ލޫކަސް ލިވަޕޫލް އަނެއް ބުރަށް ގެންގޮސްދީފި
ލޫކަސް ލިވަޕޫލް އަނެއް ބުރަށް ގެންގޮސްދީފި

ޕްލިމައުތު (ޖެނުއަރީ 19) - ހަތް އަހަރު ތެރޭގައި ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް ލެއިވާ ޖެހި ފުރަތަމަ ލަނޑުން އެފްއޭ ކަޕްގެ ތިން ވަނަ ބުރުގެ ރީޕްލޭ މެޗުގައި ޕްލިމައުތު އާގައިލް އަތުން 1-0 އިން މޮޅުވެ، ލިވަޕޫލް މުބާރާތުގެ އަނެއް ބުރަށް ދަތުރުކޮށްފި އެވެ.

ރޭގެ މެޗަށް ލިވަޕޫލުން ނިކުތީ އެންމެ ފަހުން ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ނުވަ ބަދަލެއް ގެނެސްގެންނެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލޫކަސް ކާމިޔާބުކުރީ މެޗުގެ 18 ވަނަ މިނިޓްގަ އެވެ. އޭނާ މި ލަނޑު ޖެހީ ފިލިޕޭ ކޯޓީނިއޯ ނަގައިދިން ކޯނަރަކުން ބޮލުންނެވެ. ލޫކަސް އެންމެ ފަހުން ލަނޑެއް ކާމިޔާބުކުރީ 2010 ވަނަ އަހަރު ޔޫރޮޕާ ލީގުގައި ސްޓެއުއާ ބުކަރެސްޓް ކޮޅަށެވެ.

މި ސީޒަނުގައި ލިވަޕޫލް ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ ލޫކަސް އަށް ލިވަޕޫލްގެ ޓީމުން ޖާގަ ދެމުން އަންނަނީ ކަޕް މެޗުތަކުގަ އެވެ. މިޑްފީލްޑަރެއްގެ ގޮތުގައި ކެރިއަރު ފެށި ނަމަވެސް ލޫކަސް ފަހަކަށް އައިސް ގިނަ މެޗުތަކުގައި ކުޅެމުން އައީ ޑިފެންޑަރަކަށެވެ.

ރޭގެ މެޗުގައި ލިވަޕޫލަށް ދެ ވަނަ ލަނޑެއް ކާމިޔާބު ކޮށްދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ އަށެވެ. މެޗުގެ 89 ވަނަ މިނިޓްގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ އަކުން އޮރީގީ ފޮނުވާލި ބޯޅަ ޕްލިމައުތުގެ ކެޕްޓަން ލޫކް މެކޯމިކް ވަނީ މަތަކޮށްފަ އެވެ.

މިއީ މި އަހަރު ފެށުނު ފަހުން ލިވަޕޫލް ހޯދި ފުރަތަމަ މޮޅެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މޮޅަކާ އެކު ނިންމާލެވުމުން ހިތްހަމަޖެހުނު ނަމަވެސް ކުޅުމަށް ބަލާއިރު ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ފެނުނު ކަމަށެވެ.

އެފްއޭ ކަޕް ހަތަރު ވަނަ ބުރުގައި ލިވަޕޫލް ނުކުންނާނީ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށެވެ.