24 ފެބުރުއަރީ 2023 - 06:01

ބޮލީވުޑްގެ އެކްޓަރު ސިދްހާތު މަލްހޯތްރާ އަދި އެކްޓްރެސް ކިއާރާ އަދްވާނީ ކައިވެނި ކުރިތާ މިހާރު ދުވަސްކޮޅެއް ވެފައި ވާއިރު އަދިވެސް އެ ހަފްލާގެ ރީތި ފޮޓޯތައް އަންނަނީ ދޭތެރެއަކުން ސޯޝަލް މީޑިއާއަށް ދޫކޮށްލަމުންނެވެ.
ކިއާރާ އިއްޔެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި އެ މީހުންގެ ކައިވެނީގެ ހަފްލާގައި ކުރިން ނުފެނި ހުރި ފޮޓޯތަކެއް ވަނީ އާންމުކޮށްފަ އެވެ.
އެ ފޮޓޯތައް ޝެއާ ކޮށްފައިވަނީ އޭނާގެ މަންމަ ޖެނަވީވް ޖެފްރީގެ އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ. އޭގެ ތެރޭގައި، އެ މީހުންގެ މެހެންދީ، ސަންގީތު އަދި ކައިވެނީގެ ހަފްލާގައި ނަގާފައިވާ ފޮޓޯތައް ހިމެނެ އެވެ.
އެއް ފޮޓޯގައި ކިއާރާ އަދި ސިދްހާތު، އެ މީހުންގެ އާއިލާއާ އެކު ފޮޓޯއަށް ހުއްޓިގެން ތިބި ތަން ފެނެ އެވެ. އެހެން ފޮޓޯއެއްގައި، ސަންޖީތު ހަފްލާގައި ކިއާރާގެ މަންމަ، އޭނާގެ ކޮލުގައި ބޮސްދޭން ހުރި މަންޒަރު ފެނެ އެވެ.
ކައިވެނީގެ ކުރިން އޮތް ސަންގީތު ހަފްލާގެ ތެރެއިން ނަގާފައި ހުރި ފޮޓޯތަކެއް ވެސް މީގެ ދެތިން ދުވަސް ކުރިން، ކިއާރާ އަދި ސިދްހާތްގެ ސޯޝަލް މީޑިއާގައި ވަނީ ޝެއާކޮށްފަ އެވެ.
މީގެ ހަފްތާއެއް ކުރިން ކިއާރާ ވަނީ، އޭނަ އާއި ސިދްހާތްގެ ފިލްމް، "ޝާޝާހް" ގެ ލަވަ، "ރަންޖާ" ލިރިކްސް އެ ދެމީހުންނާ ގުޅޭގޮތަށް ބަދަލުކޮށް، ކިޔާފައިވާ ލަވަޔާ އެކު ކައިވެނީގެ ހަފްލާގެ ވީޑިއޯއެއް ޝެއާކޮށްފަ އެވެ. އެ ލަވަޔަކީ، އެ ދެމީހުންނަށް އެންމެ ރީތި ލަވަކަމަށްވެ އެވެ.
ކިއާރާ އާއި ސިދްހާތު ކައިވެނިކުރީ، އިންޑިއާގެ ޖައިސަލްމާރުގައި ހުންނަ ސޫރިގަރް ޕެލެހުގައި، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ދެމީހުންގެ ކައިވެނީގެ އުފަލުގައި ދިއްލީ އަދި މުމްބާއީގައި ވެސް ވަނީ ހަފްލާއެއް ބާއްވާފަ އެވެ. އަދި ދާދި ފަހުން، އެ މީހުން ވަނީ ހަނީމޫން ނިންމާލުމަށް ފަހު، އެނބުރި އައިސްފަ އެވެ.