"ވެނިސްޑޭ" ގެ ތަރި ޖެނާ އޮޓޭގާ، އެސްއެންއެލް ހޯސްޓުކުރަނީ
"ވެނިސްޑޭ" ގެ ތަރި ޖެނާ އޮޓޭގާ، އެސްއެންއެލް ހޯސްޓުކުރަނީ

މިދިޔަ އަހަރު ނެޓްފްލިކްސް އިން ނެރުނު "އެޑަމްސް ފެމިލީ" ސްޕިން އޮފް "ވެނިސްޑޭ" ގައި އޭގެ ޓައިޓަލް ކެރެކްޓާ ވެނިސްޑޭގެ ރޯލުން މަގުބޫލުކަން ހޯދި، ޖެނާ އޮޓޭގާ ސަޓަޑޭ ނައިޓް ލައިވް (އެސްއެންއެލް) ހޯސްޓު ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އެސްއެންއެލް ހޯސްޓުކުރުމަކީ ސެލެބްރިޓީއަކަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ. އެއީ މިހާތަނަށް އެންމެ މަގްބޫލު އެއް ލައިވް ޓީވީ ޝޯ އެވެ.

މިހާރު ކުރިއަށްދާ އެސްއެންއެލްގެ 48 ވަނަ ސީޒަންގައި، ޖެނާ ހޯސްޓުކުރަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 11 ވަނަ ދުވަހު އޮންނަ ޝޯ އެވެ. އޭގައި އޭނާ ފެންނާނީ، މިއުޒިކަލް ގެސްޓެއްގެ ގޮތުގައި ބައިވެރިވާ ބޭންޑު، "ދަ 1975" އާ އެކު އެވެ.

ޖެނާގެ "ވެނިސްޑޭ" ސީރީޒް ވަނީ ނެޓްފްލިކްސްގައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. އެ ސީރީޒް ބެލި ޖުމްލަ ގަޑިއިރު ވަނީ ބިލިއަނަކަށް އަރައިފަ އެވެ. އަދި މިހާރު ނެޓްފްލިކްސް އިން ވަނީ "ވެނިސްޑޭ" ގެ ދެވަނަ ސީޒަނެއް ވެސް އިއުލާން ކޮށްފަ އެވެ.

އެ ސީރީޒްގެ އިތުރުން ޖެނާ ވަނީ މަގްބޫލު ގިނަ ސީރީޒްތަކާއި، ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން، ޖެނާގެ އެސްއެންއެލް ޑެބިއުއާ ދިމާކޮށް، އަންނަ މަހުގެ 10 ވަނަ ދުވަހު، އޭނާގެ އާ ފިލްމު "ސްކްރީމް 6" ޕްރިމިއާ ކުރަން ވަނީ ހަމަޖެހިފަ އެވެ.