12 މެއި 2017 - 08:07

އެސްޓީއޯ މާލޭ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބަކީ ވަރުގަދަ ޓީމެއް ކަމަށާއި މާޒިޔާ އިން ނުކުންނާނީ މޮޅުވުމުގެ ރެކޯޑް ދަަހައްޓައި މި ބުރު ނިންމާލުމަށް ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

"ޓީސީ އަކީ ރާއްޖޭގެ އެންމެ މޮޅު އެއް ޓީމު. އެ ޓީމުގައި އެބަހުރި މިދިޔަ އަހަރު ރާއްޖޭގެ އެއް ވަނަ ކޯޗު. އެ ޓީމުގައި އެބައޮތް ތަޖުރިބާ އާއި ޒުވާން ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނަށް ބެލިޔަސް ރަނގަޅު ސްކޮޑެއް. ޓީސީ އަށް އިހުތިރާމްކުރަން. އަހަރެމެން މިރޭ ކުޅެން މި ޖެހެނީ އެންމެ ވަރުގަދަ އެއް މެޗު،" ސެކުލޮސްކީ ބުންޏެވެ.
އޭނާ ބުނީ މާޒިޔާ އަށް މި ވަގުތު ކުރިމަތިވެފައި އޮތީ ފިޓްނަސްގެ މައްސަލަ ކަމަށެވެ.
"45 ދުވަހުގެ ތެރޭ 11 މެޗު ކުޅެން ފަސޭހަ ނުވާނެ. އަހަރެމެންނަށް ނެތް ޓެކްނިކަލް މައްސަލައެއް. ޓީމަށް ދިމާވެފައި އޮތީ ވަރުބަލިވުމުގެ މައްސަލަ. އުއްމީދުކުރަނީ މި މެޗަށް ނުކުންނައިރު ރަނގަޅަށް ރިކަވާވެގެން މޮޅުވުން،" ކުރިން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އެޔަޔަވާދީ އަށް އިރުޝާދުދިން ސެކުލޮސްކީ ބުންޏެވެ.
ލީގުގެ އެއް ވަނައިގައި މި ވަގުތު މާޒިޔާ އޮތީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާ އެކު އެވެ. މިރޭ ޓީސީގެ މައްޗަށް ކުރިހޯދައިގެން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑަކާ އެކު މި ބުރު ނިންމާލުމުގެ ފުރުސަތު މާޒިޔާ އަށް އެބައޮތެވެ.
ސެކުލޮސްކީ ބުނީ އޭނާގެ ވިސްނުން ހުރީ ހަމައެކަނި މި މެޗަށް ކަމަށެވެ.
"މި ވަގުތަށް ޕޮއިންޓަކަށް ނުވިސްނަން. ހަމައެކަނި މެޗާ މެދު ސަމާލުވެގެން މިތިބީ. އެހެން ޓީމުތަކާ މެދު ނުވިސްނައި ކުޅުންތެރިންނަށް ވިސްނައިދޭނީ ވެސް 100 ޕަސެންޓް ދީގެން މި މެޗުން މޮޅަކާ އެކު މި ބުރު ނިންމާލަން،" އޭނާ ބުންޏެވެ.
މިދިޔަ އަހަރު މާޒިޔާ އާއި ޓީސީ ބައްދަލުކުރި ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްފައިވަނީ ޓީސީންނެވެ. އެއީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރާއި ތިން ވަނަ ބުރުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލުގަ އެވެ. މާޒިޔާ މޮޅުވީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގަ އެވެ.
"މާޒީއާ މެދު ނުވިސްނަން އަހަންނަކީ އަބަދުވެސް މުސްތަގުބަލާ މެދު ވިސްނާ ކޯޗެއް. މާޒިޔާއާ ދެކޮޅަށް ކުޅޭއިރު ކޮންމެ ދިވެހި ޓީމަކަށް ވެސް އެއް އެޑްވާންޓޭޖެއް އޮވޭ. އެއީ އެ ޓީމުތަކަށް އެބަލިބޭ މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަރަށް ވަގުތު. އެކަމަކު މާޒިޔާ މި އަންނަނީ މެޗަކަށް ފަހު މެޗެއް ކުޅެމުން،" ސެކުލޮސްކީ ބުންޏެވެ.
މި ސީޒަނަށް އެންމެ ކުރިން ޕްރެކްޓިސް ފެށި ޓީމަކީ މާޒިޔާ އެވެ. އެ ޓީމުން އޭއެފްސީ ކަޕާ ދިމާކޮށް ކުރިން ޕްރެކްޓިސް ފެށުމުން ގިނަ ޓީމުތަކުން ވަނީ އެ ޓީމުގެ ތައްޔާރީތަކަށް ތައުރީފްކޮށްފަ އެވެ. ސެކޮލޮސްކީ ބުނީ އެ ޓީމަށް މިހާރު ލިބެމުން އަންނަ ކާމިޔާބީގެ ސިއްރަކީ ރަނގަޅު ޕްރީ ސީޒަނެއް ކުރިއަށް ގެންދިއުން ކަމަށެވެ.
"ވަރަށް ރަނގަޅު ޕްރީ ސީޒަނެއް އަހަރެމެންނަށް ޖެއްސުނީ. ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރި. އޭގެ ފައިދާ މިހާރު މި ކުރަނީ. ރަނގަޅު ޕްރީ ސީޒަނެއް ކުރިއަށްގެންދިއުމުން މިހާ އުނދަގޫ ހާލަތެއްގައި ވެސް އަހަރެމެންނަށް ނަތީޖާ މި ނެރެވެނީ. ޕްރީ ސީޒަނެއް ނެތި މިހާރު އަހަރެމެން އޮންނާނެ ހާލަތެއް ބުނެދެން ވެސް ނޭނގޭ،" ސެކުލޮސްކީ ބުންޏެވެ.
މާލޭ ލީގުގައި މިހާތަނަށް މާޒިޔާ ކުޅުނު ހަ މެޗުގައި އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. ސީޒަނުގެ ކުރީކޮޅުގައި މާޒިޔާ އަށް ގިނަ ފުރުސަތުތައް ލިބި ލަނޑު ނުޖެހުމުގެ މައްސަލަތަކެއް ދިމާވި ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުން ވަނީ އެކަން ވެސް ރަނގަޅުކޮށްފަ އެވެ.
ސެކުލޮސްކީ ބުނީ ވިސްނުމަކީ އެޓޭކާއި ޑިފެންސް ވަކިނުކޮށް ޓީމެއްގެ ގޮތުގައި ކުރިއަށް ދިއުން ކަމަށެވެ.
"އަހަރެންގެ ނަޒަރުގައި ފުޓްބޯޅަ ކުޅޭއިރު މިދެބައި ވަކިކޮށްގެން ކުރިއަށް ނުދެވޭނެ. މާޒިޔާ އިން މި ކުޅެނީ ޓީމު ފުޓްބޯޅައެއް. އަހަރެން ދެކޭ ގޮތުގައި ޓީމުގެ އެޓޭކުގައި ވެސް (ކީޕަރު) ޕަވެލް އަކީ މުހިއްމު ކުޅުންތެރިއެއް އެގޮތަށް ޓީމުގެ ޑިފެންސްގައި އަސަދުﷲ އަކީ ވެސް ހަމަ މުހިއްމު ކުޅުންތެރިއެއް،" އޭނާ ބުންޏެވެ.
ސެކުލޮސްކީ ބުނީ އޭނާ މާޒިޔާ ކޯޗުކަމާ ހަވާލުވިތާ އަދިވީ އެންމެ ހަތަރު މަސް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ވެސް އެ ޓީމުގެ ކުޅުންތެރިން އޭނާގެ ސްޓައިލަަށް ހޭނިފައިވާކަން ޓީމުގެ ނަތީޖާ އިން ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
މާޒިޔާ އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.