22 ފެބުރުއަރީ 2023 - 16:39

އެމްޓީސީސީގައި މަސައްކަތް ކުރާ ސައިޓް ސުޕަވައިޒަފުންނަށް އަމާޒު ކޮށްގެން ބޭއްވި ފޯރަމް ނިންމާލައިފި އެވެ.
"ސުޕަވައިޒާސް ފޯރަމް 2023" ގެ ނަމުގައި އެއް ދުވަހަށް ބޭއްވި އެ ފޯރަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އަންނަ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި ޕްރޮޖެކްޓް ޓީމާއި ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންގެ ވެރިން ބައިވެރިވި އެވެ.
އެއީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންގެ ސުޕަވައިޒަރުންނަށް ހާއްސަކޮށް އެމްޓީސީސީން ބޭއްވި ދެވަނަ ފޯރަމެވެ. އެ ކުންފުނިން ބުނިގޮތުގައި އެ ފޯރަމުގައި 88 ސައިޓް ސުޕަވައިޒަރުން ބައިވެރިވި އެވެ.
ސައިޓް ސުޕަވައިޒަރުންނަކީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ
އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނެވެ.
މަޝްރޫއުތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ހޭލުންތެރިކަމުގެ ސެޝަންތައް ފޯރަމްގައި އޮތެވެ. އެ ސެޝަންތަކުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ސީއީއޯ އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.
ސެޝަންތަކުގައި ވަނީ އެމްޓީސީސީން ހިންގާ މަޝްރޫއުތަކުގެ ފެންވަރު ރަނގަޅު ކުރުމާއި ސަރުކާރުން
ބޭނުންވާ އަވަސް މިނުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ހަރަދު ކުޑަކޮށް މަޝްރޫއުތައް ނިންމަން އޮންނަ ވަގުތުގެ ތެރޭގައި ނިންމުމަށް އަމަލުކުރާނެ ގޮތްތައް ސުޕަވައިޒަރުންނަށް ކިޔައިދީފަ އެވެ. އަދި މެޝިނަރީ އާއި ވަސީލަތްތައް ބަލަހައްޓާ "ޕްރިވެންޓިވް މެއިޓެނެންސް" ގެ އިމުގެ ތެރެއިން އެންމެ ފައިދާވާ ގޮތަށް އޭގެ ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ މަސައްކަތްތަކެއް ކުރެ އެވެ. މިދިޔަ އަހަރު 2،043 މުވައްޒަފަކު ވަނީ 26،000 ގަޑިއިރުގެ ތަމްރީނު ފުރިހަމަ ކޮށްފަ އެވެ. މިދިޔަ ދެ އަހަރު އެ ކުންފުނީގެ 19 މުވައްޒަފަކަށް ވަނީ އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމަށް ބޭރުގައި ކިޔެވުމަށް ސްކޮލަޝިޕްގެ ފުރުސަތު ވެސް ދީފަ އެވެ.