ދިވެހި ފުޓްބޯޅައިގެ ތެރެއަށް ބަލަކް އެނބުރި އަންނަނީ؟
ދިވެހި ފުޓްބޯޅައިގެ ތެރެއަށް ބަލަކް އެނބުރި އަންނަނީ؟

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ދިވެހި ފުޓްބޯޅައަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް ފަހު މިދިޔަ އަހަރު މަގާމުން އިސްތިއުފާ ދެއްވި އަލީ ވަހީދު (ބަލަކް) އެނބުރި ދިވެހި ފުޓްބޯޅައިގެ ތެރެއަށް އަންނަން އުޅޭ ކަމަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިއްޖެ އެވެ.

ދިވެހި ފުޓްބޯޅައިގެ ތެރެއަށް ބަލަކް އެނބުރި އަންނަނީ؟
ދިވެހި ފުޓްބޯޅައިގެ ތެރެއަށް ބަލަކް އެނބުރި އަންނަނީ؟

ނިއުގެ ޗެއާމަންގެ މަގާމް 2012-2015 އަށް ބަލަކް ކުރެއްވި އިރު އެއީ ނިއުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ދައުރެެވެ. އެގޮތުން 2013 ވަނަ އަހަރު ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ.

ދިވެހި ފުޓްބޯޅައިގެ ތެރެއަށް ބަލަކް އެނބުރި އަންނަނީ؟
ދިވެހި ފުޓްބޯޅައިގެ ތެރެއަށް ބަލަކް އެނބުރި އަންނަނީ؟

އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގެ ލަންޑަނުގައި މިވަގުތު ދިރިއުޅުއްވާ ބަލަކް މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވާފައިވާއިރު އޭގެ ފަހުން އޭނާ ވަނީ ފުޓްބޯޅައާ ގުޅުން ހުރި ދެ ޓްވީޓެއް ކުރައްވައިފަ އެވެ.

އެގޮތުން ފިންލެންޑުގެ ދެ ވަނަ ޑިވިޝަނުގެ ޖޭއެސް ހާކިއުލަސްގެ އިސްވެރިޔެއް ކަމަށްވާ މިކޯ ޕެރަލާއާ އެކު ބަލަކް ލަންޑަނުގައި ނަންގާފައިވާ ފޮޓޯއެއް އެ ކްލަބުން ވަނީ ޓްވީޓްކޮށްފަ އެވެ. އެ ފޮޓޯއާ އެކު ލިޔެފައިވާ މެސެޖުގައި ބުނެފައިވަނީ "ކުރިމަގަށް ބޮޑެތި ކަންތައްތަކެއް ރާވަނީ" ކަމަށެވެ. މީގެ އިތުރުން އަޔަކްސް، އިންޓަ، އާސެނަލް އަދި ނައިޖީރިއާގެ ކުރީގެ ތަރި އެންވަންކޯ ކާނޫއާ އެކު އެ ކްލަބުގެ އިސްވެރިޔަކު ނަގާފައިވާ ފޮޓޯއެއް ވެސް ބަލަކް ރި-ޓްރީޓްކޮށްފައިވެ އެވެ. އެ ކްލަބުގެ ކޯޗަކީ އެވަޓަން އާއި ނައިޖީރިއާގެ ކުރީގެ ކުޅުންތެރިޔާ ޑެނިއަލް އަމޮކާޗީ އެވެ.

ބަލަކުގެ ދައުރުގައި ނިއުގެ ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި ކުރީގެ ޑިފެންޑަރު އަންވަރު އަލީ ވިދާޅުވީ ގައުމުގައި ބޭރުގައި ހުއްޓަސް ބަލަކް ފުޓްބޯޅައާ ވަކި ނުވާނެ ކަމަށާއި ބަލަކް އެނބުރި ފުޓްބޯޅައަށް އައުން ވަރަށް ގާތް ކަމަށެވެ.

"އެ ދުވަސް އެހާ ދުރުހެނެއް ހިޔެއް ނުވޭ،" ބަލަކާ ގާތްގުޅުމެއް އޮންނަ އަންވަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު "މިހާރަ"ށް ދެއްވި އިންޓަވިއުއެއްގައި ވެސް ބަލަކް ވިދާޅުވީ ގައުމުން ބޭރުގައި ހުންނަވާއިރު އެންމެ މިސްވަނީ ދިވެހި ފުޓްބޯޅަ ކަމަށާއި ދިވެހި ފުޓްބޯޅައަށް އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށެވެ.

ސްކޫލް ދައުރުގައި މޮޅަށް ފުޓްބޯޅަ ކުޅުއްވި ބަލަކް ފުޓްބޯޅައިގެ ހިންގުމުގެ ތެރެއަށް ވެންނެވީ މެލޭޝިއާގައި ކިޔަވަން ހުންނެވި އިރު އެ ގައުމުގައި އިންތިޒާމްކުރެއްވި މޯލްޑިވިއަން ކަޕާ އެކު އެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެން ސިޔާސީ ދާއިރާއާ ގުޅިވަޑައިގަތް ނަމަވެސް ނިއުގެ މެނޭޖަރުކަން ކުރައްވައި ފުޓްބޯޅައިގެ ތެރޭ ހަރަކާތްތެރިވެވަޑައިގެންނެވި އެވެ. އަދި 2011 ވަނަ އަހަރު ގައުމީ ޓީމުގެ މެނޭޖަރުކަން ކުރެއްވި އިރު އެ އަހަރު ފަހުކޮޅު ނިއުގެ ޗެއާމަންގެ މަގާމަށް އިންތިހާބުވެވަޑައިގަތެވެ. އޭނާގެ ދައުރުގައި ނިއު އިން ގައުމީ ތަށި މިލްކުކުރިއިރު އެ ކްލަބުން އަންހެން ފުޓްބޯޅަ ޓީމެއް ނެރުވައްވައި އަދި ވަރަށް ފުޅާ ދާއިރާއެއްގައި އެކަޑަމީ ހިންގެވި އެވެ.

ބަލަކް އިސްތިއުފާ ދެއްވި ފަހުން ނިއު ވަޅުޖެހިފައި އޮތުމަށް ފަހު އާ ބޯޑަކާ އެކު އެ ކްލަބް ވަނީ އަންނަ ސީޒަނަށް ވަރުގަދަކޮށްފަ އެވެ. މިހާރު އުފެދޭ ސުވާލަކީ ބަލަކް އެނބުރި ދިވެހި ފުޓްބޯޅައިގެ ތެރެއަށް އަންނަނީ ކްލަބަކާ ހަވާލުވެގެން ހެއްޔެވެ؟ ނުވަތަ އޭނާ ފަށްޓަވާނީ ފުޓްބޯޅަ އެކަޑަމީއެއް ބާވަ އެވެ. އޭނާ ލަންޑަނުގައި ހުންނަވައި އެކަން ކުރައްވާނީ ކިހިނެއް ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

"އެއީ ސަޕްރައިޒެއް،" އަންވަރު ވިދާޅުވި އެވެ.