21 ފެބުރުއަރީ 2023 - 15:00

މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހު ފަށާ ގޮތަށް ދިރާސީ އަހަރުގެ ކަލަންޑަރު ނެރެފި އެވެ.
ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ އެކަޑަމިކް ކަލަންޑަރުގައި ބުނާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފެށެނީ ޑިސެމްބަރު 21 ގަ އެވެ. އަދި މި އަހަރުގެ ދެވަނަ ޓާމުގެ ފެށެނީ ޖެނުއަރީ ހަތެއްގަ އެވެ. އަހަރު ނިމެނީ ޖޫން 2024، 13ގަ އެވެ.
ތައުލީމީ އާ އަހަރު ފެށޭ ދުވަސް ބަދަލު ކުރުމުން ބެލެނިވެރިން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޖޫން/ޖުލައިގެ ވިއްސާރައާ ދިމާވާތީ އެކަށީގެންވާ ގޮތުގައި ޗުއްޓީގެ ބޭނުން ނުހިފޭ ކަމަށް ބެލެނިވެރިން ބުނެ އެވެ.
ނަމަވެސް މިނިސްޓްރީން ބުނެފައި ވަނީ ދިރާސީ އަހަރު އޮގަސްޓަށް ބަދަލުކުރީ، ގިނަ މަޝްވަރާތަކަކަށް ފަހު، އެ ބަދަލުން ދަރިވަރުންނަށް ފައިދާތަކެއް ކުރާނެތީ އެވެ.