21 ފެބުރުއަރީ 2023 - 13:34

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރާ ރ. ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ލައިވް ކުރަން އެމަނިކުފާނުގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ދައުވާކޮށްފައި ވާއިރު، ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ކުރެ އެވެ.
އެ މައްސަލައިގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި، މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ކަންކަން ނިިންމުމުން، ޔާމީންގެ ފަރާތުން ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އެދިވަޑައިގަތީ ޝަރީއަތުގެ މަރުހަލާ ފެށުމުން، ޔާމީންގެ މައްޗަށް ދައުވާ ކުރި އެހެން މައްސަލަތަކެކޭ އެއްގޮތަށް ޝަރީއަތް ލައިވްކޮށް ދުރަށް ދައްކާށެވެ.
މިއަދުގެ އަޑުއެހުން ނިންމާލި އިރު، އެކަމާ މެދު އަދި ވަކި ގޮތެއް ނިންމެވި ކަމެއް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅެއް ނުވެ އެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި ލައިވްކޮށްގެން ހާމަކަން ބޮޑުކޮށް ޝަރީއަތް ކުރުމަކީ އިންސާފުވެރިކޮށް ޝަރީއަތް ގެންދިޔުމަށް މުހިންމު ފިޔަވަޅެއް ކަމަށް ޔާމީންގެ ވަކީލުން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ޝަރީއަތުގެ މަރުހަލާ ފަށައި އިފްތިތާހީ ބަޔާންތައް އިއްވުމުން، ދެން އޮންނާނީ ހެކީން ހާޒިރުކޮށް ހެކިބަސް ނެގުމެވެ. މިއަދު ނަދީމް ނިންމެވީ، މާޗު މަހުގެ ފަހުކޮޅު ހެކިބަސް ނެގުމަށް ޖެހިޖެހިގެން ގިނަ އަޑުއެހުންތަކެއް ބާއްވާށެވެ. އެކަމާ ހެދި ދަތިވާނެ ކަމަށް ވިދާޅުވެ މިއަދު ދިފާއީ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ނަދީމް ވިދާޅުވި ގޮތުގައި، އިބްތިދާއީ މަރުހަލާގައި އޮންލައިންކޮށް އަޑުއެހުން ބޭއްވި ނަމަވެސް، ޝަރީއަތުގެ މަރުހަލާ ފެށުމުން އަޑުއެހުންތައް ބާއްވާނީ ހުރިހާ އެންމެން ވެސް ކޯޓަށް ގޮސް އަޑުއެހުމުގައި ބައިވެރިވާން ޖެހޭ ގޮތަށް ކަމަށެވެ.
އެކަމަކު، ކައިރިކައިރީގައި ހެކިބަސް ނެގުމުގެ އަޑުއެހުންތައް ބާއްވަން ނިންމާފައިވާއިރު، ކޮންމެ ދުވަހަކު ދަތުރުކުރަން ދަތިވެދާނެތީ، ޔާމީން އެދިވަޑައިގަންނަވާ ނަމަ މާފުށީ ޖަލުގައި ހުންނަވައިގެން އޮންލައިންކޮށް އަޑުއެހުންތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް ނަދީމް ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ، ވަކީލުންނާ މަޝްވަރާކުރެއްވުމަށްފަހު ވަކި ގޮތެއް އަންގަވާނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ ކުރި ގއ. ވޮޑަމުލާގެ މައްސަލަ ވެސް ކުރިއަށްގެންދިޔައީ ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކޮށްގެންނެވެ. އެ ޝަރީއަތް ބައެއް ޓީވީ ޗެނަލްތަކުން ވެސް ލައިވް ކުރި އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެފަދަ ގޮތަކަށް ޝަރީއަތެއް ލައިވް ކުރި ފުރަތަމަ ފަހަރެވެ.
ވޮޑަމުލާގެ މައްސަލައިގައި އިއްވި ހުކުމުގެ އިސްތިއުނާފު މަރުހަލާގައި ހައި ކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް ޔާމީންގެ މައްސަލަ ލައިވް ކުރި އެވެ. އަދި މިހާރު އެމަނިކުފާނު 11 އަހަރަށް ޖަލަށްލާފައިވާ ވ. އާރަށުގެ މައްސަލަ ވެސް އެމަނިކުފާނުގެ ފަރާތުން އެދިގެން ކްރިމިނަލް ކޯޓުން ލައިވް ކުރި އެވެ.