10 ޖޫން 2016 - 12:04

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ނެގި ޖަރުމަނު ސްކޮޑުން ތޯމަސް މުލާ ޖާގަ ހޯދީ ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅުނުތާ ހަ މަސް ފަހުންނެވެ. އެ މުބާރާތުގެ ކުރިން މުލާ އަށް ޖަރުމަނުގެ 21 އަހަރުން ދަށުގެ ޓީމުން ވެސް މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އެ މުބާރާތުގައި މުލާ ބޭނުން ކުރި 13 ނަންބަރު ޖޯޒީ އަކީ ކުރިން މައިކަލް ބަލަކާއި ގާޑް މުލާ ބޭނުންކުރި ނަންބަރެވެ. މުލާ ވަނީ އެ މުބާރާތުގައި ގިނަ ބައެއް ހައިރާން ކޮށްލުމަށް ފަހު ރަން ބޫޓު ހޯދައިފަ އެވެ.

ގައުމީ ޓީމަށް އަބަދުވެސް މޮޅަށް ކުޅޭ މުލާ އަކީ މިރޭ ފަށާ ޔޫރޯގައި ވާދަކުރާ ޖަރުމަން ޓީމުގެ ވެސް އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު ބައިނަލްއަގްވާމީ ހުރިހާ މުބާރާތެއްގައި ވެސް ވިދާލައިފަ އެވެ.

ދެ ހާސް ދިހަ ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މުލާގެ ލަނޑުތަކާ އެކު މޮޅުވަމުން އައިސް ޖަރުމަނު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި އެވެ. ސެމީ ފައިނަލުން އެ ޓީމު ކެޓީ ސްޕެއިން އަތުން 1-0 އިން ބަލިވެގެންނެވެ. ސަސްޕެންޝަނުގެ ސަބަބުން މުލާ އެ މެޗުގައި ނުކުޅެ އެވެ. މުލާ ބުނީ އެއީ މިހާތަނަށް ކެރިއަރުގައި ދިމާވި އެންމެ ހިތާމަވެރި ދުވަސް ކަމަށެވެ.
ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މުބާރާތުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި މުލާ އަށް އެ މުބާރާތަށް ފަހު ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ފްރާންޒް ބެކެންބާއު އާއި ގާޑް މުލާ އަދި އޮލިވިއޭ ބިއެހޯފް ހިމެނެ އެވެ.
ޖަރުމަނާ އެކު މުލާ ނުކުތް ދެ ވަނަ މުބާރާތަކީ 2012 ވަނަ އަހަރު ޕޮލެންޑާއި ޔޫކްރޭންގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ކޮލިފައިންގެ ހުރިހާ މެޗަކުން ޖަރުމަނު މޮޅުވިއިރު މުލާ ވަނީ ތިން ލަނޑު ޖަހައި ހަތް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އެ ފަހަރުގެ މުބާރާތުން ޖަރުމަނު ކެޓީ ސެމީ ފައިނަލުގައި އިޓަލީ އަތުންނެވެ. އެ މުބާރާތުގައި މުލާގެ ލަނޑެއް ނުފެނުނު ނަމަވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މުލާ އަށް ޖަރުމަނު ޓީމު ޖާގަ ލިބުނީ ޔޯކިމް ލޯ އެ ޓީމާ ހަވާލުވި ފަހުންނެވެ. ފުރަތަމަ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައި މުލާގެ ކުޅުން ބެލުމަށް ގިނަ ބަޔަކު އަވަސްވެގަތެވެ.
މުލާ ވަނީ އެ މުބާރާތުގައި ޖަރުމަނު ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލް ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ. އެ މެޗަށް ފަހު ލޯ ބުނީ މުލާ އަކީ ތަފާތު ކުޅުންތެރިޔެއް ކަމަށާއި ލަނޑު ޖެހުމުގައި އެ ފަދަ ދެ ވަނަ އެއް ނެތް ފޯވާޑެއް ކަމަށެވެ.
ޖަރުމަނު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މުލާ ވަނީ އޭނާ މުބާރާތްތަކުގައި ދައްކަމުން އައި މޮޅު ކުޅުން ތަކުރާރު ކޮށްފަ އެވެ. އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދި ކޮލަމްބިއާގެ ޖޭމްސް ރޮޑްރިގޭޒަށް ކާމިޔާބު ކުރެވުނީ ހަ ލަނޑެވެ. މުލާ ދެ ވަނަ އަށް ދިޔައީ ފަސް ލަނޑާ އެކު އެވެ.
މިފަހަރުގެ ޔޫރޯ ކޮލިފައިންގައި ޖަރުމަނުން ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުގައި މުލާ ވަނީ ކުޅެފަ އެވެ. ނުވަ ލަނޑު ޖެހިއިރު މުލާ އަކީ ކޮލިފައިންގައި ޖަރުމަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ.
މި ފަހަރުގެ ޔޫރޯ އަށް އައިއިރު މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި މުލާ ހިމެނެ އެވެ. މުލާ ވަނީ މިދިޔަ ސީޒަނުގައި ބަޔާން މިއުނިކަށް 32 ލަނޑު ޖަހައިފަ އެވެ. މިއީ އޭނާ ކެރިއަރުގައި އެންމެ ރަނގަޅަށް ބަޔާނަށް ކުޅުނު ސީޒަނެވެ.