21 ފެބުރުއަރީ 2023 - 12:49

އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ޖެހިޖެހިގެން ބާއްވަން ނިންމުމުން ދިފާއީ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޔާމީނާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކުރެ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ބެހޭގޮތުން ގޮތް ނިންމައި އިބްތިދާއީ މަރުހަލާ ނިންމާލައްވައިފަ އެވެ.
ނަދީމް ވިދާޅުވީ، ޝަރީއަތުގެ މަރުހަލާ ފަށަން ގަސްތު ކުރަނީ މާޗު މަހުގެ 9 ވަނަ ދުވަހު ކަމަށާއި ހެކިބަސް ނެގުމުގެ އަޑުއެހުންތައް ބާއްވަން ބޭނުންފުޅު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރު ކުރާ ގޮތަށް ކޮންޓިނުއަސްކޮށް ކަމަށެވެ.
އެގޮތުން، އިފްތިތާހީ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުންތަކަށްފަހު، ހުކުރު ހޮނިހިރު ފިޔަވައި އެހެން ހުރިހާ ދުވަސްތަކެއްގައި ހެކިބަސް ނެގުމުގެ އަޑުއެހުންތައް ބާއްވަން ގަސްތުކުރައްވާކަން ހާމަކުރެއްވި އެވެ. މާޗު ނުވަ ވަނަ ދުވަހު އިފްތިތާހީ ބަޔާން އިއްވުމަށް ވަކިވަކިން އަޑުއެހުން ބާއްވައި، އެ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30އާ ހަމައަށް ޖެހިޖެހިގެން ހެކިބަސް ނެގުމުގެ އަޑުއެހުން ބާއްވާނެކަން އިއުލާން ކުރެއްވި އެވެ.
ދައުވާ ލިބޭ ފަރާތްތަކުގެ ތެރެއިން އެއް ވަކީލުންނަށް ވުރެ ގިނަ ވަކީލުން ތިބި މީހުންގެ ތެރެއިން އެންމެ ވަކީލަކަށް ބައިވެރިވެވޭ ނަމަވެސް އަޑުއެހުން ބާއްވަން ގަސްތުކުރައްވާ ކަމަށް ވެސް ނަދީމް ވިދާޅުވި އެވެ.
އެ ނިންމެވުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޔާމީންގެ ފަރާތުން ހައި ކޯޓުގައި ވެސް އިސްތިއުނާފު ކުރާ އާރަށުގެ މައްސަލަ ވެސް އޮތް އިރު، ކޮންމެ ދުވަހަކު އަޑުއެހުން ބޭއްވުމަކީ ވަކީލުންނަށް އެކަމުގެ ތަކުލީފު ބޮޑުވާނެ ކަމެއް ކަމަށެވެ. މައްސަލަ ތާވަލުކުރަން އެދެނީ ތައްޔާރުވާން ވެސް އެކަށީގެންވާ ފުރުސަތު ލިބޭ ގޮތަށް ކަމަށާއި އަވަސްކޮށްގެން ޝަރީއަތް ކުރިއަށްގެންދާއިރު ގެއްލޭ ހައްގުތަކެއް ވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ކްރިކް ރިޒާގެ ވަކީލު ހަމްޒާ ލަތީފު ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން، ލައިވްކުރަން އެދިފައިވާ މައްސަލައަކަށްވާއިރު، ގާޒީ ނަދީމްގެ ސެކްޝަނުގައި ވެސް ނުނިމި މައްސަލަތައް ހުއްޓައި ފުއްގިރީގެ މައްސަލަ ވަކިން ހާއްސަކޮށް އަވަހަށް ގެންދާ ނަމަ އާންމުންގެ މެދުގައި އިންސާފުވެރިކަމާ މެދު ސުވާލު އުފެދިދާނެ ކަމަށް ވިދާޅުވި އެވެ. ގާނޫނު ތަސައްވުރު ކުރަނީ އަވަހަށް މައްސަލަ ކުރިއަށްގެންދާ ގޮތަށް ތާވަލު ކުރުން ކަމަށް ވިޔަސް، އެހެން މައްސަލަތަކެކޭ އެއްފަދައިން އެއް އިންތިޒާމަކުން ފުއްގިރީގެ މައްސަލަ ކުރިއަށްގެންދިޔުމަށް ހަމްޒާ އެދިވަޑައިގަތެވެ.
ސަން އިންވެސްޓެމްންޓުގެ ވަކީލު އަލީ ޝާހު ވިދާޅުވީ، އިބްތިދާއީ މަރުހަލާގައި ނިންމި ބައެއް ނިންމުންތައް އިސްތިއުނާފު ކުރަން ބޭނުންވާ ކަމަށެވެ. އަދި ވަކީލުންގެ އެހެން މައްސަލަތަކެއް ހުރިކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.
ނަދީމްގެ ސެކްޝަނުގައި ނުނިމި ގިނަ މައްސަލަތަކެއް ހުއްޓައި މި މައްސަލަ އަވަހަށް ގެންދަން ޖެހެނީ ކީއްވެތޯ ވެސް ސުވާލު އުފެއްދެވި އެވެ. އަދި ޖެހިޖެހިގެން އަޑުއެހުން ބާއްވަން ނިންމެވި ނިންމެވުން މުރާޖައާކޮށްދެއްވަން ޝާހު އެދިވަޑައިގަތެވެ.
ވަކީލުންގެ ވާހަކަތަކާ ގުޅިގެން، ގާޒީ ނަދީމް ވިދާޅުވީ އޭނާގެ ސެކްޝަނުގައި އަމަލުކުރާ ގޮތަކީ ހުރިހާ މައްސަލައެއް ވެސް ކޮންޓިނުއަސްކޮށް ގެންދަން ތާވަލުކުރުން ކަމަށެވެ. އެކަމަކު، އެކި ސަބަބުތަކާ ހެދި މައްސަލަތައް މަޑުޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
މަސައްކަތް ކުރައްވަނީ އަވަހަށް މައްސަލަތައް ކުރިއަށްގެންދަވަން ކަމަށާއި، މި މައްސަލައިގައި ވެސް ތިން މަސް ފަހުން ޝަރީއަތުގެ މަރުހަލާ ފެށިގެންދާއިރު އަވަސް އަރުވައިލެވޭ ކަމަށް ގަބޫލުނުުކުރެވޭ ކަމަށް ވިދާޅުވި އެވެ. އަދި މި މައްސަލައަކީ 2020 ވަނަ އަހަރު ކޯޓަށް ހުށަހެޅުނު މައްސަލައެއްކަން ވެސް ފާހަގަކުރެއްވި އެވެ.
ވަކީލުން ދެއްކެވި ވާހަކަތަކާ ގުޅިގެން ތާވަލަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ނަަދީމް ގެންނެވި އެވެ. އޭނާ ނިންމެވީ، މާޗު 9 ވަނަ ދުވަހު ސަންގެ ދެ ކުންފުނިން އިފްތިތާހީ ބަޔާން އިއްވުމަށް އަޑުއެހުމެއް، މާޗު 12 ވަނަ ދުވަހު ރިޒާގެ ފަރާތުން އިފްތިތާހީ ބަޔާން އިއްވުމަށް އަޑުއެހުމެއް އަދި 13 ވަނަ ދުވަހު ޔާމީންގެ ފަރާތުން އިފްތިތާހީ ބަޔާން އިއްވުމަށް އަޑުއެހުމެއް ބޭއްވުމަށެވެ.
އެއަށްފަހު، މާޗު 16، 20، 22، 26، 27، 28، 29 އަދި 30 ގައި ޖެހިޖެހިގެން ހެކިބަސް ނެގުމުގެ އަޑުއެހުންތައް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތަށް، ބަދަލު ގެނައުމުން ވެސް މާޗު މަހުގެ ފަހުކޮޅު އަޑުއެހުންތައް ފުނިޖެހޭކަން ފާހަގަކުރައްވައި ވަކީލު ޖަމީލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ވަކީލުންގެ ކަންބޮޑުވުންތަކާ ގުޅިގެން އިތުރު ބަދަލެއް ނުގެންނަވައި ނަދީމް އެދިވަޑައިގަތީ ކަންބޮޑުވުންތައް ލިޔުމުން ހުށަހެޅުއްވުމަށެވެ. އަދި އެކަންކަމާ މެދު ވިސްނަވާނެ ކަމަށް ވިދާޅުވި އެވެ.
ޝަރީއަތުގެ މަރުހަލާ ބާއްވާނީ ހުރިހާ އެންމެން ވެސް ކޯޓަށް ހާޒިރުވާ ގޮތަށް ކަމަށް ނަދީމް ވިދާޅުވި އެވެ. އެކަމަކު، ކޮންމެ ދުވަހަކު މާފުށިން ދަތުރުކުރައްވަން ޔާމީނަށް އުނދަގޫވެވަޑައިގަންނަވާނެތީ ބޭނުންފުޅުވާ ނަމަ އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ ޝަރީއަތުގެ މަރުހަލާ ފެށުމުން، ޝަރީއަތް ލައިވް ކުރަން އެދިވަޑައިގެންފަ އެވެ. އެކަމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ފުއްގިރީގެ މައްސަލަ ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މިދިޔަ ޑިސެމްބަރު 25ގައި ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރި އާރަށުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ވަކީލުން ގެންދަވަނީ ކުރައްވަމުންނެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ދީފައިވާ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި އިއްވި ހުކުމާ ހެދި އިންތިހާބުގައި ވާދަ ކުރުމުގެ ދޮރު ވަނީ ބަންދުވެފަ އެވެ. އިންތިހާބުގައި ވާދަކުރެވެން އޮތީ އެ ހުކުމް އިސްތިއުނާފުކޮށްގެން މިނިވަންވެގެންނެވެ. އެކަމަކު، އޭގެ ކުރިން ފުއްގިރި މައްސަލަ ވެސް ސާބިތުވެއްޖެ ނަމަ އެ ހުކުމް ވެސް ބާތިލު ކުރަން އިސްތިއުނާފު ކުރަން ޖެހޭނެ އެވެ.