ތިމާވެއްޓާ ބެހޭ ހަފުލާއަކަށް ނަޝީދު އެމެރިކާ އަށް ވަޑައިގެންފި
ތިމާވެއްޓާ ބެހޭ ހަފުލާއަކަށް ނަޝީދު އެމެރިކާ އަށް ވަޑައިގެންފި

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާ ހަފުލާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެމެރިކާ އަށް ވަޑައިގެންފި އެވެ.

ބޭސްފަރުވާ ކުރެއްވުމުގެ ނަމުގައި މިދިޔަ އަހަރު އިނގިރޭސި ވިލާތަށް ވަޑައިގެން، އެ ގައުމުގެ ހިމާޔާތް ހޯއްދަވައިގެން ހުންނެވި ނަޝީދުގެ އޮފީހުން ބުނީ ތިމާވެއްޓާ ބެހޭ ހަފުލާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ އެމެރިކާގެ ކުރީގެ ނައިބު ރައީސް އާލް ގޯއާ އެކު ކަމަށެވެ. ތިމާވެއްޓާ ބެހޭ ހާއްސަ ޕެނަލްގައި ދެ ބޭފުޅުން ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މި މަހު 22 ގައި ބާއްވާ އެ ހަފުލާގައި އާލް ގޯގެ ތިމާވެށީގެ ޑޮކިއުމެންޓްރީ "އެން އިންކޮންވީނިއެންޓް ޓްރުތު"ގެ ދެވަނަ ބައި "އެން އިންކޮންވީނިއެންޓް ސީކުއެލް" އިފްތިތާހުކުރާނެ އެވެ.

މި ފިލްމުގެ އިތުރުން ވެސް މި އަހަރުގެ ސަންޑާސް ފިލްމު ފެސްޓިވަލުގައި ތިމާވެއްޓާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 13 ފިލްމެއް ނެރޭނެ އެވެ.

ތިމާވެއްޓާ ބެހޭ މި ހަފުލާގައި ދުނިޔޭގެ މަޝްހޫރު ފަރާތްތައް ބައިވެރިވާނެ ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި 13 އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުންނެވި ނަޝީދު ރާއްޖެ އިން ބޭރަށް ވަޑއިގަތީ ފަރުވާ އަށް ފަހު އެނބުރި ވަޑައިގަންނަވާ ގޮތަށެވެ. އެކަމަކު އެނބުރިވަޑައިނުގެން އެ މަނިކުފާނު ވަނީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައި، އެ ގައުމުގައި ހުންނަވައިގެން ސިިޔާސީ މަސައްކަތް ފައްޓަވައިފަ އެވެ.