23 ފެބުރުއަރީ 2023 - 14:14

ސާބިއާގެ ގިނަ ކްލަބުތަކެއްގެ އިތުރުން ޗައިނާ ސުޕަ ލީގުގައި ވެސް ކުޅެފައިވާ ސާބިއާގެ ފޯވާޑޤ ސްޓެފާން މިހައިލޮވިޗް، 28، ގެ ސޮއި ހޯދައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން ޓީމުގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަ ކޮށްފި އެވެ.

އާ ސީޒަނަށް ތައްޔާރުވާން މާޒިޔާ ބޭރު ފޯވާޑެއް ގެނައުމުގެ ކުރިން އެ ޓީމުން ވަނީ ރާއްޖޭގެ ޒުވާން އަދި ތަޖުރިބާކާރު ހުނަރުވެރި ގިނަ ފޯވާޑުންތަކެއް ޓީމަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި އަލީ ފާސިރު (ސެންޓޭ) އާއި ހަސަން ނަޒީމް (ޗޯޓު) ގެ އިތުރުން ހަސަން ރާއިފް އަހުމަދު (ހަންނަ) ހިމެނެ އެވެ.
މީގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) ގެ ކޮންޓްރެކްޓް މާޒިޔާ އިން ވަނީ އާކޮށްފަ އެވެ. ފޯވާޑުންގެ ތެރެއިން އެ ޓީމުން ދޫކޮށްލީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
މިހައިލޮވިޗަކީ ކުރީގެ ޔޫގޯސްލާވިއާ ގައުމީ ޓީމަށް ކުޅުނު ފޯވާޑް ރަޑްމިލޯ މިހައިލޮވިޗްގެ ދަރިއެކެވެ. ރަޑްމިލޯ މިހައިލޮވިޗް އަކީ ޖަރުމަނުގެ ބެޔާން މިއުނިކާ އެކު 1989/1990 ސީޒަން ގައި ލީގު ކާމިޔާބު ކުރި ކުޅުންތެރިއެކެވެ.
ސާބިއާގެ ވަރުގަދަ ރެޑްސްޓާ ބެލްގްރޭޑުން ތަމްރީނު ވެގެން އެ ކުލަބުން 2012 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި މިހައިލޮވިޗް ވަނީ ސާބިއާ ސުޕަ ލީގުގެ އިތުރު ފަސް ކުލަބަކަށް ކުޅެފަ އެވެ. ޔޫރޮޕާ ލީގު ކޮލިފައިން ގައި ތިން ސީޒަނެއްގައި ކުޅުނު މިހައިލޮވިޗް ވަނީ ސްވިޒަލެންޑްގެ ދެ ވަނަ ޑިވިޝަން ގައި ވެސް އެއް ސީޒަނުގައި ކުޅެފަ އެވެ.
ސާބިއާގެ ލީގު ޗެމްޕިއަންކަން ރެޑްސްޓާ ބެލްގްރޭޑާ އެކު އެއް ފަހަރު ހޯދާފައިވާ މިހައިލޮވިޗް ޗައިނާގައި އެންމެ ފުރަތަމަ ކުޅުނީ 2020 ވަނަ އަހަރު، އެ ގައުމުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ގުއިޒޫ ހަންގްފެންގް އަށެވެ. ޗައިނީޒް ސުޕަލީގަށް ބަދަލުވީ އެ ޓީމަށް ދެ ސީޒަން ކުޅުމަށް ފަހު، މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ސުޕަ ލީގުގެ ކަންގްޒޫ މައިޓީ ލަޔަންސް އަށް ކުޅުމަށް ފަހު، އަހަރުގެ ފަހުކޮޅު ފެނުނީ ސާބިއާގެ ރަޑްނިކޯ ނިސް އިންނެވެ.
ކުރިއަށް އޮތް ސީޒަނަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބިދޭސީ ހަ ކުޅުންތެރިން ގެނެވޭ ގޮތަށް ނިންމައިފަ އެވެ. މިހައިލޮވިޗަކީ މާޒިޔާ އިން މި ސީޒަން ގައި އެޓީމަށް ގެނައި ބިދޭސީ ދެ ވަނަ ކުޅުންތެރިޔާ އެވެ. އެ ޓީމުން ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ މިސްރުގެ މިޑްފީލްޑަރު ހަލީލް ގަމާލް ގެ ސޮއި ވެސް ހޯދައިފަ އެވެ.
މާޒިޔާ އިން އަލަށް އެ ޓީމަށް ގެނައި ކުޅުންތެރިންތަކުގެ ތެރޭގައި ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން އަހުމަދު ނޫމާން އަދި މިދިޔަ އަހަރު ދެ ވަނަ ޑިވިޝަން ގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު މުހައްމަދު ޝަމްވީލް ހިމެނެ އެވެ.
މީގެ އިތުރުން އެޓީމުގެ އެކަޑަމީ އިން ތަމްރީނު ވެފައިވާ 19 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިއެއް ކަމަށްވާ އާދަމް ލަޔާން ރަޝީދު، މުހައްމަދު އިޔާން ހަސަން، އަފްޒަލް މުހައްމަދު އަދި އަބްދުﷲ ލޫތު ހަސަން އަށް ވަނީ ދިގު މުއްދަތެއްގެ ސީނިއާ ކޮންޓްރެކްޓެއް ދީފަ އެވެ.
ކޯޗަކަށް އިންޑޮނޭޝިއާގެ ކުރީގެ ގައުމީ ކޯޗު، ބަލްގޭރިއާގެ އީވާން ކޮލޭވް ހަމަޖައްސައި މާޒިޔާ އިން ވަނީ އާ ސީޒަނަށް ޕްރެކްޓިސް ފަށައިފަ އެވެ.