20 ޖެނުއަރީ 2017 - 06:55

ދިވެހި ފިލްމީ ތަރިންނަކީ ވަރަށް އަވަހަށް ގެއްލޭ ބައެކެވެ. ބައެއް ތަރިން ދެތިން ފިލްމް ކުޅެފައި ގެއްލުމަކީ ރާއްޖޭގައި އާ ކަމެކެވެ. އެހެން އެ ވަނީ ފަހަރުގައި މި ދާއިރާ އަށް އޮންނަ ޝައުގުވެރިކަމާއި ލޯބި ކުޑަވުމުން ކަމަށް ވެދާނެ އެވެ.

ނޫން ނަމަ ބޭނުންވާ ކަހަލަ ފުރުސަތުތަކެއް ނުލިބުމަކީ ވެސް ވެދާނެ ގޮތެކެވެ. ކޮންމެއަކަސް ވަރަށް ފާހަގަކޮށްލެވޭ ތަރިންތަކެއް ދިވެހި ފިލްމީ ދާއިރާ އިން ފެނިފައިވެ އެވެ. އެގޮތުން އެންމެ ފިލްމަކުން ފެނިފައި ގެއްލުނު ތަރިން ވެސް މަދެއް ނޫނެވެ.
މި ފަހަރު މި ކަހަލަ ބައެއް ތަރިންނަށް ބަލައިލުން ކިހިނެއް ވާނެ ބާވަ އެވެ؟
މި ނަމަކީ ދިވެހި ފިލްމީ ދާއިރާ އަށް އެއްގޮތަކަށް ވެސް އާ ނަމަކަށް ނުވާނެ އެވެ. ހަތްދިހަ އާއި އަށްޑިހައިގެ އަހަރުތަކުގައި މަރިޔަމް ރަޝީދާ ކިޔާ ބަތަލާއަކު ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ އެވެ. ހާއްސަކޮށް މުހައްމަދު ރަޝީދު (ދަރާ) އާ އެއްކޮށް އޭނާ ކުޅުނު ފިލްމްތައް މަތިން ބެލުންތެރިން އަދިވެސް ހަނދާން ހުންނާނެ އެވެ.
އެކަމަކު ދައްކަން މި އުޅެނީ އެ މަރިޔަމް ރަޝީދާގެ ވާހަކައެއް ނޫނެވެ. މިއީ ވެސް ހަމަ އަށް އައްޑު އަށް ނިސްބަތްވާ މަރިޔަމް ރަޝީދާއެކެވެ. އެކަމަކު "ލޭ ކަރުނަ" އާއި "ހާލި" ފަދަ ފިލްމްތައް ކުޅުނު މަރަދޫ މަރިޔަމް ރަޝީދާއާ ހިލާފަށް މިއީ ފޭދޫ މަރިޔަމް ރަޝީދާ އެވެ.
އެހެން ނަމަވެސް މި ބަތަލާގެ މަތިން ބެލުންތެރިން ހަނދާން ހުރީ ކިހާ ވަރަަކަށް ކަމެއް ނޭނގެ އެވެ. މިއީ ހަމަ އެންމެ ފިލްމެއް ކުޅެފައި ގެއްލުނު ބަތަލާއެކެވެ. އެ ފިލްމަކީ 1990 ވަނަ އަހަރު އީސާ ޝަރީފް ޑައިރެކްޓް ކުރި "ލަވް 90" އެވެ.
އައްޑޫގައި ވެސް ވަރަށް ބޮޑު ބައި ޝޫޓް ކުރި މި ފިލްމުގެ ބަތަލާގެ ރޯލް މި މަރިޔަމް ރަޝީދާ އަށް ލިބުނީ "ލަވް 90" ޝޫޓް ކުރަން އައިސް، އެ ފިލްމަށް ބަތަލާއަކު ހޯދަން އީސަމެން އަތްފުނާ އަޅަމުން ދަނިކޮށެވެ.
އޭރު އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ އައްސަދު ޝަރީފް ބަތަލުގެ ރޯލް ކުޅުނު "ލަވް 90" ގައި މަރިޔަމް ރަޝީދާ ކުޅުނީ މާލޭގެ ވަރަށް މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ރޯލެވެ.
އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން އައްޑު ގޮސް އުޅުމުގެ ތެރޭގައި އައްޑޫގެ ފަގީރު އާއިލާއެއްގެ ޒުވާނަކާ (އައްސަދު) ދެކެ މަރިޔަމް ރަޝީދާ އަށް ލޯބިވެވެ އެވެ. އެހެން ނަމަވެސް އެ ގުޅުމަށް އާއިލާ އިން ގަބޫލެއް ނުވެ އެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އީސަ އާއި މުހައްމަދު ރަޝީދު (ދޮން އަންނާރު) ވެސް ހިމެނެ އެވެ.
"ލަވް 90" އަށް ފަހު، މަރިޔަމް ރަޝީދާ ގެއްލުނީ އެވެ. އޭގެ ފަހުން އެއްވެސް ފިލްމަކުން އަދި ފިލްމީ ދާއިރާގެ އެއްވެސް ކަމަކުން އޭނާ ފެނިފައެއް ނުވެ އެވެ.
މިދިޔަ އަހަރު ބޭއްވި އޮފީސް ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވުނު އެމްޑަބްލިއުއެސްސީގެ "ދެކޭ ގޮތް" ޑްރާމާގައި މި މަރިޔަމް ރަޝީދާގެ ދޮށީ ފިރިހެން ދަރިފުޅު މައުސިމް މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.
މިއީ 1994 ގައި "ދެރިޔާ" އިން އެތައް ބަޔަކު ރޮއްވާލި ބަތަލާ އެވެ. މުހައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓް ކުރި ފިލްމުން، އޭރުގެ ފިރިމީހާ އަލީ ހާލިދާ އެކު ފެނިގެން ދިޔަ ހައްވައަކީ ގިނަ ބަޔަކު ވަރަށް އުންމީދު ކުރި ބަތަލާއެކެވެ.
"ދެރިޔާ" އަށް ފަހު، އައްޑޫ ހިތަދު އަށް އުފަން މި ބަތަލާ އަށް ގިނަ ހުށަހެޅުންތައް ވެސް ލިބުނު ކަމަށްވެ އެވެ. އެކަމަކު އެ ފިލްމުން އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރުމަށް ފަހު ހައްވަ ގެއްލުނީ އެވެ. ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނެތުމުން، އެކަން ކުރަން އޭނާ ބޭނުން ނުވީ އެވެ.
"ދެރިޔާ" އަށް ފަހު، ފިލްމީ އެއްވެސް މަސައްކަތަކުން ހައްވަ ފެނިފައެއް ނުވެ އެވެ. އޭރު "ދެރިޔާ" އިން ލިބުނު މަޝްހޫރުކަމާ އެކު، އެ ފިލްމުގައި ހައްވަގެ އެެއް ކޯސްޓާރަކަށް އުޅުނު މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު 1995 ގައި ނެރުނު ވާހަކަ "ހައްގު" ގެ ކަވަރުގައި ހައްވަގެ ފޮޓޯ ޖެހި އެވެ.
މިއީ އަނެއްކާ ވެސް އައްޑޫން އުފަންވި ބަތަލާއެކެވެ. މަރަދޫ މުނީރާ އެވެ. އޭނާ ފިލްމީ ދާއިރާ އަށް ތައާރަފުވީ، ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހާ އެކުގަ އެވެ. އެއީ ހުސައިން ޝިހާބް ޑައިރެކްޓް ކުރި "ކުލުނު" އިންނެވެ.
އައްޑޫގައި ބައެއް މަންޒަރުތައް ނެގި އެ ފިލްމުގައި ކުރީގެ މަޝްހޫރު ބަތަލާ އައިޝަތު ޝިރާނީ ވެސް މުހިއްމު ރޯލެއް ކުޅުނެވެ.
"ކުލުނު" އަށް ފަހު، މުނީރާ އެއްވެސް ފިލްމެއް ކުޅެފައެއް ނެތެވެ. އެކަމަކު ބައެއް ވީޑިއޯ ލަވަތަކުން އޭނާ ފެނިފައިވެ އެވެ.
ގިނަ މީހުންނަށް ޖެނިފާ ލަތީފު އެނގޭނީ ސިޔާސީ ކަންކަމާ ގުޅިގެން ކަމަށް ވެދާނެ އެވެ. ޖެނިފާއަކީ ވެސް އެންމެ ފިލްމެއް ކުޅެލާފައި ގެއްލުނު ބަތަލާއެކެވެ.
އެކަމަކު އެ ފިލްމަކީ އެއްގޮތަކަށް ވެސް އާދައިގެ ފިލްމެއް ނޫނެވެ. ނެދުންދޭ އައިމިނަތު ނަޖީބް ޑައިރެކްޓް ކުރި "ފުއްޓަރު" އަކީ ދިވެހިންގެ ކުރީގެ ދިރިއުޅުން ވަރަށް ބޮޑަށް ދައްކުވައި ދިން، ދިވެހިވަންތަ ފިލްމެކެވެ.
ހަތަރު ޒުވާނެއްގެ މެދުގައި ހިނގާ ލޯބީގެ ހާދިސާތަކެއް ދައްކުދޭ "ފުއްޓަރު" ގައި އެންމެ މުހިއްމު ރޯލެއް ކުޅުނު ބަތަލާއަކީ ޖެނިފާ އެވެ.
މިއީ "ދެރިޔާ" ގެ ޕްރޮޑިއުސަރު މުހައްމަދު މުހައިމުން އުފެއްދި "ރަންމުތް" އިން ފެނިގެން ދިޔަ ބަތަލާއެކެވެ. އަދި އާމިރާއަކީ ރެކޯޑް އަގަކަށް އޭރު އެ ފިލްމަށް ސޮއި ކުރި ބަތަލާއެއް ވެސް މެ އެވެ.
އާންމުންގެ ތެރޭގައި "ރަންމުތް" އެހާ މަގުބޫލު ފިލްމަކަށް ނުވިޔަސް، އެ ފިލްމަކީ ހާއްސަކަން ކުޑަ ފިލްމެއް ނޫނެވެ.
ފިލްމުގައި އާމިރާ ކުޅުނީ އިސްމާއީލް ވަޖީހުގެ ދަރިއެއްގެ ރޯލެވެ. އަދި އެ ފިލްމަކީ އިންޑިއާގެ ބަތަލާ ރާޖޭޝްވަރީއާ އެކު ލަވައެއް ކުޅުނު ފިލްމް ވެސް މެ އެވެ.
ޝާހްޒާދާ އަކީ ފުވައްމުލަކުން ފިލްމީ ދާއިރާ އަށް ތައާރަފުވި ބަތަލާއިންގެ ތެރެއިން އެއް ބަތަލާ އެވެ. އޭނާގެ ފުރަތަމަ ފިލްމަކީ އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓް ކުރި "ހިނިތުން" އެވެ.
ފާތުމަތު ނަހުލާގެ ވާހަކައަކަށް ހެދި އެ ފިލްމަކީ، ފިލްމީ ދާއިރާ އަށް އިތުރު އެހެން ތިން ތަރިއަކު ވެސް ތައާރަފުވި ފިލްމެކެވެ. އެއީ ޖަމްޝީދާ އަހުމަދާއި އިސްމާއީލް ހިލްމީ އާއި މާހިރެވެ.
"ހިނިތުން" އަށް ފަހު، ޝާހްޒާދާ އެއްވެސް ފިލްމަކުން ނުފެނެ އެވެ. އެކަމަކު ބައެއް ވީޑިއޯ ލަވަތައް ކުޅުނެވެ.