކޮށް ދައުވާކުރަން ވަނީ ނިންމައިފަ އެވެ.
ފެނުނީ ލިޓަންގެ ހަށިގަނޑުކަން ޑީއެންއޭ ޓެސްޓުތަކުން ކަށަވަރު ނުވިޔަސް، ނިޒާމްގެ މައްޗަށް މަރުގެ މައްސަލާގައި ދައުވާ ކުރެވޭނެ ކަމަށް ގާނޫނީ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
ފުލުހުން މިއަދު ބުނީ ފެނުނު ހަށިގަނޑަކީ އޮޔާ އެކު ރާއްޖޭން ބޭރުން އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމަށް ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނިޒާމް އާއި ލިޓަން ދަތުރުކުރި ތެޔޮ ބޯޓު ހުޅުލޭ ކައިރިން އޮޔާ ދަނިކޮށް ފެނުނު ފަހުން، އެ އުޅަނދުގައި ހުރި ކަމަށް ބުނާ ނިޒާމް މާލޭގައި ހުރިކަން އެނގުނީ އޭނާ ކޮފީ ޝޮޕެއްގައި ހުއްޓައި މީހަކު ނެގި ސްލްފީއެއް ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ. ނިޒާމްގެ މައްޗަށް ތުހުމަތުކުރަނީ ފައިސާގެ ބޭނުމުގައި ލިޓަން މަރާލުމަށް ފަހު ކަނޑަށް އެއްލައިލި ކަމަށެވެ.