10 ޖޫން 2016 - 09:32

މަތި ނެތް ކާރު ބުރިޖުމަތީގައި ދުއްވައިފައި ދިޔަ ރެއަކީ، އަހަރެންގެ ހިތުން ފުހެވިގެން ނުދާނެ ފޮނި ހަނދާނެކެވެ. އަހަންނަށް ހީވީ އެއީ ހުވަފެނެއް ހެންނެވެ. ދެ ފަރާތުން ފެންނަން އޮތީ ކަނޑުގެ ރާޅުތަކެވެ. އުފުލުތިރިވާ ބާނިތަކެވެ. ހަނދުގެ ދަރުބާރުގައި ތަރިތައް އިޙުތިރާމުއަދާކޮށްގެން ތިއްބެވެ. ހުޅުދާންވެފައިވާ ތަނަވަސް ޖައްވުގައި ވިލާތައް އަހަރުމެންނަށް ހަނާއެޅިއެވެ. އެއީ ހިތްގައިމު ރެއެކެވެ. ފަހަތު ސީޓުގައި ލެނގިލައިގެން އޮތްއިރު، އަހަރެންގެ މޭގައި ބޯއަޅައިލައިގެން ނޫރާ އޮތެވެ. ކައިވެންޏަށް ފެހި، ވިލުކުލައިގެ ނަލަ ހެދުމުގައެވެ. އެއީ އަހަރެންގެ އަލަތު އަނބިމީހާއެވެ. ފެނުމުން ހަނދު ވެސް ލަދުން ވިލާތަކުގެ ނިވަލަށް ވަންނަހާ ރީތި ކުއްޖެކެވެ. ދައްކާނެ ވާހަކައެއް ނުވަތަ ކުރާނެ ޝަކުވާއެއް އަހަރުމެންގެ ނެތެވެ. އެކަކުއަނެކަކު ދެކެ ލޯބިވުމަކީ އަހަރުމެންގެ އަމިއްލަ ނިންމުމެކެވެ. އެ ރެއަކީ ކައިވެނި ކުރި ރެއެވެ. ޙަފުލާ ނިމުމުން އަހަރުމެން ދިޔައީ ހުޅުމާލެއަށެވެ. އަހަރުމެން ކުއްޔަށް ހިފައިފައިވާ އެޕާޓްމަންޓަށެވެ.
"އޭ ލަވްބާޑް!" ކާރު ދުއްވަން އިން ހަލީމް ސަމާސާ ކޮށްލިއެވެ. "ނިދީތަ؟"
ހަލީމަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެންގެ އުފަލާއި ހިތާމައިގައި އޭނަ ބައިވެރިވެއެވެ. އަތްމަތި ތަނަވަސް ވިޔަފާރިވެރިއެކެވެ. އެ ކާރަކީ ވެސް ހަލީމްގެ ކާރެކެވެ.
"މިހާރު ދެން ތި ތިބީ ދެމަފިރިންނަށް ވެ ނިމިފަ،" ކާރުގެ ލޯގަނޑުން އަހަރުމެންނަށް ބަލައިލަމުން ހަލީމް ބުންޏެވެ. "ދެން ބަސްއަހައިގެން ރީތިކޮށް އުޅޭތި."
"ތިހެން ބުނާއިރު ހީވަނީ އަހަރުމެން ކުރިން އުޅުނީ ވަރަށް ސިޔާސަކޮށްހެން،" އަހަރެން ބުނީމެވެ. "ދޯ ނޫރާ! އަޅެ އެހެން ހިއެއްނުވޭތަ؟"
ނޫރާ ހިނިތުންވެލިއެވެ. ހީވީ އެއްފަހަރާ އެތައް ސަތޭކަ މަލެއް ފަރިވެ ފޮޅުނުހެންނެވެ. ނޫރާ ދެކެ އަހަރެން ލޯބިވީ އޭނަގެ ރީތިކަމަށްޓަކައެވެ. ޒަމާނާ އެއްވަރަށް އަހަރެންގެ ލޯތްބަށް ބަދަލު އަންނާނެ ހެއްޔެވެ؟ ސިފައަކީ އަބަދު އެއްގޮތަކަށް ހުންނަ އެއްޗެއް ނޫނެވެ. އެ ސުވާލު އަހަރެންގެ ހިތުގައި އަބަދުވެސް ވަކިއަޅައެވެ.
"ކޯޗެއް ތި ބަލަނީ؟" މަޑުމަޑުން ނޫރާ އެހިއެވެ.
"ނޫރާ ކީއްވެ އަހަންނާ އިނީ؟" އެންމެ ފަހުން އެ ސުވާލު އަހަރެން ކުރީމެވެ. "މީހުން ފުނިޖެހިފަ އޮތް ތަނެއްގެ ތެރެއިން އަހަރެން ހޮވުނީ ކީއްވެ؟ ވަރަށް ބޭނުން މި ސުވާލު އަހަން. މަށަކީ މާލޭ މީހެއް ނޫން. މާލެއަކު ނެތް މަގޭ ގެއެއް ވެސް."
"ޝަރުތެއް ނެތި ލޯތްބެއް ނުވެވޭނެތަ؟" ނޫރާ ދިނީ ވަރަށް ކުރު ޖަވާބެކެވެ.
އަހަރެން ކިހާ ނަސީބުގަދަހޭ ހިތަށްއެރިއެވެ. ނޫރާ ފަދަ އަންބެއް ލިބޭނީ މަދު މީހަކަށެވެ. އެ ކުރު ދަތުރުގައި މާ ގިނަ ވާހަކައެއް އަހަރުމެން ނުދައްކަމެވެ. ކާރު މަޑުކޮށްލީ އެޕާޓުމަންޓު ހުންނަ ޢިމާރާތުގެ ދޮރުމައްޗަށެވެ. ރީތި ތަނެކެވެ. އެޕާޓުމަންޓު ވެސް އެހާމެ ރީއްޗެވެ. ކުލި ކުޑައެއް ނޫނެވެ. އަހަރުމެން ދެމަފިރިންގެ މުސާރަ އެއްކޮށްލުމުން އަށާރަ ހާސް ރުފިޔާ ހަމަވެއެވެ. އަހަރެން އިތުރު މަސައްކަތް ވެސް ކުރަމެވެ. ލޯބިވެރިންގެ ގޮތުގައި އުޅުނުއިރު، ލޯ ތަރަތަރަޖައިގެންދާ ވަރުގެ ހަދިޔާތައް ނޫރާއަށް ދެމެވެ. އަގު ބޮޑު ރެސްޓޯރަންޓުތަކަށް ގެންދަމެވެ. ނޫރާދެކެ ކިހާ ލޯބިވާކަން އެންގުމަށްޓަކައި އަހަރެން ފައިސާ ޚަރަދުކުރީމެވެ. އެއީ، އަމިއްލަ މަސައްކަތުން އަހަރެން އެއްކޮށްފައިވާ ފައިސާއެވެ. އަހަރެން ލޯބިވާ މީހަކަށް އެ ފައިސާއިން އުފަލެއް ގަނެދިނުމަކީ ކުށެއް ނޫނެވެ. ކައިވެނީގެ ކުރިން ހިސާބުތައް ހެދީމެވެ. ކައިވެންޏަށް ފަހު، ދައްޗަކާ ނުލައި އަހަރުމެންނަށް އުޅެވޭނެކަމަށް ނަންބަރުތައް ހެކިދިނެވެ. އަހަރުމެން އިތުބާރުކުރީ އެއަށެވެ.
ނޫރާއަކީ މުރާލި ކުއްޖެކެވެ. ގެވެހި ކުއްޖެކެވެ. ގޭތެރެ ބެލެހެއްޓުމާއި މީރުކޮށް ކައްކަން ނޫރާއަށް އެނގެއެވެ. ދާދި އަވަހަށް ގެއަށް މެހުމާނަކު އަތުވެދާނެއެވެ. ވީހާ ވެސް ޚަރަދު ކުޑަކުރަން އަހަރެން ބޭނުމެވެ. އަހަރުމެންގެ ދަރިފުޅަށްޓަކައެވެ. ދެ ފަރާތުގެ ޢާއިލާގައި ވެސް ފައިސާގެ ތަނަވަސްކަމެއް ނެތެވެ. ބޮޑު ބައްޔެއް ވިޔަސް ނުވަތަ ކުއްލި ޚަރަދެއް ކުރަންޖެހުނަސް، އެހެން މީހެއްގެ އެހީއެއް ނުލިބޭނެއެވެ. އަހަރެން އެ ހުރިހާ ކަމަކަށް ވިސްނީމެވެ. ކޮންމެ މަހެއް ނިމޭއިރު ވެސް، އެކަށީގެންވާ މިންވަރަކަށް އަހަރުމެންނަށް ފައިސާ ރައްކާ ކުރެވެއެވެ. ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ހަމަކޮށްފައި ބަހައްޓަމެވެ. ރީތިވާން ބޭނުންކުރާ ސާމާނާއި އަންނައުނު ގަންނަން ނޫރާ ބުނާކަށް ނުވެސް ޖެހޭނެއެވެ.
އަހަރެންގެ އަންބަކަށް ވީ ފަހުން އައި ނޫރާގެ ފުރަތަމަ އުފަންދުވަހެވެ. އޭރު ނޫރާ އިނީ ބަލިވެއެވެ. ބަނޑަށް އެއް މަހެވެ. އުފަންދުވަސް ފާހަގަކުރަން ރެސްޓޯރަންޓަކަށް ދިޔައީމެވެ. މާބޮނޑިއެއްވެސް ދިނީމެވެ. އެކަމަކު، ނޫރާ މާ އުފާވިހެނެއް އަހަންނަކަށް ހިއެއްނުވިއެވެ.
"މި ރޭ ހާދަ މޫޑީހެން ހީވެޔޭ!" އަހަރެން އެހެން ބުނީ ޔަގީންވީމައެވެ.
"ނޫން!" ނޫރާ ބުންޏެވެ. "މަ ކޮންކަމަކާ މޫޑީވާންވީ؟"
ބުނަން ބޭނުންވި ވާހަކަ ނުބުނެ ނޫރާ ލަސްކުރީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެއެވެ. އެހެންނަމަވެސް އެ ރެއަކު ނޫރާއަކަށް ނުނިދުނެވެ. އެ ވާހަކައެއް ބުނެފައި ނޫނީ ނޫރާއަށް ނުނިދޭނެކަން އަހަންނަށް އެނގެއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ސުވާލުކުރީމެވެ.
"އަހަރެންދެކެ ލޯބިވޭތަ؟" ނޫރާ ސުވާލުކުރިއެވެ.
"އަހަރެން ނުބުނަނީހެއް ތި ސުވާލުގެ ޖަވާބެއް ނޭނގޭތަ؟" ދެފައި ވައްކޮށްލައިފައި އެނދުގައި އިށީންނަމުން އަހަރެން ބުނީމެވެ. "ކީއްވެ ތި ސުވާލުކުރަންޖެހުނީ؟"
"ކަމެއްނުވޭ!" ބުނަންނުބުނަން ކަހަލަ ގޮތަކަށް ނޫރާ ބުންޏެވެ. "ކުރިން ކިހާ ސަޅި ބާތުޑޭ ޕްރެސެންޓު ދެން. ދޮންތަގެ ހަސްބަންޑު މި ފަހަރު ދޮންތައަށް ދިން އައިފޯނެއް. ދޮންތަދެކެ އޭނަ ކިހާ ލޯބިވޭ!"
ވީ ގޮތް އަހަންނަށް ވިސްނުނެވެ. އެކަމަކު، ނޫރާގެ ވިސްނުން ހަނިކަމާ މެދު އަހަރެން ހައިރާންވިއެވެ. އަހަރެން ކޮށްދިން އެއް ހާސް ކަންތަކެއް ނޫރާއަކަށް ނުފެނުނެވެ. ވީއިރު، ނުކޮށްދެވުނު ހަމައެކަނި ކަންތައް ލޯބީގެ ތިލަފަތަށްލައި ވަޒަންކޮށްގެން ނުވާނެއެވެ. އަހަރެން އަތުގައި ފައިސާ ހުއްޓެވެ. ފޯނެއް ގަނެލައިފައި ދޭކަށް އެއްވެސް ކަމެއް ނޫނެވެ. އެހެންނަމަވެސް، ނޫރާ އަތުގައި އޮތީ ކުރީ އަހަރު އަހަރެން ގަނެދިން، ފަހުގެ ސެމްސަންގް ފޯނެކެވެ. އެ ފޯނު ހަލާކެއް ނުވެއެވެ. އަނެއްކޮޅުން އަހަރުމެންނަށް ކުއްޖަކު ލިބެނީއެވެ.
"މަ ވެސް ނޫރާދެކެ ވަރަށް ލޯބިވެއޭ،" އަހަރެން ބުނީމެވެ. "ނޫރާއަށް އެނގޭނެ އެ ކަން. އެކަމަކު، ފޯނެއް އޮއްވާ ފޯނެއް ގަތުން އެއީ ކިހާ ބޮޑު ވޭސްޓެއް."
ނޫރާއަކަށް އެ ކަން ގަބޫލެއް ނުކުރެވުނެވެ. ބިއްދޮށަށް އެނބުރިލިއެވެ.
"އެކަމަކު ދޮންތަބޭ.." ނޫރާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އާނ ދެން ނިމުނީ ތި ވާހަކަ،" ވާހަކަ ކުރުކޮށްލުމުގެ ގޮތުން އަހަރެން ބުނީމެވެ. "ދެން ނިދަންއުޅޭ!"
އަހަންނަށް ރުޅިއާދެވުނުލެއް ތަންކޮޅެއް ބޮޑު ކަމަށް ވެދާނެއެވެ. އެކަމަކު ހިތަށްއެރިއެވެ. ޢާއިލާގައި ހުރި އެންމެ މުއްސަނދި ޅިޔަނާއި އަހަންނާ އެއްވަރު ކުރެވިދާނެ ހެއްޔެވެ؟ އެއްޗެއް ނުބުނެ އޮއްވައި އަހަންނަށް ނިދުނީއެވެ. ހެނދުނު ހޭލިއިރު ވެސް، ކުރިން ޖެހުނު ކުނި ނުފިލައެވެ. ނޫރާގެ ހަތަރު ދައްތަ ވެސް އުޅެނީ ކައިވެނިކޮށްގެންނެވެ. މާލޭގައި ގެދޮރު ހުރި މީހުންނާއެވެ. ދޮންތަ ފިޔަވައި އެހެން އެންމެން އުޅެނީ އަތްމަތި ވަރަށް ދަތިކޮށެވެ. ދިރިއުޅޭ ޖާގަ ވެސް ވަރަށް ދައްޗެވެ. އެކަމަކު ނޫރާއަށް އަބަދު ވެސް ދެވެނީ ދޮންތަގެއަށެވެ. ދޮންތަގެ ފިރިމީހާ ދޮންތަގެ އުފަންދުވަހު ގެނެސްދޭ އަގުހުރި ހަދިޔާތައް ނޫރާއަށް ފެނެއެވެ. އެ ފަދަ ހަދިޔާއަކަށް ނޫރާ އުންމީދުކުރެއެވެ. ދެން ފެނުނީ އައިޕެޑެއް ހިފައިގެން ނޫރާ އައިތަނެވެ. ދޮންތަ އާ އެއްޗެއް ގަނެފައި ބާ އެތި ނޫރާއަށް ދެނީއެވެ. އޭރު އަހަރުމެން ދެމަފިރިންގެ ދެމެދުގައި، ނޭނގޭ ބީރައްޓެހިކަމެއް އުފެދިއްޖެއެވެ. ނޫރާގެ ޝަކުވާތައް ފުނިޖެހިއްޖެއެވެ. ވަގުތު ކުޑަތަން ވަނީކަން އަހަންނަށް ވިސްނުނެވެ. ނޫރާދެކެ އަހަރެން ވަރަށް ލޯބިވެއެވެ. ކައިވެނި ސަލާމަތްކުރެވޭނެ ގޮތެއް ނުވިސްނުނެވެ. އެ ދަނޑިވަޅުގައި އަހަންނަށް ލަފާދިނީ ހަލީމެވެ.
ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ނޫރާ ހުރީ ފެންވަރައި ރީތިވެގެންނެވެ. އޭނަ ގޮވައިގެން ސައިކަލުގައި އަހަރެން ނައްޓައިލީމެވެ. ދާ ތަނަކާ ބެހޭގޮތުން ނޫރާ ސުވާލުކުރިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ފުރަތަމަ ދިޔައީ ނޫރާގެ ދެވަނަ ދައްތަގެ ގެއަށެވެ. މާލޭގެ ގެއެއް ނަމަވެސް އެއީ ހޮރެއް ކަހަލަ ތަނެކެވެ. ހޫނު އެހާ ގަދައެވެ. ލާރި ނުދައްކައިގެން ކޭބަލް ޓީވީ ހުރީ ކަނޑައިލައިފައެވެ. ތަޅުންގަނޑުގައި ޖަހައިފައި ހުރި ތަށިމުށިތައް ހުރީ އެކި ދިމަދިމާއިން ނެއްޓިފައެވެ. ދެން ދިޔައީ ތިންވަނަ ދައްތަގެ ގެއަށެވެ. އެ ވެސް ވަރަށް ކުޑަ ތަންކޮޅެކެވެ. ގެއަށް ވަންއިރު ވެސް ދެކެވެނީ ކަރަންޓު ޚަރަދު ބޮޑު ވާހަކައެވެ. ޓީވީ ހުރީ ހަލާކުވެފައެވެ. ވަރަށް ބާ އެއާކޯނެއް ކޮޓަރީގައި ހުއްޓެވެ. ހަތަރުވަނަ ދައްތަގެ ގެއަށް ވެސް އެ ރޭ ގެންދިޔައީމެވެ. އެ މީހުން އުޅޭ ކޮޓަރި ހުރީ ދެބައިކޮށްފައެވެ. އެއްބައިގައި ނިދަނީ ދަރިންނެވެ. އެހެންކަމުން، ދެމަފިރިން ނިދާ ކޮޓަރި ވަރަށް ކުޑައެވެ. ވަންނަ ގޮތަށް ޖެހެނީ އެނދުގައި އިށީންނާށެވެ. ހުރީ އެންމެ ފެންލައިޓެކެވެ. ވައިރޯޅިއެއް ނުވަދެއެވެ. އަންނައުނު އަޅާ އަލަމާރީގެ އެއް ދޮރުފަތް ނުވެސް ނެތެވެ.
ކުލި ދައްކައިގެން އުޅުނުކަމުގައި ވިޔަސް، ނޫރާއަށް ލިބިފައިވާ އަރާމާއި ތަނަވަސްކަމުގެ އިހުސާސް އޭނައަށް ކުރެވުނީ އެ ހިސާބުންނެވެ. އެކުވެރިން ގެންގުޅޭ އެކި ކަހަލަ އަގު ބޮޑެތި އެއްޗެހި ނޫރާގެ އަތުގައި ވެސް ހުންނަން އޭނަ ބޭނުންވާނެއެވެ. އެ ފަދަ އާދަތައް ކުއްލިއަކަށް ދުލެއް ނުވެސް ކުރެވޭނެއެވެ. އެހެންނަމަވެސް، ނޫރާގެ ހުރިހާ ޝަކުވާއެއް ހުއްޓުނެވެ. އޭނައަށް ވިސްނުނެވެ. ހިތްހަމަޖެހުން ލިބޭނީ ނެތް އެއްޗަކަށް ޝަކުވާ ކުރުމަށް ވުރެ ހުރި އެއްޗަކަށް ޝުކުރު ކުރީމެވެ.
ލޯތްބަކީ ވަރުގަދަ ޖަޒުބާތެއް އެކުލެވޭ ނާޒުކު ފޭރާމެކެވެ. ފޭރާމުގައި ބަތާނަ އޮންނަ ފަދައިން ލޯބީގައި ޝަރުތު ވެސް ނޯވެއެއް ނުދާނެއެވެ. ބައެއް ފަހަރު އެއީ ކުރެވޭ އުންމީދެކެވެ. ނުވަތަ ދެކޭ ހުވަފެނަކަށް ވެސް ވެދާނެއެވެ. ބަތާނަ ވީދިއްޖެ ނަމަ ފޭރާމަށް އޭގެ އަސަރު ކުރާނެއެވެ. ލޯތްބަށް ބަދަލު އަންނާނެއެވެ. އަހަރެންގެ ކައިވެނި ސަލާމަތްވިއެވެ. އަހަރެންގެ ނަސީބު ގަދައީއެވެ. ހުރިހާ އެންމެން އެހާ ނަސީބު ގަދަ ނުވެދާނެއެވެ. (ނިމުނީ)