ރާއްޖޭގެ އެތައް ބައެއްގެ މައުލޫމާތު އިންޓަނެޓުގައި ވަނީ ލީކުވެފައި: ޕޮލިސް
ރާއްޖޭގެ އެތައް ބައެއްގެ މައުލޫމާތު އިންޓަނެޓުގައި ވަނީ ލީކުވެފައި: ޕޮލިސް

ރާއްޖޭގެ އެތައް ބައެއްގެ ސޯޝަލް މީޑިއާގެ ޑޭޓާ އިންޓަނެޓުގައި ލީކުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެތައް ބައެއްގެ ބޭންކު އެކައުންޓުން ފައިސާ ގެއްލި އާއްމުންގެ ޝަކުވާ ބޮޑުވެފައިވަނިކޮށް ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނީ ފޭސްބުކާއި ޓްވިޓާ އަދި އިންސްޓަގްރާމް ޑޭޓާ ބްރީޗުތަކުގައި ރާއްޖޭގެ އެތައް ބައެއްގެ ލޮގިން ކްރެޑެންޝަލްސް އިންޓަނެޓުގައި ލީކުވެފައިވާ ކަމަށެވެ.

ނަމަވެސް، އެ ހާދިސާތައް ހިނގަނީ ކިހިނެއް ކަމެއް ގިނަ މީހުންނަށް ނޭނގޭ ކަމަށާއި އެފަދަ އެޕްލިކޭޝަންތަކުން ވެސް ޕާސްވޯޑް ބަދަލުކުރުމަށް އާއްމުކޮށް އިއުލާނުކުރިޔަސް ހަނދާންނެތި ނުވަތަ އެހެން ސަބަބަކާ ހުރެ ވިޔަސް އެކަން ނުކޮށް ހުންނަ ކަމަށް ބުންޏެވެ.

އިންޓަނެޓް ބޭންކިން ރަޖިސްޓްރީ ކުރަން ބެންކަށް ދީފައިވާ އީމެއިލް އެޑްރެސް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެކައުންޓްތައް ހެދުމާއި އީ-ކޮމާސް ވެބްސައިޓުތަކުގައި ރަޖިސްޓްރީކުރުން އަދި އޮންލައިން ގިނަ ހިދުމަތްތަކެއްގައި އެއް އީމެއިލް އެޑްރެސްއެއް ރަޖިސްޓްރީ ކޮށްފައި ވެސް ހުރެ އެވެ.

އެގޮތަށް އޮންލައިން ހިދުމަތްތަކަށް ރަޖިސްޓްރީކުރާއިރު ގިނަ ފަހަރު އީމެއިލް އެޑްރެސް އާއި ޕާސްވޯޑް ޖަހަން ޖެހުމުން، އެ ހިދުމަތްތަކުގައި ވެސް އަސްލު އީމެއިލްގެ ޕާސްވޯޑް ބޭނުންކޮށްފައި ހުންނަ ކަމަށް ފުލުހުން ބުންޏެވެ.

ވެބްސައިޓުގައި ބުނީ ހުރިހާ ހިދުމަތަކަށް އެއް ޕާސްވޯޑެއް ޖަހާފައި ހުރުމާއި ބޭނުންކުރާ އީމެއިލް އެޑްރެސް ވެސް އެ އީމެއިލް ސާވިސްއިން ދީފައި ހުންނަ ސެކިއުރިޓީ ފީޗާސް އެކްޓިވޭޓްކޮށް ރައްކާތެރިކަމުގެ ގޮތުން އެޅެން ހުންނަ ފިޔަވަޅުތައް ސެކިއުރިޓީ ސެޓިންސް ކޮންފިގާ ކޮށްފައި ނުހުންނަ ކަމަށެވެ.

"ބައެއް މައްސަލަތަކުގައި އީމެއިލް އެކައުންޓުގެ ޕާސްވޯޑް މެނޭޖާގައި އިންޓަނެޓް ބޭންކިން ޔޫސާ ނޭމާއި ޕާސްވޯޑް ސޭވްކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވެ އެވެ. އެހެންކަމުން މި މައުލޫމާތު ސޭވްކުރެވިފައިވާ ނަމަ އީމެއިލް ކޮމްޕްރޮމައިޒް ވުމުން ސްކޭމް ހިންގާ މީހުންނަށް މި މައުލޫމާތު ލިބިގެންދެ އެވެ. އަދި އިތުރު އެއްވެސް ހުރަހެއް ނެތި އިންޓަނެޓް ބޭންކިން އަށް އެކްސެސް ލިބިގެންދެ އެވެ." ވެބްސައިޓުގައި ބުންޏެވެ.

"އަމިއްލަ ޑިވައިސް ނޫން އެހެން ޑިވައިސްތަކުން (އިތުބާރު ނުހިފޭ ޑިވައިސްއަކުން) އިންޓަނެޓް ބޭންކިން އަދި އީމެއިލް ސާވިސްތަކަށް އެކްސެސްވެ އެފަދަ ޑިވައިސްތަކުގެ ބްރޯޒާގައި ޕާސްވޯޑް ސޭވްކުރެވިފައި ހުންނަކަން ވެސް ފާހަގަކުރެވިފައިވެ އެވެ."

އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށް ފަހު އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރުމާއި އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއުއާރު ސްކޭން މެދުވެރިކޮށް މޮބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އާއި ތަފާތު މުދާ ގަނެފައިވެ އެވެ.

ޕޮލިހުން ބުނީ އެ މައްސަލަތައް ތަހުގީގުކުރިއިރު، އެކި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ (ޕިޝިން) ލިންކުތަކުން މައުލޫމާތު ހޯދާ ކަމަށެވެ.

"ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އާދެއެވެ. މި މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާ ފަރާތްތަކަށް އެނގިގެންދެ އެވެ. މި ބާވަތުގެ ލިންކުތައް ކުށްކުރާ މީހުން އެކި މުއައްސަސާގެ ނަމުގައި ތައްޔާރުކުރެ އެވެ. މިސާލަކަށް، އެޗްޑީސީގެ ފަރާތުން ޕޯޓަލް އަޕްޑޭޓް ކުރުމަށް ނުވަތަ އެނޫން ވެސް ސަބަބަކާހުރެ ކަމަށް ބުނެ ފޮނުވާ ލިންކަށް ފިތާލުމުން، އެ ލިންކު ހުޅުވައިލާއިރު އެއީ އެޗްޑީސީގެ ވެބްސައިޓުކަމަށް ގަބޫލުކުރެވޭ ގޮތަށް ފަރުމާކޮށްފައިހުރެ އެވެ." ވެބްސައިޓުގައި ބުންޏެވެ.

އިންޓަނޭޝަނަލް އެއްވެސް ޑޭޓާ ބްރީޗެއްގައި އީމެއިލް އެޑްރެސް އަދި ޕާސްވޯޑް އިންޓަނެޓްގައި ލީކުވެފައިވޭތޯ https://haveibeenpwned.com ލިންކް މެދުވެރިކޮށް ބަލާލެވޭނެއެވެ.