23 ފެބުރުއަރީ 2023 - 14:50

ތަޖުރިބާކާރު އެޓޭކިން މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ހަތް އަހަރަށް ފަހު އެނބުރި އީގަލްސް އަށް ބަދަލު ވެއްޖެ އެވެ.
ގައުމީ ޓީމަށް ވެސް ކުޅެފައިވާ އީސަ ވަނީ މީގެ ކުރިން އީގަލްސް އަށް ކުޅުނީ 2014 އަދި 2015 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އެންމެ ފުރަތަމަ އަހަރު ވެސް އީސަ ވަނީ އީގަލްސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ގެންގޮސްދޭން މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެ އަހަރު އީގަލްސްގެ ކެޕްޓަނަކީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. އޭނާ ކުޅުން ހުއްޓާލުމާ އެކު ސީޒަނުގެ ފަހު ބައިން ފެށިގެން އެ ޓީމުގެ ކެޕްޓަނަކީ އީސަ އެވެ.
ރ. ދުވާފަރަށް އުފަން އީސަ އެންމެ ފުރަތަމަ ފާހަގަވީ މަޝްހޫރު ވިކްޓަރީ ސްޕޯޓްސް ކުލަބުންނެވެ. އެއަށް ފަހު ފުރަތަމަ ފަހަރަށް އީގަލްސް އަށް ބަދަލު ވުމުގެ ކުރިން، ވީބީ ސްޕޯޓްސް ކުލަބާއި މާޒިޔާ އަދި ނިއު ރޭޑިއަންޓަށް ވެސް އޭނާ ވަނީ ކުޅެފަ އެވެ.
އީގަލްސް ދޫކޮށްލުމަށް 2016 ވަނަ އަހަރު އީސަ ވަނީ އެނބުރި މާޒިޔާ އަށް ބަދަލު ވެފަ އެވެ. އެއަށް ފަހު ވިކްޓަރީ އަށް ވެސް ބަދަލުވެ، އަނެއްކާ ވެސް ފެނުނީ މާޒިޔާ އިންނެވެ. ދެހާސް ނަވާރަ ވަނަ އަހަރު ޓީސީ ސްޕޯޓްސް ކުލަބަށް ބަދަލުވެ، އޭނާ ވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވެސް ކުޅެފަ އެވެ. މިދިޔަ ސީޒަން ގައި އޭނާ ފެނުނީ ކުލަބް ވެލެންސިއާ އިންނެވެ.
އީސަ އީގަލްސް އަށް ކުޅުނު ދެ އަހަރު ވެސް އެ ޓީމަށް އަށް އިރުޝާދު ދިނީ އެ ޓީމުގެ އެންމެ ކާމިޔާބު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) އެވެ. ސާންތި ވަނީ ޔޫވީ ގައި ވެސް އީސަ އަށް އިރުޝާދު ދީފަ އެވެ. އީގަލްސް އިން ވަނީ ހަ އަހަރަށް ފަހު އަލުން ސާންތި އާ އަލުން އެޓީމުގެ ކޯޗުކަން ހަވާލުކޮށް، މީގެ ހަފްތާއެއް ކުރިން ފަރިތަކުރުންތައް ފަށައިފަ އެވެ.
އީގަލްސްގެ ޕްރެކްޓިހުގައި އީސަ ބައިވެރިވާން ފަށައިފައި ވާއިރު، ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އާއި ގޯލްކީޕަރު މުހައަމަދު ޝަފީއު (ޗެކް) ވެސް އީގަލްސް ޕްރެކްޓިސް ގައި އަންނަނީ ބައިވެރި ވަމުންނެވެ. އީސަ އާއެކު ބެންޖޯ ވެސް އެންމެ ފަހުން ވެލެންސިއާ އިން ފެނުނުއިރު ޗެކް މިދިޔަ އަހަރު ކުޅުނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ.
އާ ސީޒަނަށް ތައްޔާރުވާން އީގަލްސް އިން ގެނައި އިތުރު ކުޅުންތެރިންގެ ތެރޭގައި މާޒިޔާ އަށް ކުޅުނު އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާއި ޓީސީ އަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ގެ އިތުރުން ޔޫވީގެ މޫސާ އަޒީމް ހަސަން އާއި ލަމާން ޒުހެއިރު އާއި އައިހަމް ސައީދު (އައިކޮ) އަދި އަބްދުﷲ އަމިން ހިމެނެ އެވެ. ހަމަ އެއާ އެކު އީގަލްސްގެ ޒުވާން ޓީމުތަކަށް ކުޅެމުން އައިސް ސީނިއާ ޓީމަށް ވެސް ކުޅެ، ފަހުން ފުޓްސަލް އަށް ދިޔަ އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި) ވެސް ވަނީ އަލުން ޓީމަށް ގެނެސްފަ އެވެ.
ކުރިން އީގަލްސް ޓީމުގައި ހިމެނުނު މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަހުމަދު ނޫމާން އަދި ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ވަނީ މާޒިޔާ އަށް ބަދަލު ވެފަ އެވެ.