ތިލަފުށިން ބޭރުގެ ކުންފުނިތަކަށް ބިން ދޫކުރާނީ އެފްޑީއައި ހުއްދަ އޮވެގެން: އެޗްޑީސީ
ތިލަފުށިން ބޭރުގެ ކުންފުނިތަކަށް ބިން ދޫކުރާނީ އެފްޑީއައި ހުއްދަ އޮވެގެން: އެޗްޑީސީ

ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ކ. ތިލަފުށިން ބޭރުގެ ކުންފުނިތަކަށް ބިން ދޫކުރެވޭނީ އެއީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ދަށުން ހުއްދަ ދީފައި އޮތް، އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނަމަ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަން އެ ކުންފުނިން އިއުލާންކުރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

އެކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށިން 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމައި، އެ ބިމުގެ ތެރެއިން 4.3 ހެކްޓަރު ބީލަމުގެ އުސޫލުން ދޫކުރާނެ ކަމަށެވެ.

އެ ބިންތައް ދޫކުރުމުގައި ދިވެހި ކުންފުނިތަކަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ބޭރުގެ ކުންފުނިތަކަށް ބީލަމުގައި ބައިވެރިވެވޭނީ އެފްޑީއައިގެ ހުއްދަ އޮވެގެންނާއި އެ ވިޔަފާރިތަކަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަކަށް ވެގެން ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ޕްރޮޖެކްޓް ބޭސިސްގައި ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގުމަށް ހުއްދަދެވިފައިވާ ކުންފުނިތަކަށް އެ ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ބިން ކުއްޔަށް ނެގުމަށް ހުށަހަޅާ ބޭރުގެ ކުންފުނިތަކުން ބިން ބޭނުންކުރުމަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ބޭނުންތަކަކީ އެ ފަރާތްތަކަށް އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަދެވިފައިވާ ވިޔަފާރި ބޭނުންތަކެއްތޯ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ވެރިފައި ކުރާނެ އެވެ.

"ތިލަފުށިން ބިން ދޫކުރުމުގެ މަސައްކަތަކީ ރާއްޖޭގައި ސީނާއީ މަސައްކަތްތައް ކުރުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނާއި މިފަދަ ފުރުސަތުތަކުގެ ތެރެއިން އިގްތިސޯދީ އާ މަސައްކަތްތަކަށް ޖާހަ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ،" އެ ބަޔާނުގައިވެ އެވެ.

ތިލަފުށިން އެންމެ ފަހުން ހިއްކި ސަރަހައްދުން ދޫކުރާ އެ ބިންތަކުން ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެއް ނުވަތަ ދިވެހި ކުންފުންޏެއް ނަަމ ބިން މިލްކުކުރެވެ އެވެ. އެކަމަކު ބީލަން ކާމިޔާބުކުރާ ބޭރު ކުންފުނިތަކަށް އެތަން ދޫކުރާނީ 99 އަހަށް ކުއްޔަށެވެ.

އެ ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700ރ. އެވެ.