22 ފެބުރުއަރީ 2023 - 12:18

މިޑްލްސްބަރާ (ފެބްރުއަރީ 22) - އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު، އެޓީމުގެ ވަގުތީ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރުމަށް ޓީމުގެ ލެޖެންޑް މައިކަލް ކެރިކް ޔުނައިޓެޑް ދޫކޮށްލީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ޔުނައިޓެޑްގެ ކޯޗުކަމުގައި ކެރިކް ހޭދަކުރި އެންމެ ފަހު ދުވަސްކޮޅަކީ ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށް ވެގެން ދިޔަ ދުވަސްކޮޅެކެވެ. ނަމަވެސް ވަގުތީގޮތުން ޓީމާ ހަވާލުވެ، ކެރިކް ވަނީ އޭނާއަށް ޓީމުގެ ފުލް ކޮންޓްރޯލް ލިބުނު ތިން މެޗުގައި ވެސް ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރެދީފަ އެވެ.
ޔުނައިޓެޑް ދޫކޮށްލުމަށް ކެރިކް، 41، ވަނީ އިނގިރޭސި ދެވަނަ ޑިވިޝަން ނުވަތަ ޗެމްޕިއަންޝިޕްގެ ކުލަބް މިޑްލްސްބަރާއާ، މިދިޔަ އޮކްޓޫބަދު މަހު ހަވާލު ވެފަ އެވެ. ކެރިކް ހާވާލު ވިއިރު އެ ޓީމުގެ މިސްރާބު އޮތީ ރެލިގޭޝަނާ ދިމާއަށެވެ. ސައުވީސް ޓީމު ވާދަކުރާ ލީގުގައި މިޑްލްސްބަރާ އޮތީ 21 ވަނައިގަ އެވެ. ނަމަވެސް ކެރިކް އާއެކު މި ވީ މަދު ދުވަސްކޮޅު ތެރޭގައި އެޓީމުން މިވަނީ ބޮޑު ކުރިއެރުމެއް ހޯދައި، ޕްރިމިއާ ލީގާ ދިމާއަށް މިސްރާބު ޖަހައިފަ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށް މިޑްލްސްބަރާ މިވަގުތު އޮތީ ތާވަލްގެ ތިންވަނައިގަ އެވެ. ކެރިކް އާއެކު ފުރަތަމަ މެޗުން މިޑްލްސްބަރާ ބަލިވި ނަމަވެސް އެ މެޗަށް ފަހު ވެސް އޭނާ ވަނީ ހާލަތު ބަދަލު ކޮށްލެވޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ކެރިކް އާއެކު މިޑްލްސްބަރާގައި އެންމެ ފާހަގަ ކޮށްލެވެނީ ކުރީގެ އާސެނަލްގެ ފޯވާޑް، ޗުބާ އަކްޕޮމް، 27، އެވެ. މިޑްލްސްބަރާގެ ޓީމަށް ކެރިކް އިރުޝާދު ދޭން ފެށި ފަހުން މިހާތަނަށް ލީގުގައި ކުޅުނު 17 މެޗުން އަކްޕޮމް ވަނީ 14 ގޯލު ޖަހައިފަ އެވެ. ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އަކްޕޮމް އޮތީ 19 ގޯލާ އެކު އެވެ.
ކުޅުން ހުއްޓާލުމަށް ފަހު ޔުނައިޓެޑްގައި ކެރިކް ވަނީ ހޯޒޭ މޮރީނިއޯ އާއި އޮލެ ގުނަ ސޯލްޝެއާގެ އެސިސްޓެންޓެއްގެ ގޮތުގައި ތަޖުރިބާތަކެއް ހޯދައިފަ އެވެ.
ޗެމްޕިއަންޝިޕްގައި ކުޅަދާނަކަން ސާބިތު ކޮށްދެމުން އަންނަ ކެރިކް އަށް ބޮޑެތި ކުލަބުތަކުން ވެސް ކަޅި އަޅައެވެ. އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ކެރިކް ގެންދަން ވެސް ބައެއް ފަރާތްތަކުން ބޭނުން ވެއެވެ. ނަމަވެސް ތިން އަހަރު ދުވަހަށް މިޑްލްސްބަރާއާ ހަވާލުވި ކޯޗު ދޫކޮށްލާކަށް އެޓީމުން ބޭނުމެއް ނުވެ އެވެ. ޓީމުގެ އެންމެ ސީނިއާ ސްޓާފުންނާ ހަމައިން ފެށިގެން އެންމެ ޖޫނިއާ ސްޓާފުން ވެސް ތިބީ ކެރިކްގެ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ އެވެ. ކެރިކް ވެސް މިޑްލްސްބަރާ ގައި ހުރީ ހިތްހަމަ ޖެހިގެންނެވެ.
އިނގިރޭސި ފުޓްބޯޅައިގައި ކުރީގެ ބާރު މިޑްލްސްބަރާ އަކީ ޕްރިމިއާ ލީގު އުފައްދަން އިސްނެގި ކްލަބްތަކުގެ ތެރެއިން އެއް ކްލަބެވެ. އެ ޓީމުން އެންމެ ފަހުން ލީގުގައި ވާދަކުރީ 2016/2017 ސީޒަންގަ އެވެ.