ޖަޕާނު ސަރަހައްދުން އިތުރު 7،000 ރަށް ފެނިއްޖެ
ޖަޕާނު ސަރަހައްދުން އިތުރު 7،000 ރަށް ފެނިއްޖެ

ޖަޕާނުން އެ ގައުމުގެ ކަނޑުގެ ސަރަހައްދު އަލުން ސާވޭކުރި އިރު ކުރިން ނުފެނި ހުރި ގާތްގަނޑަކަށް 7،000 އަށް ވުރެ ގިނަ ރަށް ފެނިއްޖެ އެވެ.

ޖަޕާނުން އެންމެ ފަހުން ރަށްތައް ގުނާފައިވަނީ 1987 ވަނަ އަހަރު އެވެ. އޭރު ޖަޕާނުގެ ސަރަހައްދީ ކަނޑުގައި ހިމެނޭ ރަށްތަކުގެ އަދަދަކީ 6،852 އެކެވެ. މި އަދަދު މިހާރު ވަނީ 14،125 އަށް އަރައިފަ އެވެ.

ޖަޕާނުގެ ޖިއޯސްޕާޝަލް އިންފޮމޭޝަން އޮތޯރިޓީން ކުރި ސާވޭއިން ފެނުނު ރަށްތައް ފެންނަ ފޮޓޯތައް އަދި ހާމައެއް ނުކުރެ އެވެ.

ޖަޕާނުގެ "ކިޔޯޑޯ" ނޫހުން ބުނި ގޮތުގައި، މި ސާވޭ ހަދަން ނިންމީ، އެ ގައުމުގެ ވެރިކަން ކުރާ "ލިބެރަލް ޑިމޮކްރެޓިކް ޕާޓީ" ގެ މެންބަރަކު، ޕާލަމެންޓުގައި އެ ގައުމުގެ ރަށްތަކުގެ ސައްހަ އަދަދު ދެނެގަތުމަކީ ގައުމީ މަސްލަހަތާ ގުޅުންހުރި މުހިންމު އިދާރީ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި އެ ވާހަކަ ދެއްކެވުމަށް ފަހުގަ އެވެ.

ޖަޕާނުގެ ގިނަ ރަށްތަކަކީ ކުރިން ހުރި، އެކަމަކު، ނުފެނިފައި ހުރި ރަށްތަކަށް ވިޔަސް، އެ ގައުމުގެ ސަރަހައްދުގައި އާ ރަށްތައް އުފެދުމަކީ ވެސް އާންމު ކަމެކެވެ.

މީގެ ކުރިން، 2021 ވަނަ އަހަރު ޖަޕާނުގައި ކަނޑުއަޑީގެ ފަރުބަދައެއް ގޮވި ފަހުން، އެ ސަރަހައްދު ކައިރިން "ސީ" އަކުރެއް ހެން އޮންނަ ރަށެއް ވެސް ފެނިފައިވެ އެވެ.