852 ބިލިއަން: ދުނިޔޭގައި ސްކޭމްތަކުން އެއް އަހަރުގެ ފޭރުން
852 ބިލިއަން: ދުނިޔޭގައި ސްކޭމްތަކުން އެއް އަހަރުގެ ފޭރުން

ބޭންކުން "ކުރިން ވެސް ފޮނުވާ" މެސެޖުގައި އިން ލިންކަކަށް ފިތާލުމުން އެކައުންޓުން އެތައް ބައިވަރު ރުފިޔާއެއް ކެނޑުނީ ކަމަށް ބުނެ އެކަމާ ސުވާލު އުފައްދައި ޝަކުވާތަކާ އެކު ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓަކަށް އިހަށް ދުވަހު ބޮޑު ސަމާލުކަމެއް ލިބުނެވެ. އެ ޕޯސްޓް އެތައް ބަޔަކު ޝެއާ ވެސް ކުރީ އެ ޕޯސްޓުގައި އޮތް އެއްޗެއް ގަބޫލުކޮށްގެންނެވެ.

852 ބިލިއަން: ދުނިޔޭގައި ސްކޭމްތަކުން އެއް އަހަރުގެ ފޭރުން
852 ބިލިއަން: ދުނިޔޭގައި ސްކޭމްތަކުން އެއް އަހަރުގެ ފޭރުން

އެކަމަކު ޕޯސްޓާ އެކު ޝެއާކޮށްފައި އޮތް، ބޭންކުން ފޮނުވި ކަމަށް ބުނާ ސްކްރީންޝޮޓްގައި މުޅިން ވެސް ހުރީ މަކަރާއި ހީލަތުން ފައިސާ ފޭރޭ ނުވަތަ ސްކޭމްކުރާ މީހުން މި ފޮނުވާ މެސެޖުތަކާއި ލިންކުތަކެވެ. އޭގައި ފެންނަން ހުރި އެއްޗިއްސަށް ބަލާއިރު، އެއީ ވަކި ވަގުތެއްގެ ތެރޭގައި، އެ މެސެޖުގައި އެ ބުނާ ގޮތަށް އަމަލު ނުކޮށްފި ނަމަ ކާޑު ނައްތާލާނެ ކަމަށް ބުނާ މެސެޖެކެވެ. ދެން އޮތީ ކާޑު "ލިންކު ކުރަން" ވަންނަން ދީފައި އޮތް ލިންކެކެވެ. އެ ލިންކުން ވަދެ އެ ބުނާ ގޮތެއް ހަދައިފި ނަމަ އެ ދެވުނީ ކާޑުގެ ހުރިހާ މައުލޫމާތެކެވެ.

852 ބިލިއަން: ދުނިޔޭގައި ސްކޭމްތަކުން އެއް އަހަރުގެ ފޭރުން
852 ބިލިއަން: ދުނިޔޭގައި ސްކޭމްތަކުން އެއް އަހަރުގެ ފޭރުން

ސްކޭމްކުރާ މީހުންގެ މަޅިތައް މޮޅީ އެވެ. ހޭލުންތެރިވާންވީ ވަރަށް ނުވެވެނީ އެވެ. ރައްކާތެރިކަން ދޭންވީ ވަރަށް ނުދެވެނީ އެވެ. މިއީ މިކަމުގައި ދެއްކިދާނެހާ ވާހަކަ އެވެ.

852 ބިލިއަން: ދުނިޔޭގައި ސްކޭމްތަކުން އެއް އަހަރުގެ ފޭރުން
852 ބިލިއަން: ދުނިޔޭގައި ސްކޭމްތަކުން އެއް އަހަރުގެ ފޭރުން

އެކަމަކު މި ލިޔުމުގައި ކިޔައިދޭނީ، މައްސަލަ އުޅެނީ ކޮން ބައެއްގެތޯ ބަހުސް ނުކޮށް، ސްކޭމްގެ ވަބާ އޮތް މިންވަރެވެ.

ސްކޭމްތަކުގެ ރާޅު ރާއްޖެއަށް މި ބިންދާލީ މުޅި ދުނިޔެއަށް މި ވަބާ ބޮޑުވެގެން އުޅޭތާ އަހަރުތަކެއް ފަހުންނެވެ. މި މައްސަލަ ބޮޑުވެފައިވާ ކޮންމެ ގައުމެއްގައި ވެސް އާންމުންގެ ތުހުމަތު ބޭންކުތަކަށް އަމާޒުވެ އެވެ.

ޕޭމަންޓް އިންޑަސްޓްރީގެ ޚަބަރާއި ތަފާސްހިސާބު ގެނެސްދޭ "ދަ ޕޭޕާސް" ވެބްސައިޓްގައި މި މަހުގެ 10 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުން 2021 ވަނަ އަހަރު އެކަނި ވެސް މުޅި ދުނިޔޭގައި 293 މިލިއަން ސްކޭމް ރިޕޯޓްކޮށްފައިވާ ކަމަށް އަންދާޒާކުރެވެ އެވެ. މި ސްކޭމްތަކުގައި އެތައް މިލިއަން ބައެއްގެ އަތުން ގެއްލުނު ކަމަށް ބެލެވޭ ފައިސާގެ އަދަދު 55.3 ބިލިއަން ޑޮލަރު (852 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

މި ފަހުން ސްކޭމްތައް މުޅި ދުނިޔޭގައި ވެސް އެންމެ ގިނަވި ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު ސްކޭމްތައް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ނިސްބަތުން 10.2 ޕަސެންޓް އިތުރުވެފަ އެވެ. އެއީ 266 މިލިއަނުން 293 މިލިއަނަށް އިތުރުވެގެންނެވެ. "ޕޭޕާސް" އިން ބުނެފައިވާ ގޮތުގައި ސްކޭމްތައް އަބަދުވެސް އިތުރުވަނީ އެ ދުވަސްވަރެއްގައި ހިނގާ ބޮޑު ކޮންމެވެސް ކަމަކާ ގުޅިގެންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކޮވިޑް ވެކްސިންއާ ގުޅުވައިގެންނާއި ޗުއްޓީތަކާ ދިމާކޮށް އަގު ހެޔޮކޮށް އެއާލައިން ޓިކެޓް ވިއްކާ ކަމަށް ބުނެގެންނާއި ދީނީ އެކި ކަންކަމުގެ ނަމުގަ އާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ނަމުގައި ހިންގާ ސްކޭމްތައް ގިނަ އެވެ. އަދި މިފަދަ ސްކޭމްތައް އަބަދުވެސް އެންމެ ބޮޑަށް އަމާޒުވަނީ އެ ގައުމެއްގައި އެންމެ ގިނަ މީހުން ބޭނުންކުރާ ބޭންކިން ނިޒާމަކަށެވެ.

ދުނިޔޭގެ އާބާދީގެ 60.1 ޕަސެންޓް ނުވަތަ 4.72 ބިލިއަން މީހުން އިންޓަނެޓްގައި ކޮންމެ ދުވަހަކު މަދުވެގެން ހަތް ހަޑިއިރު ހޭދަކުރާ ކަމަށް ބެލެވެ އެވެ. މިއާ އެކު ހުރިހާ ކަމެއް ޑިޖިޓައިޒް ވަމުން އަންނަނީ އެވެ. ނަތީޖާ އަކީ ސްކޭމްތައް ވެސް ގިނަވުމެވެ. ޔޫރަޕްގެ ގައުމުތަކުގައި މިހާރު އެންމެ ގިނައިން ރިޕޯޓްކުރާ ކުށުގެ ބާވަތަކީ އޮންލައިން ސްކޭމެވެ.

އޮސްޓްރޭލިއަން ކޮމްޕެޓިޝަން އެންޑް ކޮންސިއުމާ އޮތޯރިޓީ (އޭސީސީސީ) އިން ބުނެފައިވާ ގޮތުގައި މިދިޔަ ފަސް އަހަރު ތެރޭ އެ ގައުމުގެ އާބާދީގެ 96 ޕަސެންޓް މީހުން ވަނީ ސްކޭމްތަކަށް ހުށަހެޅިފަ އެވެ. މި މީހުންނަށް ހަފްތާއަކު އެއްފަހަރު ނުވަތަ ކޮންމެ ދުވަހަކު، ސްކޭމްކުރާ މީހަކާ ކޮންމެވެސް ގޮތަކުން މުއާލަމާތު ކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ. އިނގިރޭސި ވިލާތުގައި ވެސް ދިރާސާއަކުން ދެއްކި ގޮތުގައި އެ ދިރާސާއަށް މައުލޫމާތު ދިން މީހުންގެ 50 ޕަސެންޓް މީހުންނަކީ އީމެއިލްއެއް، ޓެކްސްޓް މެސެޖެއް ނުވަތަ ސޯޝަލް މީޑިއާއިން ސްކޭމްތަކުގެ ހުށަހެޅުންތައް އައިސްފައިވާ މީހުންނެވެ.

ފިލިޕިންސަށް ބަލާއިރު އެ ގައުމުގެ 53 ޕަސެންޓް މީހުން ވަނީ، އެ މީހުންނަށް މިދިޔަ ތިން މަސް ދުވަހުގެ ތެރޭ، އެކި ސްކޭމްތަކާ ދިމާވެފައިވާ ކަމަށް ބުނެފަ އެވެ. މީގެ ތެރެއިން 11 ޕަސެންޓް މީހުން ވަނީ ސްކޭމްގެ ކެހިވެރި މަޅީގައި ޖެހިފަ އެވެ. ތަރައްގީވަމުން އަންނަ އެތައް ގައުމެއްގައި އޮންލައިން ސްކޭމްތައް އިތުރުވަމުންދާ ކަމަށާއި އެންމެ ގިނައީ މޯބައިލް ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްތައް ކަމަށް ބުނެފައިވެ އެވެ.

ނައިޖީރިއާގައި 2021 ވަނަ އަހަރު މޯބައިލް ފޯނުން ހެދި ޓްރާންސެކްޝަންތައް 164 ޕަސެންޓް އިތުރުވި އިރު އެއާ އެކު ސްކޭމްތައް ވެސް ވީ ގިނަ އެވެ. ސައޫދީ އަރަބިއްޔާގައި ގިނަ މީހުންނަށް ސްކޭމް މެސެޖުތައް ލިބެނީ މޯބައިލް ފޯނަށް ކަމަށާއި އޭގެ ތެރެއިން 14 ޕަސެންޓް މީހުންނަށް ސްކޭމްގެ ލަނޑު ލިބިފައިވާ ކަމަށް ވެސް ތަފާސްހިސާބުން ދައްކަ އެވެ. ދެކުނު އެފްރިކާގައި ގިނަ ބައެއްގެ ޒާތީ މައުލޫމާތު ދެ ފަހަރެއްގެ މަތިން އާންމުވެ ސްކޭމްތައް އިތުރުވެގެން ދިޔައިރު އިންޑޮނީޝިއާގައި 25 ޕަސެންޓް މީހުންނަކީ ސްކޭމްގައި ގެއްލުންވެފައިވާ މީހުންނެވެ.

ސޯޝަލް މީޑިއާ އަކީ ސްކޭމްތައް ފެށިގެން އަންނަ މައިގަނޑު ވަސީލަތް ކަމަށް ގިނަ ގައުމުތަކުގައި ވަނީ ވެފަ އެވެ. ހަގީގަތެއް ނެތް އިޝްތިހާރުތަކާއި ކޮންމެވެސް މީހެއްގެ ފޮޓޯ ނުވަތަ އެހެން މައުލޫމާތެއް ހުންނާނެ ކަމަށް ބުނާ ލިންކު ފަދަ އެއްޗެހި ފޮނުވައި އޭގެ ތެރެއިން މީހުންގެ ބޭންކް ކާޑުތަކާއި އެހެން މައުލޫމާތުތައް ވަގަށް ނެގުން ފަދަ ކަންކަން ހިންގަ އެވެ.

"ޕޭޕާސް" އިން ބުނެފައިވާ ގޮތުގައި އޮންލައިން ސްކޭމްތަކާ ގުޅޭ ސައިބް ކްރައިމްތަކުގެ ތެރެއިން ތަހުގީގުކޮށް ދައުވާކުރެވިފައި ވަނީ މުޅި ދުނިޔެއަށް ބަލާއިރު 0.05 ޕަސެންޓް މައްސަލައިގަ އެވެ. އޭގައި ބުނެފައި ވަނީ ހޭލުންތެރިކަން އިތުރުކޮށްގެން އެކަނި މި މައްސަލައަށް ހައްލެއް ނެތް ކަމަށެވެ.

ސްކޭމްކުރުމަށް ބޭނުންކުރާ އުކުޅުތަކާއި ވަސީލަތްތައް ޓެކްނޮލޮޖީއާ އެކު އަބަދުވެސް ބަދަލުވަމުން ދިއުމަކީ އޮތް ބޮޑު ގޮންޖެހުމެކެވެ. ސްކޭމް ހިންގާ މީހުން ބޭނުންކުރާ ޑޮމެއިންތަކާއި އީމެއިލް އެޑްރެސްތަކާއި ބޭންކް އެކައުންޓް ފަދަ އެކި އެއްޗެހީގެ މައުލޫމާތު އަބަދުވެސް ހޯދައި ބްލޮކް ކުރަމުން ދިއުމަކީ ސްކޭމްތައް މަދުކުރުމަށް ކޮންމެހެން ވެސް މުހިންމު އަދި ނަތީޖާ ފެންނަ ކަމެއްގެ ގޮތުގައި ވަނީ ގަބޫލުކުރެވިފަ އެވެ.

ބޭންކުތަކުން ކަސްޓަމަރުންނަށް ވީހާ ވެސް ރައްކާތެރި ގޮތުގައި ހިދުމަތް ދިނުމަކީ ކުރަންޖެހޭ ކަމެކެވެ. އެކަމަކު ކިތަންމެ ރަނގަޅަށް މިކަން ކުރި ކަމުގައި ވިޔަސް ހިދުމަތް ހޯދާ މީހުން ފަރުވާ ކުޑަކޮށްފި ނަމަ ފޫ ނުބެދޭ ގެއްލުންތައް ވެދާނެ އެވެ.

ހިދުމަތް ހޯދާ މީހުން ސަމާލުވާންޖެހޭ ކަންކަމުގެ ތެރޭގައި؛

● ރައްކާތެރިކަން ކަށަވަރުކޮށްފައި ނޫނީ ވެބްސައިޓްތަކަށް ނުވަންނާށެވެ. ވެބްސައިޓް އެޑްރެހުގައި https ނެތް ނަމަ ވެބްސައިޓާ މެދު ސަމާލުވާށެވެ. ވެބް އެޑްރެހުގެ ފެށޭ ތަނުގައި ރީނދޫ ކުލައިގެ ތަޅެއް ފެންނަ އިން ނަމަ އެއީ ޕޭމަންޓް ހެދުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރި ކަމުގެ ނިޝާނެކެވެ.

● އެކައުންޓުގެ އީމެއިލް/ޕާސްވޯޑް/ޕިން އެއްވެސް މީހަކަށް ނުދޭތި. އެއްވެސް ބޭންކަކުން ނުވަތަ ރަސްމީ އިދާރާއަކުން މި މައުލޫމާތެއް ނާހާނެ.

● އޯޕަން ވައިފައި ނުވަތަ ހިލޭ ވަދެވޭ ގޮތަށް އާންމު ތަންތަނުން ލިބެން ހުންނަ ވައިފައި ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ނުހިންގާތި.

● ޑެބިޓް ކާޑަށް ވުރެ އޮންލައިންނަށް ބޭނުންކުރަން އެންމެ ރައްކާތެރި ކްރެޑިޓް ކާޑު.

● އެހެން މީހަކު ބުނެގެން މީހަކަށް ނުވަތަ ތަނަކަށް ފައިސާ ޓްރާންސްފާ ނުކުރާތި.

ފޯނުން ނުވަތަ ލެޕްޓޮޕުން ވަންނަ ވެބްސައިޓަކުން ނުވަތަ ބަލައިލުމެއް ނެތި ފޯނަށް ޑައުންލޯޑްކޮށްލާ އެޕަކުން ވެސް އެ ފޯނެއްގައި ހުންނަ ހުރިހާ މައުލޫމާތެއް މަކަރުވެރި ކޮންމެވެސް ބަޔަކަށް ހިނގައިދާނެކަމާ މެދު ވެސް ގިނަ މީހުންގެ މާބޮޑު ވިސްނުމެއް ނުހުރެ އެވެ. ބޭންކުން ދޭ ކާޑަކީ އެ ދޫކުރާ ބޭންކުގައި އޭގެ މައުލޫމާތު ހުންނާނެ އެއްޗެއް ކަމަށާއި ދުނިޔޭގެ އެހެން ހިސާބަކަށް އެ މައުލޫމާތު އެހެން ގޮތަކަށް ނުދާނެ ކަމަށް ވެސް ހީކުރެ އެވެ. އެކަމަކު، ސްކޭމް ކުރުން "އިންޑަސްޓްރީ" އަކަށްވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭމަންޓްގެ ހިދުމަތް ދޭ ފަރާތްތަކަށް އަމާޒުކޮށް ދޭ ސައިބަ ހަމަލާތަކުން އެތައް މިލިއަން ބައެއްގެ މައުލޫމާތު ވަގަށް ނަގަ އެވެ. މި މައުލޫމާތު "ޑާކް ވެބް" ގައި ވިއްކުމަކީ އާންމު ކަމެކެވެ. މިހެން ދިމާވި ކިތަންމެ ފަހަރަކު ރާއްޖޭގައި ވަނީ މައުލޫމާތު ލީކުވި ކާޑުތައް ބޭންކުން އިސްވެ ބްލޮކްކޮށް، އަލުން ކާޑު ވެސް ހަދައިދީފަ އެވެ.

ސްކޭމްތައް ހުއްޓުވަން ގައުމުތަކުން އެތައް މަސައްކަތެއް ކުރެ އެވެ. އެއްގޮތް ބަންދުކުރާއިރަށް އެހެން ގޮތެއް ހޯދަ އެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާ އެއްގޮތަށް ބޭންކުތަކުން ފިޔަވަޅު އަޅަންޖެހެ އެވެ. ހަމަ އެގޮތަށް، ހިދުމަތް ހޯދާ މީހުން ވެސް މިހާރަށް ވުރެ ބޮޑަށް ބަލައިލައިގެން އުޅެން ވެއްޖެ އެވެ.