މުޒާހަރާތައް ގާނޫނާ އެއްގޮތަށް ކުރަން އެޗްއާރުސީއެމުން އެދިއްޖެ
މުޒާހަރާތައް ގާނޫނާ އެއްގޮތަށް ކުރަން އެޗްއާރުސީއެމުން އެދިއްޖެ

އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ މުޒާހަރާތައް އެއްވެ އުޅުމުގެ ގާނޫނާ އެއްގޮތަށް ކުރުމަށް އެޗްއާރުސީއެމުން މިއަދު އިލްތިމާސްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ޑިސެމްބަރު 25، 2022 ގައި ކުރި ހުކުމަށްފަހު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުންނެވެ.

މާލެ އާއި ރަށްރަށުގައި ގެންގޮސްފައިވާ 49 ހަރަކާތެއް މޮނިޓާކުރުމަށްފަހު، އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މުޒާހަރާ ކުރާ މީހުންނާއި އާއްމުންނާއި ފުލުހުން އަދި ނޫސްވެރިންގެ ފަރާތުން ވެސް ގާނޫނާ ހިލާފުވާ ކަންކަން ކުރާ ކަމަށެވެ.

އެގޮތުން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކަށް ވިޔަސް މުޒާހަރާ ކުރާ މީހުންގެ ފަރާތުން އެއްވެ އުޅުމުގެ މިނިވަންކަމާ ހިލާފުވާ ކަންކަން ކުރަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި މަގުމަތީގެ އަދަބުތަކާ ހިލާފުވާ ނުވަތަ އާއްމުންނަށް އުނދަގޫވާ ފަދަ ގޮތަށް ޓްރެފިކް ބްލޮކްކުރުމާއި ބޭއަދަބީ ބަސްތަކާއި ޝިއާރުތައް ބޭނުންކުރުމާއި ފުލުހުންގެ ހިދުމަތުގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ގޮތްގޮތަށް މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ހުރުމާއި އެ ހަރަކާތްތަކުގައި 18 އަހަރު ނުފުރޭ ކުޑަކުދިން ބައިވެރިކުރާ ކަމަށެވެ.

އާއްމުންގެ ފަރާތުން ވެސް މުޒާހަރާ ކުރާ މީހުންގެ ގަޔަށް ފެން ޖެހުމާއި ސައިކަލުގައި މުޒާހަރާގެ ތެރެއަށް ވަންނަން އުޅުން ފަދަ ނޭދެވޭ އަދި ގެއްލުމެއް ލިބިދާނެ ފަދަ އަމަލުތަކެއްކޮށްފައިވާ ކަމަށް، އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

"..ބައެއް ހާލަތްތަކުގައި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރުމާއި އަދި ބައެއް ހާލަތްތަކުގައި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރާކަމާއި އަދި ބައެއް ހާލަތްތަކުގައި އެއްވުން ރޫޅާލުމުގެ ކުރިން އިންޒާރުދީފައިނުވާކަމާއި އިންޒާރު ދިނުމަކާ ނުލައި ޕެޕާ ސްޕެރޭ ޖަހާފައިވާކަން ވެސް ވަނީ ކޮމިޝަނަށް ފާހަގަވެފަ އެވެ." ބަޔާނުގައި ބުނެ އެވެ.

އެ ކޮމިޝަނުން ބުނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ގާނޫނު އަސާސީން ދީފައިވިޔަސް، އެ ހައްގު ބޭނުންކުރުމުގައި އެއްބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަނެ، އިހުތިރާމް ކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް މުހިއްމު ކަމެއް ކަމަށެވެ. އެއާއެކު، މުޒާހަރާގައި ހަރަކާތްތެރިވާ ނޫސްވެރިން ވެސް މުޒާހަރާތައް އޮބްޒާވްކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ހިފަހައްޓައި ޒިންމާދާރުކަމާއެކު އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މުޒާހަރާތައް ރޫޅާލުމުގައި ގާނޫނާއި ގަވައިދުގެ ތެރެއިން ފުލުހުން އަމަލުތައް ބެހެއްޓުމަށް ފުލުހުންނަށް އިލްތިމާސްކުރާއިރު، އެއްވެ އުޅުމުގެ ގާނޫނުން މަނާކުރާ ކަންތައްތައް ކުރުމުން ދުރު ހެލިވުމަށް މުޒާހަރާގެ ބައިވެރިންނާއި ދިފާއީ ބާރު އަދި އާއްމުންނަށް އިލްތިމާސްކޮށްފައިވެ އެވެ.