ވެން ހާލް ގެނައި އިތުރު ކުޅުންތެރިޔަކު ވިއްކާލައިފި
ވެން ހާލް ގެނައި އިތުރު ކުޅުންތެރިޔަކު ވިއްކާލައިފި

މެންޗެސްޓާ (ޖެނުއަރީ 19) – މެންޗެސްޓާ ޔުނައިޓެޑުގެ ނެދަލެންޑްސް ވިންގާ މެމްފިސް ޑިޕާއީ ފްރާންސުގެ އޮލިމްޕިކް ލިޔޯން އަށް ވިއްކާލަން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ޔުނައިޓެޑުން އޭނާ 16 މިލިއަން ޕައުންޑަށް ވިއްކާލަން އެއްބަސްވި ނަމަވެސް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ލިޔޯން ކޮލިފައިވެއްޖެ ނަމަ އަދި ޑިޕާއީ އަށް އާ ކޮންޓްރެކްޓެއް ކުރިމަގުގައި ލިބިއްޖެ ނަމަ ޔުނައިޓެޑަށް އިތުރު ފީތަކެއް ލިބޭނެ އެވެ. އެގޮތުން މި ޑީލުގެ ޖުމްލަ އަގު 21.7 މިލިއަން ޕައުންޑަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މީގެ އިތުރުން ލިޔޯން އިން ޑިޕާއީ ވިއްކާލާ ނަމަ ނުވަތަ ޔުނައިޓެޑުން އޭނާ ބޭނުންވެއްޖެ ނަމަ އެ ޓީމަށް އިސްކަންދޭން ޖެހޭ މާއްދާއެއް ހިމަނަން ވެސް ވަނީ އެއްބަސްވެފަ އެވެ.

ޕީއެސްވީއާ އެކު ނެދަލެންޑްސް ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނަ ހޯދި ޑިޕާއީ އަކީ ލުއީ ވެން ހާލްގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން 2015 ވަނަ އަހަރު 25 މިލިއަން ޕައުންޑަށް ގަތް ކުޅުންތެރިޔެކެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައި ވެން ހާލް ދިން ފުރުސަތާ އެކު ވިދާލި ޑިޕާއީ އަކީ ވަރަށް ބޮޑު އުއްމީދެއް ކުރެވުނު ކުޅުންތެރިޔެކެވެ. އެކަމަކު އެކަށީގެންވާ ކުޅުމެއް ނުދެއްކުމާއި އަދި ފަހުން އެ ޓީމާ ހަވާލުވި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އޭނާ އަށް ފުރުސަތު ނުލިބޭނީ ވިއްކާލަން ނިންމާލީ އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަށް ކުޅެދިން 53 މެޗުން ވަނީ ހަތް ގޯލް ޖަހައިދީފަ އެވެ. މި ސީޒަނުގައި އަށް މެޗު ކުޅެފައިވީ ނަމަވެސް އޮކްޓޯބަރުގެ ފަހުން އޭނާ ކުޅެފައިވަނީ އެންމެ އަށް މިނެޓެވެ. ޑިޕާއީ ލޯން އުސޫލުން ގެންދަން އިޓަލީގެ ބައެއް ކްލަބްތަކުން ބޭނުންވި ނަމަވެސް މޮރީނިއޯ ބޭނުންވީ ވިއްކާލާށެވެ.

ޑިޕާއީ އަލަށް ބަދަލުވާ ލިޔޯން އޮތީ ފްރާންސް ލީގުގެ ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި އޮތް މޮނާކޯއާ 11 ޕޮއިންޓުގެ ފަރަގެއް އޮތްއިރު ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ލިބޭ ތިން ވަނައާ އެ ޓީމާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ވެން ހާލް ބޮޑުއަގުގައި ޔުނައިޓެޑަށް ގެނައި ގިނަ ކުޅުންތެރިން އެ ކްލަބުން ވަނީ ވިއްކާލައިފަ އެވެ. ރެއާލް މެޑްރިޑުން 60 މިލިއަން ޕައުންޑަށް ގެނައި އާޖެންޓީނާގެ އެންހެލް ޑި މަރިއާ 44.3 މިލިއަން ޕައުންޑަށް ޕީއެސްޖީ އަށް ވަނީ ވިއްކާލައިފަ އެވެ. ސައުތުހެމްޓަން އިން 25 މިލިއަން ޕައުންޑަށް ގަތް މޯގަން ޝްނެއިޑެލިން ދާދި ފަހުން ވަނީ އެވަޓަން އަށް 24 މިލިއަން ޕައުންޑަށް ވިއްކާލަން އެއްބަސްވެފަ އެވެ. ބަޔާން މިއުނިކުން 14.4 މިލިއަން ޕައުންޑަށް ގެނައި ޖަރުމަނުގެ ބަސްޓިއަން ޝްވެއިންސްޓެއިގާ އަށް ވެސް ފުރުސަތު ނުލިބޭއިރު އޭނާ ހުރީ ކްލަބް ދޫކޮށްލުމުގެ މަގުމަތީގަ އެވެ.