22 ފެބުރުއަރީ 2023 - 06:22

ޖޭމްސް ކެމަރަން ޑައިރެކްޓުކޮށް، 1997 ވަނަ އަހަރު ނެރުނު "ޓައިޓޭނިކް" ފިލްމު ފަހާލައި، ގްލޯބަލް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގެ ތިން ވަނަ، އޭނާގެ އެންމެ ފަހުގެ ފިލްމު "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ހޯދައިފި އެވެ.

މިހާތަނަށް ސިނަމާގެ ތާރީހުގައި އެންމެ ބޮޑު ކާމިޔާބީއަކާ އެކު، އެންމެ ބޮޑު އާމްދަނީއެއް ހޯދި، 2009 ވަނަ އަހަރު ނިކުތް "އެވަޓާ" ގެ ސީކުއެލް އަށް، މިހާތަނަށް ގްލޯބަލް ބޮކްސް އޮފީހުގެ އާމްދަނީގެ ގޮތުގައި 2.23 ބިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެ ފިލްމު "ޓައިޓޭނިކް" ފަހާލައިފައި ވަނީ ގާތްގަނޑަކަށް ބައިލައްކަ ޑޮލަރުގެ ތަފާތުންނެވެ.

މިހާރު އެ ލިސްޓުގައި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އިނީ، "އެވަޓާ" (2.9 ބިލިއަން ޑޮލަރު) އަދި "އެވެންޖާސް: އެންޑް ގޭމް" (2.7 ބިލިއަން ޑޮލަރު) ގެ ފަހަތުގަ އެވެ.
ލިސްޓުގެ ހަތަރު ވަނަ އަށް "ޓައިޓޭނިކް"(2.2 ބިލިއަން ޑޮލަރު) ވެއްޓިފައި ވާއިރު، ފަސް ވަނައިގައި އޮތީ "ސްްޓާ ވޯޒް؛ ދަ ފޯސް އަވޭކެންސް" (2.06 ބިލިއަން ޑޮލަރު). އަދި ދެ ބިލިއަނާ އެކު ލިސްޓުގެ ހަވަނައިގައި އޮތީ، 2.05 ބިލިއަން ޑޮލަރާ އެކު، "އެވެންޖާސް އިންފިނިޓީ ވޯ" އެވެ.
"އެވަޓާ 2" ގެ ކާމިޔާބާއެކު ޖޭމްސް އަށް ވަނީ ތާރީހީ ރެކޯޑެއް ލިބިފަ އެވެ. އެއީ ސިނަމާގެ ތާރީހުގައި މިހާތަނަށް ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ހަ ފިލްމުގެ ތެރެއިން، ތިން ފިލްމެއް ޑައިރެކްޓުކުރުމެވެ.
އޭގެ އިތުރުން، އެވަޓާ ސީކުއެލްގައި ނެއިޓިރީގެ ރޯލު ކުޅުނު ޒޯއީ ސަލްދާނާ އަށް ވެސް ވަނީ ތާރީހީ ރެކޯޑެއް ލިބިފަ އެވެ. އެއީ "އެވެންޖާސް އެންޑްގޭމް" އަދި "އެވެންޖާސް އިންފިނިޓީ ވޯ" ގައި ކުޅުނު ގަމޯރާގެ ރޯލާ އެކު، ދެ ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ފިލްމުގައި އުޅުނު ހަމައެކަނި އެކްޓަރުގެ ރެކޯޑެވެ.