23 ފެބުރުއަރީ 2023 - 06:29

ބޮލީވުޑްގެ ބަތަލާ، އާލިއާ ބަޓް ގޭގައި އުޅެނިކޮށް ބަޔަކު ވަގަށް އޭނާގެ ފޮޓޯ ނެގި މައްސަލަ ހޫނުވެއްޖެ އެވެ.

އިންޑިއާގެ މީޑިއާއަކަށް ނިސްބަތްވާ ޕަޕަރާޒީންތަކެއް އާލިއާގެ ފޮޓޯ ނެގީ އޭނާ ދިރިއުޅޭ ގޭގައި، ސިޓިން ރޫމުގައި އިށީނދެ އިންދައި ވަރަށް ދުރުން ކެމެރާ ޒޫމްކޮށްގެންނެވެ.

އަންގާރަ ދުވަހު އެ މީހުން ނެގި ފޮޓޯތައް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުން އާލިއާ ބުނީ، ގޭތެރޭގައި އުޅެނިކޮށް ބަޔަކު ބަލާހެން ހީވެގެން މަތި ބަލާލިއިރު، ޖެހިގެން ހުރި ގޭގެ ޓެރަހުގައި އޭނާއާ ދިމާލަށް ކެމެރާ ދިއްކޮށްގެން ހުރި ދެ މީހަކު ފެނުނު ކަމަށެވެ.
"ކޮން ދުނިޔެއެއްގައި މިކަންތައް ހުއްދައީ؟ މިއީ މީހެއްގެ ޕްރައިވެސީ އަށް އަރައިގަތް ހަޑިމުޑުދާރު އަމަލެއް! ހުންނާނެ ހުރަސް ނުކުރެވޭނެ ރޮނގުތަކެއް، މިއަދު އެ ހުރިހާ ރޮނގުތަކެއް ހުރަސްކޮށްފިއޭ ބުނެވޭނެ،" މުމްބާއީ ޕޮލިސް ސްޓޭޝަން ޓެގުކޮށް، އާލިއާގެ ސްޓޯރީގައި ބުނެފައިވެ އެވެ.
މިއީ ބޮލީވުޑްގައި މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން، އަނުޝްކާ ޝަރްމާ، އޭނާގެ ފުރަތަމަ ދަރިއަށް ބަލިވެ އިން ދުވަސްވަރު، އޭނާގެ ފިރިމީހާ ވިރާތު ކޯލީއާ އެކު އެ މީހުންގެ ބެލްކަނީގައި ތިއްބާ ނަގައިފާ ހުރި ފޮޓޯތަކެއް މީޑިއާއަކުން އާންމުކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ.
"އެ ފޮޓޯގްރާފަރާއި މީޑިއާގައި އެކަން ނުކުރާށެ ބުނީމާ ވެސް، އެ މީހުން އަހަރެމެންގެ ޕްރައިވެސީ އަށް އަރައިގަތް. މިކަން ހުއްޓާލަން އެބަޖެހޭ!" އޭރު އަނުޝްކާ ބުނެފައިވެ އެވެ.
އާލިއާގެ ސްޓޯރީ ރިޕޯސްޓުކުރަމުން ބަތަލާ ޖާންވީ ކަޕޫރު ވެސް ވަނީ، އޭނާ އަށް ދިމާވެފައިވާ އެފަދަ ފުރައްސާރައެއް ހިއްސާކޮށްފަ އެވެ. ޖާންވީ ބުނީ، އެއީ ހަޑިމުޑުދާރު އަމަލެއް ކަމަށާއި، މިއީ އެ މީޑިއާއިން ތަކުރާރުކޮށް ހިންގާ އަމަލެއް ކަމަށެެވެ.
"އަހަރެން ފޮޓޯގްރަފަރު ކައިރި ތަކުރާރުކޮށް، ހުއްދަނެތި ފޮޓޯ ނުނަގަން ބުނީމަ ވެސް، އަހަންނަށް ނޭނގޭގޮތަށް، ޖިމްގައި ވޯކްއައުޓްކުރަން ހުއްޓާ ބިއްލޫރި ދޮރެއްގެ އެތެރެއިން ފޮޓޯ ނެގި. އެއީ މީހަކު ފޮޓޯނަގާފާނޭ ހިތަށް ނާރާނެ ފަދަ ޕްރައިވެޓް ވަގުތެއް،" ޖާންވީ ބުންޏެވެ.
އާލިއާގެ ދިފާއުގައި ބޮލީވުޑް ސެލެބްރިޓީން ވަނީ އަޑުއުފުލައިފަ އެވެ. އޭގެތެރޭގައި، އަރްޖުން ކަޕޫރާއި، އަނުޝްކާ ޝަރްމާ ފަދަ މީހުން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މިކަން ސިފަކުރަނީ ވަރަށް ދަށުދަރަޖައިގެ، ހަޑިމުޑުދާރު އަމަލެއްގެ ގޮތުގަ އެވެ.