އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޓީމަކަށް ޔުނައިޓެޑް
އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޓީމަކަށް ޔުނައިޓެޑް

ލަންޑަން (ޖެނުއަރީ 19) - މިދިޔަ ސީޒަނުގައި ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފުޓްބޯޅަ ކްލަބްތަކުގެ ލިސްޓުގެ އެއް ވަނަ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ލިބިއްޖެ އެވެ.

ޑެލޮއިޓް ފުޓްބޯލް މަނީ ލީގުގެ އެއް ވަނައިގައި ފާއިތުވި 11 އަަހަރުގައި އޮތީ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. އެ ޓީމު މި ފަހަރު ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ.

ޔުނައިޓެޑް އެއް ވަނައިގައި އޮތްއިރު މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެ ކްލަބުން ވަނީ 515.3 މިލިއަން ޕައުންޑް ހޯދައިފަ އެވެ. ބާސެލޯނާ ދެ ވަަނަ އަށް ޖެހިލީ 463.8 މިލިއަން ޕައުންޑްގެ އާމްދަނީ އަކާ އެކު އެވެ. ރެއާލް ތިން ވަނަ އަށް ވެއްޓުނުއިރު، އެ ޓީމަށް ލިބިފައިވަނީ 463.7 މިލިއަން ޕައުންޑެވެ.

މި ލިސްޓުގެ ގަދަ ދިހައެއްގައި ދެން ހިމެނެނީ ހަތަރު ވަނައިގައި އޮތް ބަޔާން މިއުނިކާއި ފަސް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ހަ ވަނައިގައި އޮތް ޕީއެސްޖީ އާއި ހަތް ވަނައިގައި އޮތް އާސެނަލް އާއި އަށް ވަނައިގައި އޮތް ޗެލްސީ އާއި ނުވަ ވަނައިގައި އޮތް ލިވަޕޫލް އަދި ދިހަ ވަނައިގައި އޮތް ޔުވެންޓަސް އެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކްލަބެއް ކަނޑައެޅުމަށް ޑެލޮއިޓުން ގެންގުޅޭ އުސޫލަށް ބަލާއިރު މީގެ ރެކޯޑް ކުރެވޭނީ ޓިކެޓް ވިއްކައިގެންނާއި އިޝްތިހާރުގެ ގޮތުގައި އަދި ބްރޯޑްކާސްޓް ކޮށްގެން ލިބޭ އާމްދަނީ އަށެވެ. ކުޅުންތެރިންގެ ޓްރާންސްފާ ފީގެ ގޮތުގައި ލިބޭ އާމްދަނީ މީގެ ރެކޯޑް ނުކުރެވޭނެ އެވެ.

ޑެލޮއިޓްގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ގަދަ 20 ފުޓްބޯޅަ ކްލަބުން ވަނީ ފާއިތުވި އަހަރު އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ޑޮލަރު ހޯދައިފަ އެވެ. މިއީ އޭގެ ކުރިން އަހަރާ އަޅާކިޔާއިރު 12 އިންސައްތަ މަތީ އަދަދެކެވެ.