22 ފެބުރުއަރީ 2023 - 19:05

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) މިއަދު ނިންމަވައިފި އެވެ.
އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް "މިހާރު" އަށް ވިދާޅުވީ އެމްޑީއޭގެ ކައުންސިލަށް ސިޔާމް މިއަދު ބަޔާނެއް ހުށަހަޅުއްވައި، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމާފައިވާ ކަމަށް އެންގެވި ކަމަށެވެ.
ސިޔާމް އެ ނިންމުން ނިންމެވީ ސިޔާސީ އަދި އިގްތިސާދީ ގޮތުން މި ވަގުތު މާހައުލު ވަރަށް ހަލަބޮލިވުމާ ގުޅިގެން ގައުމީ މަސްލަހަތު އިސް ކުރެއްވުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ނަމަވެސް މިއީ އެންމެ މުނާސަބަތު ވަގުތެއް ނޫން ކަމަށް އެމަނިކުފާނު ނިންމެވި،" މައުރޫފް ވިދާޅުވި އެވެ.
އެމްޑީއޭގެ ކައުންސިލުން މިއަދު ނިންމި ދެވަނަ ކަމަކީ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ. އެއީ ކޮން ރިޔާސީ ކެންޑިޑޭޓެއް ކަމެއް އަދި ނުނިންމާ ކަމަށާއި އެކަމަށްޓަކައި މަޝްވަރާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެހެން ޕާޓީތަކުގެ ފަރާތުން ވެސް އެދިފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ ކޮމިޓީއެއް އެކުލަވާލާފައި. ކޮމިޓީން ޕާޓީތަކާ މަޝްވަރާ ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ. އަދި އަންނަ ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވައި ނިންމާނެ ގޮތަކާ މެދު މަޝްވަރާ ކުރާނެ،" މައުރޫފް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން ސިޔާމް ނިންމެވި އިރު ދާދި ފަހުން އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ނުދެއްވަ އެވެ.
ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވެސް މިއަދު ވަނީ އެ ޕާޓި އާ ކޯލިޝަން ހެދުމަށް އެމްޑީއޭ އަށް ދައުވަތު އަރުވައިފަ އެވެ.