20 ފެބުރުއަރީ 2023 - 14:21

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގައި ހިމެނޭ މީހެއްގެ އަތުން 37 މިލިޔަން ރުފިޔާ ހޯދަން އެ ކުންފުންޏަށް އޭސީސީން އަންގައިފި އެވެ.
މި ފައިސާ ހޯދަން އަންގާފައިވަނީ، އެމްއެމްޕީއާރްސީން ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ ތެރެއިން 2،460،000 އެމެރިކާ ޑޮލަރު، (37،933،200ރ.) ލިބުނު ހ.ސްނޫޕީ އަބްދުﷲ އާސިމްގެ އަތުންނެވެ.
އޭސީސީން ބުނީ މިގޮތަށް އަންގާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
އެމްއެމްޕީއާރްސީން ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ތަހުގީގަށް ފަހު އެކުލަވާލާފައިވެ އެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަގަމުގައި ތިބި 119 މީހަކާއި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން 16 މެމްބަރަކު ވެސް ހިމެނެ އެވެ.
އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެކި މީސްމީހުންނަށް ދީފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް މެދުވެރިކޮށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ވެސް ވަނީ މި ޚިޔާނާތުގައި ހިމެނޭ އެކި މައްސަލަތަކުގައި ކުށް ސާބިތުވެފަ އެވެ.