21 ފެބުރުއަރީ 2023 - 10:46

މޯލްޑިވްސް އިސްލާމިކް ބޭންކުން ރޯދަ މަހަށް ހާއްސަކޮށް "އުޖާލާ ރަމަޟާން ޕްރޮމޯޝަން" ފަށައިފި އެވެ.
އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ އުމްރާ ދަތުރެކެވެ. އެ ދަތުރަކީ އިތުރު މީހަކު ގޮވައިގެން ދެވޭ ގޮތަށް ދޭ ދަތުރެކެވެ.
"އުޖާލާ ރަމަޟާން ޕްރޮމޯޝަން"ގައި އަށް ހަފްތާވަންދެން ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިންނަށް 5000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. ޕްރޮމޯޝަނުގަ ޖުމްލަ 24 ފަރާތަކަށް އެ ފައިސާގެ އިނާމު ލިބޭނެ އެވެ.
ޕްރޮމޯޝަނުގަ ބައިވެރިވެވޭނީ އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ސްކީމުގެ ދަށުން މަދުވެގެން 25،000ރ. ގެ މުދާ ގަންނަ ކަސްޓަމަރުންނަށެވެ. އެ އަދަދުން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރެއް ވެސް މުދާ ގަންނަ ހަފްތާގެ ހަފްތާގެ އިނާމާއި ބޮޑު އިނާމު ހޯދުމުގެ ގުރުއަތަށް ދާނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މާޗް މަހުގެ ނިޔަލަށެވެ.
އެމްއައިބީއިން ބުނި ގޮތުގައި އެމްއައިބީ "އުޖާލާ ދިރިއުޅުން" ސްކީމަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް ރީޓެއިލް ފައިނޭންސިން ސްކީމެވެ. އެ ސްކީމުގެ ދަށުން އެމްއައިބީ އަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ހާއްސަ ރޭޓެއްގައި އެ ބޭންކުން ފައިނޭންސް ކޮށްދެއެވެ.
މި ސްކީމް މެދުވެރިކޮށް އެމްއައިބީއިން ދަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ގުޅިގެން ހަކަތަރި ލޭބަލް ޖަހާފައިވާ އާލާތްތަކަށް 10 ޕަސެންޓުގައި ފައިނޭންސް ކޮށްދެމުންނެވެ.
"އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް ވިޔަފާރި ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެމްއައިބީ "އެޕްލައި ނައު" ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް އެމްއައިބީގެ ކޮންމެ ބްރާންޗަކަށް ވެސް އެޕްލައި ކުރެވޭނެ އެވެ.