19 ޖެނުއަރީ 2017 - 08:59

މެޑްރިޑް (ޖެނުއަރީ 19) – ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ރޭ ސެލްޓާ ވީގޯ އަތުން 2-1 އިން ބަލިވެ، 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ރެއާލް މެޑްރިޑް ޖެހިޖެހިގެން ދެ މެޗުން ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.
ބަލިނުވެ 40 މެޗު ފުރިހަމަކޮށް ސްޕެއިން ފުޓްބޯޅައިގެ ރެކޯޑެއް ރެއާލް މެޑްރިޑުން ގާއިމްކުރި ފަހުން ކުޅުނު ދެ މެޗުން ވެސް އެ ޓީމު މި ވަނީ ބަލިވެފަ އެވެ. ރޭގެ މެޗުގެ ކުރިން އެ ޓީމު ބަލިވީ ސްޕެނިޝް ލީގުގައި ސެވިއްޔާ އަތުން 2-1 އިންނެވެ.
މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 64 ވަނަ މިނެޓުގައި ސެލްޓާގެ އިއާގޯ އަސްޕަސް ލަނޑު ޖަހާފައިވަނިކޮށް 69 ވަނަ މިނެޓުގައި މާސެލޯގެ ލަނޑުން މެޑްރިޑުން އެއްވަރު ވެސް ކުރި އެވެ. އެކަމަކު 70 ވަނަ މިނެޓުގައި ސެލްޓާގެ ޖޮނީ ކާސްޓްރޯ ޖެހި ގޯލާ އެކު އެ ޓީމުން ކުރި ހޯދި އެވެ. ސާޖިއޯ ރާމޯސް އާއި ޓޯނީ ކްރޫސާއި ލޫކާ މޮޑްރިޗާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ މުހިއްމު ކުޅުންތެރިން އަރުވައިގެން މެޑްރިޑް ކުޅުނު އިރު ފަހުކޮޅު އަލްވާރޯ މޮރާޓާ އާއި މަޓެއޯ ކޮވަސިޗް އަދި ކަރިމް ބެންޒެމާ އަށް ފުރުސަތު ދިން ނަމަވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.
"ވަރަށް އެހެން ކަހަލަ މެޗެއް މިއީ. ހާއްސަކޮށް ފެށުން. އަހަރެމެން އެބަ ޖެހޭ ބަލަން މިވީ ގޮތެއް. ކޮންމެވެސް ކަމެއް ގޯސްކޮށް ގޮސްފައި މިވަނީ. އަހަރެމެން ތައްޔާރުވީ ގޮތަކަށް ނޫން މެޗުގައި އަމަލުކުރީ. ވަރަށް ލަސް ފެށުމެއް ފެނިގެން ދިޔައީ،" މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުންޏެވެ.
ޒިދާން ބުނީ އެއްވެސް ބަހަނާއެއް ދެއްކެން ނެތް ކަމަށާއި މިއީ ރެއާލް މެޑްރިޑް ކަމަށާއި އެހެންވެ ދެން އޮތް މެޗުން މި ނަތީޖާ އަނބުރާލާނެ ކަމަށެވެ.
"ވަރަށް ރަނގަޅަ މެޗުތައް ގޮސްފައި މި ދެ މެޗުގައި މިހެން މިވީ. ސެވިއްޔާ މެޗުން ބަލިވިޔަސް ކުޅުން ރަނގަޅު. އެކަމަކު މިއަދު ތަންކޮޅެއް ގޯސްކޮށް ދިޔައި،" ޒިދާން ބުންޏެވެ.
ސެލްޓާގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެރެ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާ އިން ރަށުން ބޭރުގައި ނުކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ.