19 ފެބުރުއަރީ 2023 - 18:40

އައިޖީއެމްއެޗުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ ބައެއް ވަސީލަތްތައް ވަގުތުން ވަގުތަށް ހޯދުމުގައި ދަތިތައް ދިމާވަނީ އެ ހޮސްޕިޓަލުން އަމަލުކުރަންޖެހޭ ގާނޫނީ އުސޫލުތަކެއް ހުރުމުން ކަމަށާއި އެހެންވެ، ވަކި ބްރޭންޑެއްގެ މެޝިނެއް ވަގުތުން ހޯދުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލުން އެގޮތަށް ބުނެފައި ވަނީ "އައިޖީއެމްއެޗުގައި އަސާސީ ބައެއް ވަސީލަތްތައް ނެތުމުން ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުން" ގެ ނަމުގައި މި ނޫހުގައި މިއަދު ޝާއިއުކުރި ހަބަރަކާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އެ ހަބަރުގައި ވަނީ ހޮސްޕިޓަލުގެ އައިސީޔޫގައި އަސްލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) މެޝިނެއް ނެތިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އޭގެ މެޝިނެއް ހަދިޔާކުރާނެ ބަޔަކުވޭތޯ ޑޮކްޓަރަކު ކުރި ޓްވީޓަކާއި ނަރުހުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކެކެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ ހޮސްޕިޓަލުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ މެޝިންތަކާއި ކޮންސިއުމަބަލްސް އަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށްވާ ގޮތުގެ މަތިން އަގާއި، ފެންވަރު ބަލައި، ވަކި އުސޫލަކުން ގަނެވޭ ތަކެތި ކަމަށެވެ.
އެ ހޮސްޕިޓަލުގައި ބޭނުންކުރަމުންދަނީ އެމެރިކާގެ އެފްޑީއޭ އާއި ޔޫރަޕްގެ ސީއީ ފަދަ ދުނިޔޭގެ ސެޓިފައިން ބޮޑީތަކުން ގަބޫލުކުރާ ފެންވަރުގެ އިކުއުޕްމަންޓް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އެއީ ވެސް ވަސީލަތްތައް ހޯދުމަށް އިތުރު މުއްދަތެއް ހިނގާ ސަބަބެއް ކަމަށް ބަޔާނުގައިވެ އެވެ.
"މުދާ ގަތުމުގައި މި ހޮސްޕިޓަލުން އަމަލުކުރަންޖެހޭ ގާނޫނީ އުސޫލުތަކެއް ހުރުމުންނާއި ހަރަދު ކުޑަ ކުރުމަށް އިސްކަން ދޭންޖެހޭތީވެ، ބައެއް ފަހަރު ޑިޕާޓްމަންޓްތަކުން ހޯދުމަށް އެދޭ ވަކި ބްރޭންޑެއްގެ މެޝިނެއް އެވަގުތު ހޯދުމުގައި ދަތިތަކާ ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ،" އައިޖީއެމްއެޗުން ނެރުނު ބަޔާނުގައިވެ އެވެ.
އެކަމަކު ސްކޭން ކުރުމަށް ބޭނުންވާ ޕޯޓަބަލް މެޝިން ނެތް ކަމަށް ހަބަރުގައި ބުނެފައިވާތީ އެކަން ވަނީ ދޮގުކޮށްފަ އެވެ. އަދި މިވަގުތު ވެސް އެފަދަ ފަސް މެޝިން ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.
އައިޖީއެމްއެޗްގެ ހޭނައްތާ ޑޮކްޓަރު އިސްމާއިލް ލަތީފު ކުރެއްވި ޓްވީޓުގައިވާ ގޮތުން އައިސީޔޫގައި ދުވަހަކު ވެސް އޭގެ މެޝިނެއް ނުހުރެ އެވެ. އެތަނަށް އޭގެ މެޝިނެއް، ވަރަށް ބޮޑަށް ވަނީ ބޭނުންވެފައި ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.
އެކަމުގެ ކަންބޮޑުވުން އިތުރަށް ހިއްސާކުރައްވައި، އޭނާ ވިދާޅުވެފައި ވަނީ އައިސީޔޫއަށް ޔޫއެސްޖީ މެޝިނެއް ހޯދައިދޭން އެދެމުން އަންނަތާ މިހާރު ހަތް އަހަރެއްހާ ދުވަސްވެއްޖެ ކަމަށެވެ.
އައިޖީއެމްއެޗުގެ އީއާރު އަދި އޮޕަރޭޝަން ތިއޭޓަރު ފިޔަވައި އެހެން ޑިޕާޓްމަންޓުތަކުގައި ބޭނުންކުރަން މިހާރު ހުންނަނީ އޭގެ އެންމެ މެޝިނެެއް ކަމަށާއި އެއީ، އެ ހޮސްޕިޓަލުގެ ފުއްޕާމޭގެ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓްގައި ބޭނުންކުރާ މެޝިނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.