19 ޖެނުއަރީ 2017 - 11:12

އައްޑޫ ހުޅުމީދޫގައި އިމާރާތްކޮށްފައިވާ ހައުސިން ފްލެޓުތަކަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީން އަނެއްކާ ވެސް ފުރުސަތު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ހުޅުމީދޫގައި އިމާރާތް ކޮށްފައިވާ 48 ފްލެޓަށް ކުރިމަތިލާން އަލުން ހުޅުވައިލީ، އެ ފްލެޓުގެ ކެޓަގަރީ އޭ އަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ އާއި، އެ އަވަށަށް ދިިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ފްލެޓުތަކަށް ކެޓަގަރީ ސީ އިތުރުކޮށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މާޗު ދެ ވަނަ ދުވަހާ ހަމައަށް ފޯމު ބަލައިގަތުމަށް ވަނީ ނިންމައިފަ އެވެ.
އައްޑޫ ހިތަދޫގައި ވެސް ސަރުކާރުން ވަނީ 264 ފްލެޓު އިމާރާތް ކޮށްފަ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ މަސައްކަތްތައް ނިންމާފައިވިއަސް، އެ ފްލެޓުތައް ލިބޭ މީހުންގެ މެދުގައި އަދި ގުރުއަތެއް ނުލަ އެވެ. އެކަމަކު މިނިސްޓްރީން ކުރިން ބުނީ މިިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފްލެޓު ލިބޭ މީހުންގެ ގުރުއަތުލުން ބާއްވައި ފްލެޓުތައް ހަވާލުކުރާނެ ކަމަށެވެ.
ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހެ އެވެ. އަދި މަހު ކުއްޔަކީ 3،000ރ. އެވެ.