ސުޕަ މެޖޯރިޓީއެއް ނެތް, ސަރުކާރު "ޑިފެންސްގައި"!
ސުޕަ މެޖޯރިޓީއެއް ނެތް, ސަރުކާރު "ޑިފެންސްގައި"!

ގާނޫނުއަސާސީ ބަދަލު ކުރެވޭ ވަރުގެ ފުރިހަމަ ބާރާ އެކު ރައްޔިތުންގެ މަޖިލީހާ ހަވާލުވި އެމްޑީޕީ އަށް މިއަދު ވެސް ނަމްބަރުން ބަލާނަމަ ސުޕަ މެޖޯރިޓީ އެބައޮތެވެ. މަޖިލީހުގެ 65 ގޮނޑި ކާމިޔާބު ކޮށް އަދި ފަހުން ގުޅިވަޑައިގަތް މެންބަރަކާ ވެސް އެކު ޖުމްލަ 66 ގޮނޑީގައި ތިއްބެވީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނެވެ.

ސުޕަ މެޖޯރިޓީއެއް ނެތް, ސަރުކާރު "ޑިފެންސްގައި"!
ސުޕަ މެޖޯރިޓީއެއް ނެތް, ސަރުކާރު "ޑިފެންސްގައި"!

އެމްޑީޕީގެ ބިޔަ މެޖޯރިޓީއެއް ނަމްބަރުން ދެއްކި ނަމަވެސް މިއަދު ފެންނަނީ އެ ޕާޓީ އަށް ސުޕަ މެޖޯރިޓީ ގެއްލިފައި އޮތް މަންޒަރެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި މިހާރު ތިއްބަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންގެ މެންބަރުންނެވެ.

ސުޕަ މެޖޯރިޓީއެއް ނެތް, ސަރުކާރު "ޑިފެންސްގައި"!
ސުޕަ މެޖޯރިޓީއެއް ނެތް, ސަރުކާރު "ޑިފެންސްގައި"!

އެއް ކުލައެއްގައި ތިއްބަސް މިހާރު އެއީ އެއް ހިޔާލެއް އަދި އެއް ކަމަކަށް ތާއީދު ކުރާ މެންބަރުންނެއް ނޫނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބަށް ފަހު މަޖިލީހުގައި މިހާރު އެ ދެ ފެކްޝަން ފެންނަނީ ދެ ޕާޓީއެއްހާ ތަފާތުކޮށެވެ. ސަރުކާރުން ހުށަހަޅާ ބިލެއް, މައްސަލައެއް, ކުޑަމިނުން ސަރުކާރުގެ މެންބަރަކު ދައްކާ ވާހަކައެއް ވެސް ނަޝީދުގެ ފެކްޝަންގެ މެންބަރަކަށް ތާއީދެއް ނުކުރައްވަ އެވެ.

ސުޕަ މެޖޯރިޓީއެއް ނެތް, ސަރުކާރު "ޑިފެންސްގައި"!
ސުޕަ މެޖޯރިޓީއެއް ނެތް, ސަރުކާރު "ޑިފެންސްގައި"!

އޭގެ ބަދަލުގައި މި ދައުރު ފެށިގެން މިހާތަނަށް އައިއިރު މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ އާއި ނަޝީދުގެ ފެކްޝަންގެ ގުޅުން މާ ވަރުގަދަ އެވެ. އިދިކޮޅުން ހުށަހަޅާ މައްސަލަތަކާއި ދައްކާ ވާހަކަތަކާ ނަޝީދުގެ ފެކްޝަންގެ މެންބަރުންގެ ހިޔާލު ދާދި އެއްގޮތެވެ. ނަޝީދުގެ މެންބަރުން ރޮނގެއް ދަމާލާ ހަމައެކަނި ހިސާބަކީ އިންޑިއާ އާ ދެކޮޅަށް އިދިކޮޅުން ދައްކާ ވާހަކަ އެވެ. އެ ނޫން ހުރިހާ ކަމެއްގައި އެ ދެ ބައި މީހުން ފެންނަނީ ކުޑަވަރެއްގެ "ކޯލިޝަނެއް" ގޮތުގަ އެވެ.

މިކަންކަމާ ހެދި ސަރުކާރުގެ މެޖޯރިޓީއެއް މަޖިލީހުގައި އޮތަސް އަޑުގަދަވެފައި ފާޑު ކިޔުން އަމާޒުވުން ބޮޑުވުމުން ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރު މެންބަރުންނަށް އޮތީ ސަރުކާރު ދިފާއު ކުރުމެވެ. ކުއްލި މައްސަލަތައް ބޭރު ކުރާ ސަބަބު ބުނެދިނުމާއި, ނެރޭ ކޮންމެ ވިޕެއް ޖަސްޓިފައި ކޮށްދިނުމުގަ އެވެ. ބަހުސްތަކުގައި ވެސް މެންބަރުންގެ މަސައްކަތަކީ އަންނަ "ހަމަލާތަކުން" ސަރުކާރު ދިފާއު ކުރުމެވެ. ބިޔަ މެޖޯރިޓީއެއް އޮވެ, ސަރުކާރު އޮތީ ޑިފެންސަށް ކުޅެން ޖެހިފަ އެވެ.

ސަރުކާރު ފަޅީގައި ހުންނެވި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އެމްޑީޕީން މަޖިލީހުގައި ސުޕަ މެޖޯރިޓީ އާއި އެ ޕާޓީގެ ސަރުކާރެއް އޮތް އިރު އެކަމަށް އިހްތިރާމް ނުކުރައްވައި ބައެއް މެންބަރުން ހަމަތަކާއި އުސޫލުން ނެއްޓިފައިވުމަކީ ބޮޑު ކަންބޮޑުވުމެވެ. އެހެންވެ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަކީ ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އަދި ސަރުކާރަށް އުނދަގޫވާ ކުއްލި މައްސަލަތަކުގެ ސަބަބުން ސަރުކާރު މިހާރު އަބަދުހެން އޮންނަން ޖެހެނީ ދިފާއަށް ކުޅެން ޖެހިފަ އެވެ. ސަބަބަކީ، އެ މައްސަލަ ބޭރުކޮށްލެވޭ ވަރަށް ވޯޓު ނުލިބިދާނެ ކަމުގެ ބިރު އޮތުމެވެ.

އެއީ "ޑިމޮކްރަސީ ފައްކާވުން"ގެ ގޮތުގައި ބައެއް މެންބަރުން ސިފަ ކުރެއްވި ނަމަވެސް އަސްލަމް ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ފައްކާވުމަކީ ޕާޓީއެއް ތެރޭގައި އޮޕޮޒިޝަނެއް އުފެއްދުމެއް ނޫނެވެ.

މިހާރު ފެންނަނީ އެމްޑީޕީގެ ތެރޭގައި ވަކި ބަޔަކު ސީދާ ސަރުކާރުގެ ގޯސްކަން ދައްކަން, ސަރުކާރު ގޯސް ކުރަން އަދި ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ މަންޒަރު ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ސަރުކާރު ކަމު ނުދާކަން މީހުންނަށް ހާމަކޮށްދިނުމަށް އެގޮތަށް މަސައްކަތް ކުރުމަކީ ޑިމޮކްރަސީގެ ހަމަތައް ނުދަންނަ ސިޔާސީ ކަންކަމާ ވަރަށް ދޯހަޅި އަދި އަމިއްލަ އެދުމުން ފުރިގެންވާ ސިޔާސީ ލީޑަރުން ކުރާ ކަމެއް ގޮތުގައި އަޅުގަނޑު ދެކެނީ،" އަސްލަމް ވިދާޅުވި އެވެ.

އެހެން ޕާޓީއެއްގެ އުނދަގޫ ޖެހުމާއި އެމްޑީޕީ އެތެރެއިން މެންބަރުންތަކެއް އިދިކޮޅު ހެދުމުގެ ތަފާތަކީ އެމްޑީޕީގެ އެތެރެއިން ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް ގެންނަން ސަރުކާރަށް ކުރެވޭނެ ކަންކަން ހުރުމެވެ. އެމްޑީޕީގެ އެތެރޭގެ ހުރިހާ ގުނަވަންތަކުގެ ބާރު އޮތީ ސަރުކާރު ފެކްޝަން ފަޅީގަ އެވެ. އެހެންކަމުން ތްރީ ލައިން ވިޕް ނެރުމާއި ފިޔަވަޅު އެޅުމާއި އެހެނިހެން ކަންކަމަކީ ވެސް ސީދާ ސަރުކާރުން ބޭނުންވާ ގޮތަށް ހިނގާ ކަންކަމެވެ.

އެހެންކަމުން މިދިޔަ ދުވަސްތަކުގައި ފެނިގެން ދިޔައީ ޓެކްސް ބިލާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންނަށް ޕާލިމެންޓަރީ ގްރޫޕުން ފިޔަވަޅު އެޅިތަނެވެ. އެގޮތުން ނަޝީދު ފެކްޝަންގެ ގިނަ މެންބަރުންނަށް މިހާރު ވަނީ ދެތިން ފިޔަވަޅެއް އަޅައި ޕާޓީތަކުން ލިބިދޭ ހުރިހާ އިނާޔަތްތަކެއް ވެސް ކަނޑާލައިފަ އެވެ.

އެކަމަކު ސަރުކާރުން ހީކުރި ގޮތަށް މެންބަރުން "ސައިޒު" ވުމުގެ ބަދަލުގައި ނަޝީދު ފެކްޝަންގެ ބައިބައިވުންވީ އިތުރަށް ބޮޑެވެ.

އެ މައްސަލާގައި "މިހާރު" އާ ކުރިން ވާހަކަ ދެއްކެވި ބައެއް ނަޝީދު ފެކްޝަންގެ މެންބަރުން ތިއްބެވީ ސަރުކާރުން ފިޔަވަޅު އެޅިޔަސް ދޫ ދޭނެ ގޮތަކަށް ނޫނެވެ. އެ މެންބަރުން ގަބޫލު ނުކުރާ އަދި އެ މެންބަރުންގެ ދާއިރާގެ ރައްޔިތުންނަށް ވެސް ތާއީދު ނުކުރެވޭ ގޮތަކަށް ވޯޓުތައް އަޅަން އެވަރަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އެ މެންބަރުން ގަބޫލެއް ނުކުރައްވަ އެވެ.

"އޮތް ގޮތަކީ ޕާޓީން ވަކި ކުރުން. ވަކި ކުރިޔަސް އަޅުގަނޑުމެން ތިބޭނީ މި ގޮތުގައި. ސަރުކާރުގެ ޕަޕެޓަކަށް ނުވާތީ ޕާޓީން ވަކި ކުރަންޏާ ރަނގަޅު ޕާޓީ ވަކި ކުރިޔަސް," ނަޝީދުގެ ފެކްޝަންގެ މެންބަރަކު ވިދާޅުވި އެވެ.

ނަޝިދު ފެކްޝަނުން ގޮތް ދޫނުކުރިޔަސް އެ މެންބަރުންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސަރުކާރު މެންބަރުން ގަބޫލު ކުރެ އެވެ. ސަރުކާރު މެންބަރުން ޑިފެންސަށް ވެއްޓި މަޖިލީހުގައި މަސައްކަތް ކުރަން އުނދަގޫވާ އެންމެ ބޮޑު އެއް ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް އަދި ދެ ބޭފުޅުން ނެތް ހާލަތުގައި ރިޔާސަތާ ހަވާލުވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަކީ ވެސް މިހާރު އިދިކޮޅާ އެއް ރާގެއްގައި ތިއްބެވި ސަރުކާރާ ދެކޮޅު މެމްބަރެކެވެ.

އޭގެ ސަބަބުން މަޖިލީހުގެ ގަވައިދަކީ ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ހައްދަވާ އެއްޗެއް ކަމުގެ ތުހުމަތު ސަރުކާރު މެންބަރުން ވަރަށް ބޮޑަށް ކުރެ އެވެ.

ރިޔާސަތުން އިދިކޮޅު ފަރާތްތަކަށް ބޭނުން ވާހަކައެއް ދައްކަން ފުރުސަތު ދިނުމަށް ފަހު އެކަންކަމަށް ސަރުކާރު މެންބަރުން ރައްދު ދޭން މަސައްކަތް ކުރާ އިރަށް އެކަން ހުއްޓުވުމާއި މަޖިލީހަށް ވަޑައިގަންނަވާ ސަރުކާރުގެ ވަޒީރުންނަށް ޕްރެޝާ ބޮޑު ކުރުމާއި އިދިކޮޅު ފަރާތްތަކަށް ގިނަ ވަގުތު ބަހުސް ކުރަން ދިނުމުގެ ތުހުމަތު ވެސް ސަރުކާރު މެންބަރުން ކުރެ އެވެ.

ސަރުކާރަށް ތާއީދު ކުރާ މެންބަރުންނަށް ސަރުކާރު ދިފާއު ކުރަން ވެސް އުނދަގޫ ވަނީ އެހެންވެ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް ސަރުކާރު މެންބަރުންނަށް ވުރެ އިދިކޮޅުގެ އަޑު ގަދަވެފައި ސަރުކާރަށް އަންނަ ފާޑު ކިޔުންތަކުގެ ވާހަކަ ގިނަ ކަމަށް ފެންނަނީ ވެސް އެހެންވެ އެވެ.

އެ މައްސަލަ ހައްލު ކުރުމަށް ޕީޖީގެ އިތުރުން ޕާޓީގެ ހުރިހާ ލެވަލްއެއްގައި ވިސްނައި ގޮތްތަކެއް ނިންމަން ޖެހޭ ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން މިހާރު ގަބޫލު ކުރެ އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އޭނާ ގަސްދު ކުރައްވަނީ ޕާލިމެންޓަރީ ގްރޫޕްގެ ގަވައިދަށް އިތުރު ބަދަލުތަކެއް ގެނައުމަށެވެ. އޭގެ އެއް މިސާލެއް ގޮތުން އޭނާ ވިދާޅުވީ ތްރީލައިން ވިޕެއް ތިން ފަހަރަށް ބްރޭކް ކޮށްފި ނަމަ ތިން އަހަރުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރި ނުވެވޭ ގޮތަށް ގަވައިދު ބަދަލު ކުރުމެވެ.

"ގަސްތުގައި ރޭވިގެން ސަރުކާރަށް ގޮންޖަހައި ބަލިކަށިކޮށްލުމަށް އިދިކޮޅު ފަރާތްތަކާއެކު ހަރަކާތްތެރިވުމަކީ ގައުމަށް ރަނގަޅަށް ހެވެއް ނުވަތަ ސަރުކާރު ޖަވާބު ދާރީވުމަށް ކުރެވޭ ކަމެއް ނޫން. މިކަންކަމާ މެދު ފިޔަވަޅު އެޅެން ޖެހޭ،" އަސްލަމް ވިދާޅުވި އެވެ.

ސަރުކާރު މި ދައުރުގައި ހިފަހައްޓާލަން އޮތީ ހައެއްކަ މަސް ދުވަހެވެ. އެހެން ނަމަވެސް މި ހަ މަސް ދުވަހަކީ ސިޔާސީ އެންމެ ބޮޑެތި މަސައްކަތް ހިނގާ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ދުވަސްތަކެވެ. އަދި މަޖިލީހުގައި ހިނގާ ކަމަކުން ސަރުކާރަށް އަންނަ ޑެމޭޖްތައް ވެސް ކުޑައެއް ނުވާނެ އެވެ.

އެހެން ނަމަވެސް މިވަގުތު ސަރުކާރުން ރިއެކްޓު ކޮށް ރިޔާސަތު ބަދަލު ކުރުން ނުވަތަ މެންބަރުންތަކެއް ވަކި ކުރުން ފަދަ ކަމެއް ކުރުމަކީ އެމްޑީޕީ އަށް ޑެމޭޖް ބޮޑު ވާނެ ކަމެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި ވަނީ ޕާޓީ އަލުން އެއްބައިވަން އެދިވަޑައިގެންފަ އެވެ.

އެ މަންޒަރު ނަޝީދު ފެކްޝަންގެ މެންބަރުންނަކަށް ނުފެނެ އެވެ. ރިޔާސީ އިންތިހާބަށް ސަރުކާރަށް ކުރެވެން އޮތް ހުރިހާ ހުރަހެއް އަޅާނެ އެވެ. ސުޕަ މެޖޯރިޓީ ނަމެއްގައި އޮތަސް ގާނޫނުއަސާސީ ބަދަލު ކޮށްގެން ކުރެވޭ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުން ފަދަ ސަރުކާރުގެ މުހިންމު ވައުދުތަކާ ގުޅޭ އެއްވެސް މަސައްކަތަކަށް އެއްބާރުލުމެއް ނުދޭނެ އެވެ.