22 ފެބުރުއަރީ 2023 - 06:24

ބޮލީވުޑާއި ހޮލީވުޑްގެ މަގްބޫލު ބައެއް ފިލްމުތަކުން މީގެ ކުރިން ފެނިފައިވާ އިންޑިއާގެ އެކްޓަރު، އަލީ ފަޒަލްގެ އާ ފިލްމު، "ކަންދަހާރު" އަންނަ މެއި މަހު ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.

ހޮލީވުޑްގެ އެކްޓަރު، ޖެރާޑް ބަޓްލާ ލީޑު ރޯލުން ފެންނަ "ކަންދަހާރު" އަކީ، އެމެރިކާގެ އިންޓެލިޖެންސް އޮފިސަރަކަށް، އަފްގާނިސްތާނުގައި ދިމާވި ކަންކަމުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ރިކް ރޯމަން ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

އެ ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ މެއި މަހުގެ 26 ވަނަ ދުވަހު އެވެ.
މިއީ މިދިޔަ އަހަރު ނިކުތް "ދެތް އޮން ދަ ނައިލް" ފިލްމަށް ފަހު ނިކުންނަ އަލީގެ ފުރަތަމަ ބައިނަލްއަގްވާމީ ރިލީޒެވެ.
"މިއީ އަހަރެން ވަރަށް އިންތިޒާރުކުރާ ފިލްމެއް. އަހަރެން ޔަގީން ކުރަން، މި ފިލްމުގެ އެކްޝަނަކީ މީގެ ކުރިން ނުފެންނަ ސްޓޭޓް-އޮފް-ދަ-އާޓް ލެވެލްގެ އެއްޗެއް ކަމަށް. ރިކް ރޯމަން އޭނާގެ އަމިއްލަ ރެކޯޑް މުގުރާލާނެ،" އަލީ ބުނެފައިވެ އެވެ.
މި ފިލްމުގައި އަލީ ކުޅެނީ ކޮން ރޯލެއް ކަމެއް އަދި ނޭނގެ އެވެ.
"ކަންދަހަރް" ފިލްމުގައި، މެއިން ކެރެކްޓާ، ޖެރާޑްގެ ޓޮމް ހެރިސް އަކީ އަފްގާނިސްތާނުގެ ނުރައްކާތެރި ސަރަހައްދެއްގައި ތާށިވެފައިވާ އަންޑަކަވާ ސީއައިއޭ އޮފިސަރެކެވެ. މައިގަނޑުގޮތެއްގައި މި ފިލްމުގައި ފެންނާނީ ޓޮމް އޭނާގެ އަފްގާން ތަރުޖަމާނާއެކު، އެ ސަރަހައްދުން ފިލައިގެން ގޮސް، ކަންދަހަރުގައި ހުންނަ އެކްސްޓްރެކްޝަން ޕޮއިންޓް ނުވަތަ އެމެރިކާ ސިފައިންގެ މީހުން ފުރާ ތަނަށް ދާއިރު ދިމާވާ ހާދިސާތަކެވެ.