މަރިޔަން
މަރިޔަން

އާދިއްތަ ދުވަހާ ގުޅޭ

"ޒިޔާދާއަށް ސިހުރުހަދަނީ ކާކު؟" އަހަރެން ބުނީމެވެ.

ހަމަ އެހެން ބުނުމާ އެކު ނުބައި އަޑެއް ނެރެގެން، މަލާމާތުގެ ރާގަކަށް އޭނަ ހޭން ފެށިއެވެ. އަހަރެން ޖެހި މަޅިން އޭނަ ސަލާމަތްވީކަން އަހަންނަށް ވިސްނުނެވެ.

"އެންމެ ރަނގަޅު. ކަލޭ ކިހިނެއް އޭނަ ގައި ތެރެއަށް ވަނީ؟" އަހަރެން ސުވާލުކުރީމެވެ. "ޒިޔާދާ ބުނޭ އޭނަ އުޅެނީ ތި ކަހަލަ ކަންކަމަށް ދުރާލައި ވިސްނައިގެނޭ."

"ޒިޔާދާގެ ފިރިމީހާ އުޅުނީ ވިސްނައިގެންތަ؟" އޭނަ ސުވާލުކުރިއެވެ. "ސިހުރެއް ހަވާލުކުރީމަ އަހަރުމެން ފުރަތަމަ ކުރާ ކަމަކީ އެ މީހަކަށް ފާރަލުން. ކަލޭމެން ތި ކިޔާ ގޮތަށް ހޯމްވޯކްހެދުން. އޭނަގެ ފިރިމީހާ ހެނދުނު ވަޒީފާއަށް ނައްޓާލާ އިރު އަހަރެން އިންނަނީ ސައިކަލު ފަހަތުގަ. ފުރަތަމަ އަހަރެން ހެދީ ލެބޯޓަރީ ޓެސްޓެއް."

"ކޮބާ ލެބޯޓަރީ ޓެސްޓަކީ؟" ނީނދެވިގެން އަހަންނަށް އެހުނެވެ.

"ކަލޭ ސުވާލުނުކޮށް މައިތިރިވެގެން އިނދެބަލަ! ކިޔައިދޭށޭ މި އުޅެނީ،" ތަންކޮޅެއް ބާރަށް އޭނަ ބުންޏެވެ. "އިންސާނުންގެ ތެރެއިން ބައެއް މީހުން ނިކަން ފަސޭހައިން ހައްލައިލެވޭނެ. ސައިކަލުގަ ދާ އިރު މަގުމަތިން އަންހެންކުދިން ފެނެއެއްނު ދޯ؟ އަހަރެން އެ ސޮރު ގާތުގަ ބުނަނީ، ބަލާލަބަލަ ކަނާއަތް ފަރާތުން އެހެރަ އަންނަ ރީތި ކުއްޖެއް. ހަމަ ބުނާ އިރަށް އޭނަ ބަލާލާ! ބަލަބަލާ ހުއްޓާ ވައަތްފަޅިން އަހަރެން ދައްކާލަނީ އެހެން ކުއްޖެއް. ދައްކާފަ ބުނަނީ، ބަލާބަލަ އެހެރަ ކަމެއް. ހަމަ ބުނީ ބަލައިލީ! އަހަރެން ބުނަން އެހެރަ އަންނަ ކުއްޖާއަށް ހީނލަބަލަ! ހަމަ ބުނީ ހީނލީ! އަހަރެން ބުނި ހުރިހާ ގޮތެއް އޭނަ ހެދި. އެ ދުވަހުގެ ޓެސްޓު ވަރަށް ކާމިޔާބު."

ޖިންނިސައިތާނުން ވަސްވާސްލުމުން އިންސާނާއަށް ހީވާނީ އެއީ ހިތަށްއަރާ އެއްޗެއްހެންނެވެ. މަދު ފަހަރުތަކުގައި، ކޮންމެވެސް ދިމާއަކުން ތުނބުންފުމެލާހެން ވެސް ހީވެދާނެއެވެ. ނަމުން ގޮވައިލާހެން ވެސް ހީވެދާނެއެވެ. ޖިންނި އަވަލަވާފައި ތިބޭ އިންސާނުން ޖިންނީންނަށް ޖަވާބު ވެސް ދޭނެއެވެ. އޭނައަށް ފެންނާނީ ކައިރީގައި އިންސާނެއް ހުއްޓައެވެ. އަހަރެން ކުރިން ހިތަށްއަރައެވެ. ޖިންނީން ހާދަހާ މޮޅެވެ. ކުރިމަތީގައި ހުންނަ އިރު ވެސް އަހަރުމެންނަކަށް ޖިންނީންނެއް ނުފެނެއެވެ. ފަހުން އެނގުނު ގޮތުގައި، ހެނދުނާއި ހަވީރުގެ ޒިކުރުތަކުން ރައްކާތެރިކަންހޯދުމުން، ޖިންނީންގެ ލޯތަކަށް އަހަރުމެން ވެސް ގެއްލެއެވެ. ޖިންނީންނަށް ކާމިޔާބުވަނީ އިންސާނުން ފަރުވާކުޑަކޮށްލީމައެވެ. އަފުނާންގެ އަނގަ ބޭނުންކޮށްގެން އެތައް ވާހަކައެއް އޭނަ ކިޔައިދިނެވެ.

އޭނަ ބުނި ގޮތުގައި، ދެވަނަ ދުވަހު އޭނައައީ ގެއަށެވެ. އެއީ ހަވީރެއްގެ ވަގުތެވެ. ކޮޓަރިއަށް ވަން އިރު ޒިޔާދާގެ ދެމަފިރިން ތިބީ ނިދައިފައެވެ. އަޭނައަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އެކަމަކު އެ ތަނުގައި ޖަހަފައި ހުރި އެއްޗެއްގެ ސަބަބުން އޭނައަކަށް ޒިޔާދާއަކާ ކައިރިއެއް ނުވެވެއެވެ. އޭނައަށް ލަފާކުރެވޭ ގޮތުގައި އެއީ ރުގުޔާކުރާ އިރު ކިޔާ އާޔަތްތަކާއި ދުއާތަކެވެ. ޔަގީންކޮށް ބުނާކަށް އޭނައަކަށް ނޭނގެއެވެ. އޭނައަކީ މުސްކުޅިއެކެވެ. ވީމައި ވިސްނުން ތޫނުވެފައި، ބުއްދީގެ ބޭނުންކުރަން އޭނަ ވަރަށް ކުޅަދާނައެވެ. އެ މަސައްކަތް އޭނަޔާ ހަވާލުކުރީ ވެސް އެހެންވެއެވެ.

"ކުއްލިއަކަށް އަހަރެން ހިތަށްއަރައިފި، މި ފިރިހެން ސޮރު އަހަރެން ބުނާ ކޮންމެ ކަމެއް ކުރާނޭ،" އޭނަ ބުންޏެވެ. "އަހަރެން ބުނެފިން، އޭ! ތެދުވެބަލަ! ހަމަ ބުނާ އިރަށް އޭނަ ތެދުވެއްޖެ! އަހަރެން ބުނެފިން، ތި މަންޖެ ބޯދަށުގަ ތި އޮތް ބާލީސް ދަމައިގަނެބަލަ! ހަމަ ބުނާ އިރަށް އެ ސޮރު ހިނގާލާފަ އެ މަންޖެ ކައިރިއަށް ގޮސް ބާލީސްގަނޑު ދަމައިގެންފި. ބާރޭ ދަމައިގަތްލެއް. އަހަރެން ދެން އެއްޗެއް ނުބުނަން. ނުބުނީމަ އޭނަ އައި ގޮތަށް އައިސް ކުރިން އޮތް ތަނުގަ އޮށޯވެ ނިދައިފި. އަހަރެން ބުނި ކަންތައް، އަނެއްކާ ވެސް ކޮށްފިތާ! އެ ހިސާބުން އަހަރެން ނައްޓާލީ! ތިންވަނަ ފަހަރު އަހަރެން އައީ ދަންވަރެއްގަ. އެއްކަލަ ދެ މީހުން ތިބީ ގުގުރީގަ. އަހަރެން ބުނެފިން ހުސެއިން! ތެދުވެބަލަ! ހަމަ ބުނާ އިރަށް ތެދުވެއްޖެ! ތެދުވެފަ އެބަ ހުރޭ ފާޑަކަށް. އަހަރެން ބުނެފިން ތިހިރަ ފެންނަނީނު ޕެންޑްރައިވެއް. ހެޔޮނުވާނެ އޭތި ދަމައިގަނެބަލަ! ހަމަ ބުނީ ދަމައިގަތީ! ދަމައިގެންފަ ގޮސް އޮށޯވެއްޖެ! އެއީ އަހަރެންގެ ރޭވުން ސަތޭކަ ޕަސަންޓު ކާމިޔާބުވި ފަހަރު. އެ ހިސާބުން މަގު އަމާންވީ. އަހަރެން ދިޔަ ގޮތަށް ގޮސް އެ މަންޖެގެ ފައިގެ ބޮޑުވައި އިނގިލީގެ ނިޔަފަތި ތެރެއިން އެތެރެއަށް ދެމިގަތީ."

އޭނަ ބުނި ގޮތުގައި، އެއީ ފެށުމެވެ. އޭނައަށް ހަވާލުކޮށްފައި އޮތް މަސައްކަތަކީ، ދެމަފިރިން ދުރުކުރުމެވެ. ފަހަރެއްގައި ވެސް އެ މީހުންނަށް ދަރިޔަކު ލިބުނަ ނުދިނުމެވެ. ވަކި ކަމެއް ވަކި ގޮތަކަށް ކުރާކަށް އަމުރެއް ނެތެވެ. އޭނަ ބޭނުން ކޮންމެ ކަމެއް ކުރަން އޮތީ ދޫކޮށްލައިފައެވެ. އޭނަ ބޭނުންކުރީ އޭނަގެ ތަޖުރިބާއެވެ. ޖިންނިއެއްކަމަކު އޭނައަކީ އެހައި ނުލަފާ ޖިންނިއެއް ނޫނެވެ. އޭނަ ބުނީ އެހެންނެވެ. އެ ހިސާބުން ވާހަކަ ކުރިނުމަރައެއް އަހަންނަކަށް ނީނދެވުނެވެ.

"ކޮބާ ކަލޭ ނުލަފާ ނުވެފަ؟ އޭނ؟" އަހަރެން ބުނީމެވެ. "މިހާރު ވެސް ތިހިރީ އިންސާނެއްގެ ގައިތެރެއަށް ވަދެ."

"އެހެނެއް ނޫނޭ މި ބުނީ؟" އޭނަ ދިފާއުކުރަން މަސައްކަތްކުރިއެވެ.

އަހަރެން ސޯފާމަތީގައި އަތުން ޖަހައިފައި ފުންމައިގެން ތެދުވީމެވެ.

"ދެން ކޮންހެނެއް ތި ބުނަނީ؟" އަހަރެން ސުވާލުކުރީމެވެ.

"އަހަރެން މި ބުނާ އެއްޗަކީ، ކާފަރެއްކަމަކު އަހަރެން މުސްލިމުންނަށް ޖެއްސުންކޮށެއް ނަހަދަމޭ!" އޭނަގެ އަޑު ވެސް ތަންކޮޅެއް ގަދަވިއެވެ. "މިހާރު..."

"ދެން ތިއަށް ވުރެ ބޮޑު ޖެއްސުމެއް ކޮބާ؟" އަހަރެން އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދެމެވެ. "އަހަންނަކަށް ހިޔެއްނުވޭ އިންސާނަކަށް ތިއަށް ވުރެ ބޮޑު ގޯނާއެއް ކުރެވޭނެހެނެއް. މީހެއްގެ ހަށިގަނޑު ތެރޭގަ ކަލޭ ތި އުޅެނީ ގެދޮރު އަޅައިގެން. ތީ ކަލޭގެ އާއިލާއިން ކަލެއަށް ހިބައިން ދީފަ އޮތް ގޯއްޗެއް ނޫނީ ދިރިއުޅެން ދީފަ އޮތް ފަޅުރަށެއް ނޫނޭ! އަދި ބުނެފިއެއްނު ތިމަންނަ އެހައި ނުލަފައެއް..."

"ވާހަކައިގެ ކުރި ނުމަރާ، އަހަރެން މި ދައްކާ ވާހަކަ ނިމެންދެން އަޑުއަހާލަބަލަ!" އަމުރުވެރި ރާގަކަށް އެހެން ބުނެފައި، މޮޅިވެރި ރާގަކަށް އަޑު ބަދަލުކޮށްލިއެވެ. "އަހަންނަކީ އަސްލު ވަރަށް ފަގީރު ޖިންނިއެކޭ! އެއް އިރު ކެއިއްޔާ އަނެއް އިރު ނުކައި ހުންނަނީ. ކަލޭމެން ތެރޭގަ ވެސް އެ ކަހަލަ މީހުން އުޅެއެއްނު! އެހާ ފަގީރުކޮށް އުޅެމުން ކައިވެނިކުރީ. ކައިވެނިކުރެވުނީ އިންސާނެއް ކަހަލަ ޖިންނިއަކާ. ހާދަހާ ނުބައި ޖިންނިއެކޭ އެއީ. ހަމަ ކަލޭމެން ކުރާ ކަހަލަ ގޮތްކުޑަ ކަންތައް ކުރަނީ. އަހަރެން އެއްދުވަހު އޭނައަށް ކާއެއްޗެހި މޮޑެފަ، އެ ތަށިން އެތިކޮޅެއް ރަހަބަލައިލީ! އޭނަ ފުންމައިގެން ތެދުވެފަ އެ ތަށި އަހަރެންގެ މޫނަށް ޖެހީ. އަޅެ އެއީ ފިރިޔަކު ކަންތައްކުރާ ގޮތްތަ؟"

"އޭ މަޑުކޮށްބަލަ! ކަލޭ ތީ އަންހެނެއްތަ؟" ހައިރާންވެފައި އަހަރެން ބުނީމެވެ. "ކުރިން ބުނިހެން ހީވޭ.."

"އަހަރެންގެ އަޑު ފަލައީ ދޯ؟" ކުޑަކޮށް ދެރަވެފައި އޭނަ ބުންޏެވެ. "އެއީ މުސްކުޅިކަމުން. ކަލެއަށް އެނގޭތަ އަހަންނަށް މިހާރު ކިތައް ސަތޭކަ އަހަރުކަން؟ އިހަށް އެ ވާހަކަ ހިނގާ ބާއްވަމާ! އަހަންނަކީ އަންހެނެކޭ. ކުރިން އަހަރެންގެ އިސްތަށިގަނޑު ވަރަށް ދިގުވާނެ. ވަރުގަދަ ވެސް ވާނެ. އިނދެގެން އުޅުނު ދުވަސްވަރު، އެއްފަހަރަކު ނިދާފަ ތިބެފަ އަހަންނަށް ފުރޮޅިލެވުނު ގޮތަކުން، އަހަރެންގެ އިސްތަށިގަނޑު ފިރިމީހާގެ މޫނުމައްޗަށް ފެތުރުނީ. އޭނަ ފުންމައިގެން ތެދުވެ އެ ތަނުގަ އޮތް ތޫނު އެއްޗަކުން އަހަރެންގެ އިސްތަށިގަނޑު ބުޑުދޮށުން ބުރިކޮށްލީ! އަޅެ އަހަރެން ކިހާ ދެރަވާނެ. އެ ކަހަލަ ހާދަހާ އަނިޔާއެކޭ އޭނަ ކުރީ. ދުވަހަކު ވެސް އެ ހަނދާންތަކެއް ނުފިލާނެ."

އޭނަ ދެއްކި އެއްވެސް ވާހަކައެއްގެ ހަގީގަތެއް އަހަންނަކަށް ނޭނގެއެވެ. ކުޑަމިނުން އޭނަ ހުރި ސިފައެއް، އޭނަގެ ޖިންސެއް ވެސް އަހަންނަކަށް ނޭނގެއެވެ. ހަމުދަރުދީހޯދަން ނުވަތަ އެހެން ރޭވުމެއް ކާމިޔާބުކުރަން މަގުފަހިކުރަން، ކޮންމެ ފަދަ ދޮގެއް ވެސް އޭނަ ހަދައިފާނެއެވެ. އެހެނަސް، ދެއްކި ވާހަކަތައް ހަމަޖެހެއެވެ. އޭނަ ބުނި ގޮތުގައި، ޒިޔާދާގެ ދެމަފިރިން ނިދާފައި ތިބި ފަހަރެއްގައި، ފިރިމީހާގެ އަތުން ޒިޔާދާއަށް އަނިޔާކޮށްލަން އޭނަ ބޭނުންވިއެވެ. އަމިއްލަ ހަޔާތުގައި ކުރެވުނު ތަޖުރިބާގެ ރަހަ ޒިޔާދާއަށް ދައްކައިލަން ބޭނުންވިއެވެ. ނިދީގައި ޒިޔާދާގެ އިސްތަށިގަނޑު، ޒިޔާދާ ލައްވައި ހުސެއިންގެ މޫނުމަތީގައި ފަތުރައިލިއެވެ.

"އަޅޭ! ކަންތައްވީ އަނެއްކޮޅަށް،" އޭނަ ބުންޏެވެ. "ފިރިމީހާއަށް ހޭލެވިގެން ޒިޔާދާގެ އިސްތަށިގަނޑުގައި ވަސްބަލާ، ވަރަށް ލޯބިން މޫނުމަތިން ނަގާ، ޒިޔާދާ ބޯދަށުގަ އޮތް ބާލީސް ރަނގަޅުކޮށްލާ، މޫނުގައި ފިރުމާ، ހީވަނީ އެހެން ފަދަ ކަމެއްހެން. އަހަރެން ހިތަށްއެރީ މީ އަނެއްކާ ކޮން ވައްތަރަކަށް އުޅޭ ބައެއްބާއޭ؟ އެއްދުވަހަކު ޒިޔާދާ ލައްވާ ފިރިމީހާއަށް ބަތްމޮޑުވާފަ ފުރަތަމަ ޒިޔާދާއަށް އެތިކޮޅެއް ކާން ވެސް ދިނީމޭ! ފިރިމީހާ ކުރިމަތީގަ. ދިންހައި އިރުން އެ ތަށިން އެއްބައި ޒިޔާދާއަށް ދިނީ. އެ ހިސާބުން އަހަންނަށް ވިސްނުނީ އިންސާނުންނާ ޖިންނީންނާ ހުރި ތަފާތު. އަހަރެން ކައިރީގަ ބުނެފައޮތީ އިންސާނުންނަކީ ނުބައި ބައެކޭ. ހަގީގަތުގަ އިންސާނުންނަކީ ވަރަށް ހިތްހެޔޮ ބައެއް. ނުބައި މީހުން ވެސް ނޫޅޭނެއެކޭ ނޫން. އަހަންނަށް ފެނުނީ އިންސާނުންގެ ލޯތްބާ، އޯގާތެރިކަން. ގޭތެރެއިން އެކަންޏެއް ނޫނޭ! މަގުމަތިން ވެސް ފެނުނީ އިންސާނުންގެ ހިތްހެޔޮކަން. އެނގޭތަ؟ އަހަރުމެންގެ ކައިރިއަށް އެހީއަށް އެދިގެން ޖިންނިއެއް އަތުވެއްޖެއްޔާ ނިމުނީ! އެއްޗެއް ނުދޭތާ، ތަޅައިގަތްގަތީނުން ހޭނެތޭ ވަރު ކޮށްލާނެ. އެކަމަކު ކަލޭމެން ކައިރިއަށް އިންސާނަކު އައީމަ، ލާރި ހުއްޓަސް ބުނެފާނެ ވަރަށް ދަތިކޮށޭ މި އުޅެނީ. މި ވަގުތު ހަމަ ނެތޭ އެއްޗެއް ދެވޭކަށް. ނޫނީ އަޅައިނުލާ ހިނގައިދާނެ. އެކަަމަކު ސަލާންޖަހާ މީހަކަށް ކަލޭމެން ދުވަހަކު ވެސް އަނިޔާއެއް ނުކުރާނެ. އެ ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް، އެއްދުވަހަކު ކަލޭ ބުނި އެއްޗަކުން އަހަރެންގެ މުޅި ވިސްނުން ބަދަލުކޮށްލީ!"

"ކީކޭ އަހަންނަށް ބުނެވުނީ؟" ހައިރާންވެފައި އަހަރެން އެހީމެވެ.

ނުނިމޭ