21 ފެބުރުއަރީ 2023 - 16:00

އުސޫލާ ހިލާފަށް ވިޔަފާރިކުރާ ނަމަ ހަރުކަށި ފިޔަވަޅުތައް އެޅޭ ގޮތަށް، ސްޕާ ހިންގުމުގެ ގަވައިދެއް ފުރަތަމަ ފަހަރަށް އެކުލަވާލައި މިހާރު ހިންގާ އޭގެ ވިޔަފާރިތައް އަލުން ރަޖިސްޓްރީކުރަން އަންގައިފި އެވެ.
މަސާޖުކޮށްދޭ ތަންތަނުގައި ހަށިވިއްކުމާއި ބަދުއަހުލާގީ އަމަލު ހިންގުމާއި އެކަން އިސްތިހާރުކުރުމުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، އިކޮނޮމިކް މިނިސްޓްރީން ނެރުނު ގަވައިދުގައި، ސްޕާ ހިންގާ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި އެ ތަންތަނުގައި ދެވޭނެ ހިދުމަތްތައް ތަފްސީލުކޮށްފައިވެ އެވެ.
މިހާރު ހިންގާ މިފަދަ ތަންތަން މި ގަވައިދުގެ ދަށުން 90 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.
ގަވައިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ސްޕާ އިން ހިދުމަތަކާ ބެހޭ މައުލޫމާތު ނުވަތަ އެ ހިދުމަތެއްގެ ވީޑިއޯ ނުވަތަ ފޮޓޯ ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް މިންގަނޑުތަކާ ހިލާފަށް އިސްތިހާރުމަކީ މަނާކަމެކެވެ.
އޭގެ އިތުރުން މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑުކަމަށް އާންމުގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާ ހިލާފަށް އިސްތިހާރުކުރުމާއި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގާއި އިޝާރާތާއި އަޑު އިސްތިހާރުގައި ބޭނުންކުރުން ނުވަތަ ދެއްކުން އަދި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަން އިސްތިހާރު ކުރުމުގައި އެއްވެސް މީހަކު ހިމެނުން ނުވަތަ ދެއްކުމަކީ ގަވައިދުގައިވާ ގޮތުން މަނާ ކަމެކެވެ.
ސްޕާގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ސްޕާގެ ނުވަތަ ސްޕާއިން ފޯރުކޮށްދޭ ހިދުމަތަކާ ގުޅޭ ގޮތުން އޯޑިއޯއެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯ އަމިއްލަ ހައިސިއްޔަތުން ނަމަވެސް ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ވެސް މަނާ ކަމެކެވެ. އަދި ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ބަދުއަހުލާގީ އަމަލެއް ހިންގުމަކީ މަނާކަމެކެވެ.
- ރަޖިސްޓަރީނުކޮށް ސްޕާ ހިންގާނަމަ 10،000ރ. އިން ޖޫރިމަނާކޮށް، އެ ވިޔަފާރިއެއް ވަގުތުން ހުއްޓާލުމަށް އެންގުން
- ސްޕާ ހިންގަން ރަޖިސްޓަރީކުރުމަށް ފަހު، އެ ވިޔަފާރި ހަރަކާތް ހިންގުމުގައި، މި ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތަކާ ނުވަތަ މިންގަނޑަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ
1- ވަކި މުއްދަތެއްގެ ތެރޭގައި އިސްލާހުކުރުމަށް އެންގުން
2- ސްޕާގެ ވިޔަފާރި ހަރަކާތް ޖޫރިމަނާކުރުން
3- ވިޔަފާރި ހަރަކާތް ރަޖިސްޓްރޭޝަން ބާތިލްކުރުން
4- ވިޔަފާރި ހަރަކާތް ހިންގާ ތަން ވަގުތުން ބަންދުކުރުމަށް އެންގުން
- އެ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ހިންގައިފި ނަމަ 10،000ރ. ޖޫރިމަނާ ކުރުން
- މުވައްޒަފުންނާ ގުޅޭ މިންގަނޑުތަކާ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކާއި އިސްލާހުކުރަން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާއި ތަކުރާރުކޮށް މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް 6،000-8،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
- ސްޕާގެ ހިންގާ އިމާރާތާއި ހިދުމަތް ދޭ ތަނުގެ ބޭރުގައި އެ ތަނުގެ ނަން ލިޔެފައި އޮންނަން ޖެހޭ. އަދި ރަޖިސްޓްރީކޮށްގެން ހިންގާ ތަނެއްކަން އެނގޭ ގޮތަށް "ރަޖިސްޓަޑް ސްޕާ" ލިޔަން ޖެހޭ
- ސްޕާގެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ކޮޓަރިތައް ހުންނަންވާނީ އެ ހިދުމަތްދޭ ވަގުތު ތިން ވަނަ ފަރާތަކަށް ނުވަދެވޭނޭހެން ދޮރެއް ނުވަތަ ޕާޓީޝަނަކުން ބަންދުކޮށްފައި. ކޮޓަރިތަކުގައި ތަޅު ނުވަތަ ތަންޑު އަދި ތަޅުލުމަށް ނުވަތަ ތަންޑުލުމަށް ބޭނުންކުރާ އާލާތެއް ހަރުކޮށްފައި ހުރެގެން ނުވާނެ
- ސްޕާގެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ކޮޓަރިން ހިދުމަތް ދެމުން ގެންދާކަން ނުވަތަ ނޫންކަން އެނގޭނެ ގޮތަށް ދޮރުގައި ނިޝާނެއް ހަރުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުން
- ސްޕާގެ ހިދުމަތް ދޭ ތަނުގެ ރިސެޕްޝަން ސަރަހައްދާއި ކޮރިޑޯ އާއި ހިދުމަތް ދޭ ކޮޓަރިތައް ހުންނަންވާނީ އެކަށީގެންވާ މިންވަރަށް ލައިޓް ހަރުކޮށް އަލިކޮށްފައި
- ސްޕާގެ ހިދުމަތް ދޭ ތަނުގެ ރިސެޕްޝަން ސަރަހައްދާއި ކޮރިޑޯގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަންވާނެ. އެ ކެމެރާތައް އެއްވެސް ވަގުތެއްގައި ނިއްވާލާފައި ހުރެގެން ނުވާނެ. އަދި ކެމެރާތަކުގެ
ރިކޯޑިންގ، މަދުވެގެން ހަ މަސް ދުވަސް ވަންދެން ބަހައްޓަން ޖެހޭ. ތަހުގީގީ އިދާރާއެއްގެ ބޭނުމަށް މިފަދަ
ރިކޯޑިންއަކަށް އެދިއްޖެނަމަ، ސްޕާގެ ހިދުމަތް ދޭ ތަނުގެ މެނޭޖްމަންޓުން، އެ ރިކޯޑިން ވަގުތުން ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ
- ސްޕާގެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ކޮޓަރިތަކުގައި ހިދުމަތް ދިނުމަށް ބަހައްޓާ އެނދު ވާން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ އެނދަކަށް. އަދި ކޮޓަރިއެއްގައި އެއް އެނދަށްވުރެ ގިނަ އެނދު ބަހައްޓާނަމަ، ދެ އެނދު ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ކަނޑައަޅައި، ކޮންމެ އެނދެއް ހުންނަ ސަރަހައްދެއް ޕާޓިޝަނަކުން ވަކިކުރަންޖެހޭ
ރަށްރަށުގައި ހިންގާ ސްޕާތައް އިންސްޕެކްޓުކުރަން ޖެހެނީ ކައުންސިލުންނެވެ. އެގޮތުން، ސްޕާގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ކުރިން، ސްޕާގެ ހިދުމަތްދޭ ތަނަކީ ގަވައިދުގައި ބުނާ މިންގަނޑުތަކަށް ފެތޭ ތަނެއްތޯ އިންސްޕެކްޓް ކުރުމާއި އެ މިންގަނޑުތަކަށް ފެތޭކަމުގެ ހުއްދަ ކައުންސިލުން ދޭންޖެހެ އެވެ. އެއަށް ފަހު ކޮންމެ ހަ މަހަކުން އެ ތަންތަން އިންސްޕެކްޓުކުރަންޖެހެ އެވެ.
ވިޔަފާރި ރަޖިސްޓްރީކުރުމަށް ފަހު ގަވައިދާ ހިލާފުވެއްޖެ ނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި އިސްލާހުކުރުމަށް ފުރުސަތު ދޭނެ އެވެ. އިސްލާހު ނުކޮށްފި ނަމަ އެ ފަރާތަކަށް ދޫކޮށްފައިވާ މިންގަނޑުތަކަށް ފެތޭކަމުގެ ހުއްދަ ބާތިލުކުރާނެ އެވެ.
ގަވައިދުގައި ބުނީ ސްޕާގެ ވިޔަފާރި ރަޖިސްޓަރީ ކުރެވޭނީ، ގިނަވެގެން ދެ އަހަރު ދުވަހަށް ކަމަށެވެ. ހުއްދަ އާ ކުރުމަށް، އެ މުއްދަތު ހަމަވުމުގެ އެއް މަސް ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށް ބުންޏެވެ.
ސްޕާގެ ވިޔަފާރި ރަޖިސްޓްރީކޮށް ހިދުމަތް ދެވޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުކުރު ދުވަހު ހެނދުނު 11:00 އިން މެންދުރު
2:00 އަށް އެ ތަނުގައި ހިދުމަތް ދިނުމަކީ މަނާކަމެކެވެ. ނަމަވެސް ޓޫރިޒަމް ހިދުމަތް ދޭ ތަންތަން މި ކަމުން އިސްތިސްނާވެ އެވެ.