މަރިޔަން
މަރިޔަން

- ބުދަ ދުވަހާ ގުޅޭ

"ކަލޭ ތީ ކާކު؟" ވަރަށް ޖެހިލުން ކުޑަކޮށް އަހަރެން އެހީމެވެ.

އަހަރެން ސުވާލުކުރީމައި ވެސް ނުބައި ވައްތަރެއް ޖައްސައިގެން، އަހަންނަށް ބަލަހައްޓައިގެން، އަޑުލައްވަލައްވައި އަފުނާން އޮތީއެވެ. އޭނަ ހީކުރީ އަހަރެން ބިރުގަންނަވައިލެވޭނެކަމަށެވެ.

"ކޮން ކާއްސެއް ލައްވާކަށް؟" އަހަރެން ބުނީމެވެ. "ކަލޭ ތީ ކާކުހޭ؟"

އޭނަ ޖަވާބުދޭން ފެށީ ނައިފަރު ބަހުރުވައިން، އެ ރާގަށެވެ. ނަސީބަކުން އޭނަ ކިއި އެއްޗެއް އަހަންނަށް ދޭހަވިއެވެ.

"އަހަންނަކީ އިންސާނެއް ނޫން،" އޭނަ ބުންޏެވެ. "ޖިންނިއެއް."

"އަހަންނަށް ވެސް ތި ކަން އެބަ އެނގެޔޭ،" ކައިރިއަށް ޖެހިލައިފައި އަހަރެން ބުނީމެވެ. "އަފުނާނަކަށް ތި ބަހުރުވައެއް ނޭނގޭނެ. މިއޮއްހައި ދުވަހު ކަލޭ ކީއްވެ ފިލާ ތި އިންނަނީ؟"

"ކަލޭ އަހަރެން މަރާފާނެތީ،" އޭނަ ބުންޏެވެ. "ސިހުރުހެދި މީހާ އަހަރެން ކައިރީގަ ބުނީ.."

"ކަލޭ ތީ ސިހުރެއް ހިފައިގެން އައި އެއްޗެއްތަ؟" އަހަރެން އެހީމެވެ. "ދެން ޒިޔާދާ ގައިގަ އެ އިންނަނީ ކާކު؟"

"އަހަންނަކަށް ތިއެއް ނޭނގެ،" އޭނަ ބުންޏެވެ. "އެނގޭ ކޮންމެވެސް ޖިންނިއެއް އޭނަ ގަޔަށް ވެސް ވަދެ އެބަ އިންކަން. އެހެންވެ، އަފުނާނަކީ އޭނަގެ ކޮއްކޮވީމަ، ވާން ހުންނަ ބައެއް ކަންކަން އޭނައަށް ހުވަފެނުން ދައްކަނީ. އަހަރުމެންނަކީ ވަރަށް ބާރުގަދަ ބައެކޭ. ސިކުނޑިއަށް ވަދެ ވަސްވާސްދެވޭ! ބޭނުން ހުވަފެނެއް ދެއްކޭ! ކަލޭމެން ޖެހޭނެ އަހަރުމެން ދެކެ ބިރުގަންނަން."

އޭނަ ދައްކާ ވާހަކަ އަހަންނަކަށް ހަމައެއްނުޖެހުނެވެ. ޒިޔާދާ ގަޔަށް ޖިންނިއެއް ވަދެ އިނަކަސް އަފުނާނަށް ފާޑުފާޑުގެ ހުވަފެން ދައްކާކަށް ނުޖެހެއެވެ. އަނެއްކޮޅުން އޭނަގެ ބާރާ މެދު އޭނަ ބޮޑާވާކަށް ވެސް ނުޖެހެއެވެ. އެ ކަމާ ބެހޭ ގޮތުން އަހަރެން ސުވާލެއް ނުވެސް ކުރަމެވެ. އަހަރެން ހިތަށްއެރިއެވެ. ދެބެންނަށް ވެސް ޖެހިގެން މި އުޅެނީ އެއް ސިހުރެކެވެ. ޖިންނިސައިތާނުން ތެދެއް ނުބުނާނެއެވެ. ބަލާނީ ވީހައި ވެސް ބޮޑަށް އޮޅުވައި، މަސްހުނިކޮށްލެވޭތޯއެވެ. ޖިންނީންނަކީ ވަރަށް ގުޅިގެން، ރޭވުންތެރިކަމާ އެކުގައި ހަރަކާތްތެރިވާ ބައެކެވެ. އޭގެ އެކަކަށް ނޭނގި އަނެކަކު މަސައްކަތެއް ނުކުރާނެއެވެ.

"އަހަރެން ބުނަން ވާހަކައެއް،" އިންޒާރުގެ ރާގެއްގައި އަހަރެން ބުނީމެވެ. "ޒިޔާދާއަށް އެ ވާ ގޮތަކާ، އެ ކަން ކުރުވި މީހެއް ވެސް ކަލެއަށް އެނގޭނެ. ކަލޭމެންގެ އެންމެން ތިބޭނީ އެކަކުއަނެކަކާ ގުޅިފަ. އެ ވަރިހަމަ އެކަކު މި ތާ ހުރެފަ އަނެކަކު އެމެރިކާގަ ހުއްޓަސް. އާނއެކޭ ބުނޭ!"

"އާނ!" އޭނަ އެއްބަސްވިއެވެ. "މަ ހިޔެއްނުކުރަން ކަލޭ ތިހާ ރޯފިލާފަ ހުރިކަމަކަށް."

އަހަރެން ވާހަކަދައްކާލެއް ބާރުކަމުން އެ ތަނަށް އަހަރެންގެ އަންހެނުން ޔުމްނާ އައެވެ. އޭނަ ހުންނަނީ ތަންކޮޅެއް ދުރުގައެވެ.

"ކަލެޔޭ؟" ސޯފާގައި ފައިންޖަހައިފައި އަހަރެން ބުނީމެވެ. "ކަލެއަށް ކޮން ކަމެއް ހަވާލުކުރީ؟ ހަމަ މިހާރު ބުނޭ!"

ޖިންނިސައިތާނުންނަކީ ހެއްދެވިހައި ނުބައި ކަންތަކެއް ކުރާ ބައެކެވެ. އިންސާނުން މަގުފުރައްދާ ބައެކެވެ. އެކަމަކު، ހަވާލުކުރާ ކަމެއް ކުރުމުގައި ދެމިތިބޭ ބައެކެވެ. ސިއްރެއް ބޭޒާރުކުރާނީ ސަލާމަތްނުވާ ހިސާބަށް ދިޔައީމައެވެ. ބައެއް ފަހަރު މަރައިލިޔަސް ސިއްރު ހާމައެއް ނުކުރާނެއެވެ. އެއަށް ކިޔަންވީ ބިރުކަމެއް ނުވަތަ ވަފާތެރިކަންކަމެއް އަހަންނަކަށް ނޭނގެއެވެ. އޭނަ ބުނި ގޮތުގައި އޭނަ ވާހަކަދައްކައި، އަމިއްލައަށް ބޭޒާރުވި ސަބަބެއް އެބަ އޮތެވެ. އިންސާނުންނަށް އެހީވުމެވެ. އޭނައަށް ބަޔަކު ވިސްނައިދީފައިވާ ގޮތުގައި އިންސާނުންނަކީ ވަރަށް ނުބައި ބައެކެވެ. އެއީ ހަގީގަތެއް ނެތް ދޮގުވާހަކައެކެވެ. އިންސާނުންގެ ރަނގަޅުކަން އޭނައަށް ފެނިއްޖެއެވެ. ޖިންނީންނަށް އެހީވާކަށް އޭނަ ދެން ބޭނުމެއް ނެތެވެ. އޭނައަކީ މުސްލިމެއް ނޫނެވެ. އެކަމަކު ކޮން ދީނެއްކަމެއް، އޭނަގެ ނަމެއް ވެސް ނުބުންޏެވެ.

"ސިހުރަކީ ޖިންނިއަށް ހަވާލުކުރާ ޕޯސްޓެއް،" ޖަވާބުގައި އޭނަ ބުންޏެވެ. "ލިބޭ ސިޓީއެކޭ ވެސް ބުނެވިދާނެ. އެ ސިޓީ ކަނޑައިގެން ބަލާ، އެ ކަމާ ހަވާލުވާނީ ޖިންނީންގެ ތެރެއިން ގޭންގުތަކުންނާ ރަސްރަސްކަލުންގެ ގުރޫޕުން."

އެއީ އަހަރެން އަޑުނާހާ ވާހަކައެކެވެ. އިންސާނަކަށް ސިހުރުޖެއްސުމަށް ޓަކައި، ޖިންނީންގެ ތެރެއިން ރަސްރަސްކަލުން އެ ކަމާ ހަވާލުވަނީ ކީއްކުރަން ހެއްޔެވެ؟ ރަސްކަލެއް ވިއްޔާ ލަޝްކަރެއް އޮންނާނެއެވެ. ނޯކަރުން ތިބޭނެއެވެ. ބަލަހައްޓަންޖެހޭ ރަށަކާއި ރަށުގެ އަހުލުވެރިން ވެސް ތިބޭނެއެވެ.

"ތީ ހަމަ ކަނޑައެޅިގެން ދޮގެއް،" އަހަރެން ބުނީމެވެ. "ރަސްކަން ދޫކޮށްލާފަ ސިހުރާ ހަވާލުވާކަށް އެ މީހުންނަކަށް ވަގުތެއް ނޯންނާނެ. ވަގުތު އޮތަސް ރަސްކަލުންނަކީ ވަކި ހައިސިއްޔަތެއް އޮންނަ ބައެއް. އެ މީހުން ދިރިއުޅޭނީ ދަރުބާރު ހަދައިގެން ގަނޑުވަރު ތެރޭގަ."

"އޭތް!" ނުބައި އަޑަކުން އޭނަ ބުންޏެވެ. "މި ދައްކަނީ އެ ކަހަލަ ރަސްކަލުންގެ ވާހަކައެއް ނޫނޭ! މި ދައްކަނީ ނުރަސްމީ ބައެއްގެ ވާހަކަ. އަހަރުމެންގެ އުސޫލު އޮންނަ ގޮތުން، އެންމެ ގަދަފަދަ ޖިންނިއަކީ ރަސްކަލެއް. ކޮންމެ ރަސްކަލެއްގެ ވެސް ދަށުން މަސައްކަތްކުރާ ބަޔަކު ތިބޭނެ. އެ ރަސްކަން ހިނގާނީ އެ ބަޔެއްގެ ބާރުފޯރާ ހިސާބުގަ. އެތައް ބައިވަރު ރަސްކަލުންނެއް އުޅޭނެ. ކޮންމެ ރަސްކަލަކަށް ވެސް އޮންނާނީ ވަކި ސަރަހައްދެއް. ތަޅާފޮޅައިގެން ރަސްކަލެއް މަރުވެއްޖެއްޔާ އަނެއްކާ ވެސް ޖެހޭނީ ރަސްކަލެއް ހޮވަން. އެންމެ ވަރުގަދަ ޖިންނި ހޮވޭނީ. އޭނަ މަރާލައިފިއްޔާ ދެން އެންމެ ގަދަޔަށް ހުރި ޖިންނި ދެން ހޮވާނީ. އެހެން އެ ކަން އޮންނާނީ. ދެން އުޅޭނީ، ކަލޭމެންގެ މި އުޅޭ ކަހަލަ ގޭންގުތައް. އެއީ ގަވައިދެއް ގާނޫނެއް ހިނގާ ބައެއް ނޫން. ޖެހުނު ތަނެއް ސުންނާފަތިކޮށްލާފަ، އަތުޖެހުނު އެއްޗެއް ހިފައިގެން ބެޗީމަ ނިމުނީ. ސިހުރުގެ ސިޓީތަކާ ހަވާލުވާނީ ގޭންގުތަކުން. ހުރިހާ ކަމެއްކުރާނީ ވެސް އެ ގޭންގުން. ސިހުރު ހިފައިގެން އިންސާނުންގެ ގަޔަށް ވަންނާނީ ވަކި ފެންވަރެއްގެ ބައެއް."

އޭނަ ދެއްކި ވާހަކަތަކުގައި ހަގީގަތް ހުރީ ކިހައި މިންވަރަކަށްކަމެއް ނޭނގެއެވެ. އެހެނަސް ޔުމްނާއާއި އަހަރެން ވެސް އެ ވާހަކަތައް އޮޅުންފިލުވާ ހިތްވިއެވެ. ކަމަކުން ސަލާމަތްވުމަށް ޓަކައި، އެ ކަންތައް ހިނގާ ގޮތް އެނގުމަކީ މުހިންމު ކަމެކެވެ. އަފުނާންގެ ހަރަކާތްކުރަނީ ހަމަ އެކަނި އަނގަޔާއި ލޮލެވެ. ބައެއް ފަހަރު ބޮލެވެ. އަޑު ހަމަ އެއްގޮތަކަށް ވެސް އަފުނާންގެ އަޑަކާ ވައްތަރެއް ނޫނެވެ. އަޑު ހުރީ ފާޑަކަށް ފުސްވެ، ކުރަކިވެފައެވެ. އަޑާ އެކުގައި އެހެން މީހަކު ނޭވާލާ އަޑު ވެސް އަންނަހެން ހީވެއެވެ. އެ އަޑުގައި، ނޭވާހިތްލާ ވަގުތު ހުންނަ ކަހަލަ އަޑެއް ވެސް ހުއްޓެވެ. ހީވަނީ ތަންކޮޅެއް ބަލި، އުމުރުން މާ ދޮށީ މީހެއްގެ އަޑުހެންނެވެ.

އެއީ ކޮން ބައެއް؟" އަހަރެން އެހީމެވެ.

"ހާދަ ގިނަ ސުވާލެކޭ ތި ކުރަނީ؟" އޭނަ ބުންޏެވެ. "ކަލޭމެން ތެރޭގަ ތި އުޅެނީނު ކިޔަވައިގެން ތިބޭ މޮޅެތި މީހުން. އަހަރުމެން ތެރޭގަ ވެސް އުޅޭނެ ވަރަށް މޮޅުތި ޖިންނިން. ކަލޭމެން ތި ކިޔާ ކަހަލަ ޕާޓޭން ވެސް އުޅޭނެ. ހަމަ ޕާޓޭ ކިޔާނީ ވެސް. ނުކިޔަވާ ތިބޭ، އުޑެއްބުޑެއް ނެތް ގަމާރުން ވެސް އުޅޭނެ. އިންސާނުންގެ ގައިތެރެއަށް ވައްދަން ގޭންގުތަކުން ހޯދާނީ ޕާޓޭއެއް."

"އެއީ ކީއްވެ؟" އަހަރެން ސުވާލުކުރީމެވެ.

"އޭރަށް ދެން ކޮންމެ އެއްޗެއް ބުންޏަސް ގަބޫލުކުރާނެ،" ޖަވާބުގައި އޭނަ ބުންޏެވެ. "ލާރިކޮޅެއް ނޫނީ ކާއެތިކޮޅެއް ދިނީމަ ނިމުނީ. ކޮންމެ ކަމެއް ވެސް ކޮށްދޭ ގޮތަށް ތިބޭނީ. ފަހުން ވާނެ ގޮތަކަށް ނުވިސްނާނެ. އަދި ބުނެފާނަން ވަރަށް މުހިންމު ވާހަކައެއް. އެ މަންޖެ ގައިތެރެއަށް ވައްދަން ފުރަތަމަ ހޯދީ އުދުހޭ ދޭތި."

ވާހަކަ ދިގުވި ވަރަކަށް އަހަރެންގެ ޝައުގުވެރިކަން އިތުރުވިއެވެ. އޭނަގެ ވާހަކަތަކުން އެނގުނު ގޮތުގައި، ޖިންނީންގެ ތެރޭގައި ތިން ފެންވަރެއްގެ ބަޔަކު އުޅެއެވެ. އެއީ ކަނޑުގައި އުޅޭ ބަޔަކާއި، ބިންމަތީގައި އުޅޭ ބަޔަކާއި، ވައިތެރޭގައި އުޅޭ ބައެކެވެ. ކަނޑުގެ އަހުލުވެރިންނަކީ ފުނަށް ފީނާ ވެސް ބައެކެވެ. ބިންމަތީގައި އުޅޭ ޖިންނީން ގަސްގަހަށް އަރައެވެ. އާންމުކޮށް ގޭގެއަށް ވަންނާނީ ވެސް އެ ގުރޫޕެވެ. ވައިތެރޭގައި އުޅެނީ ޚަބަރުތައް ގެންނަ ޖިންނީންނެވެ. ހުއްދަ އޮންނަ އެންމެ މައްޗަށް އެ ޖިންނީން އަރާނެއެވެ. އެ ތިން ގުރޫޕުގެ ތެރޭގައި ވެސް، އިންސާނުންގެ ގައިތެރެއަށް ވައްދާ ފެންވަރުގެ ޖިންނީން ތިބެއެވެ. "އަފުނާން" ބުނި ގޮތުގައި ޒިޔާދާގެ ގައިތެރެއަށް ސިހުރުލާން ފުރަތަމަ ހަވާލުކުރީ އުދުހޭ ދެ ޖިންނިޔާއެވެ. އެހެނަސް، މަސައްކަތްކޮށްކޮށް ވެސް އެ ބަޔަކަށް އެ ކަމެއް ނުވިއެވެ. ސަބަބަކަށްވަނީ ޒިޔާދާ ނަމާދުކުރުމާއި، ގުރުއާންކިޔެވުމާއި، ކިޔާ ދުއާތަކެވެ. ގުރުއާނުގެ ސޫރަތްތަކެއް އަޅައިފައިވާ ޕެންއެއް ވެސް ޒިޔާދާ ގެންގުޅޭކަމަށް ވެއެވެ. ނިދާ އިރު ވެސް ލެޕުޓޮޕުން ހުންނަނީ ގުރުއާން ޖަހައިފައެވެ.

"އުދުހޭ ޖިންނިތައް އެތައް ފަހަރަކު މަސައްކަތްކޮށްގެން ވެސް އެ ކަމެއް ނުވި،" އޭނަ ބުންޏެވެ. "ދެން އެ ކަން ކުރަން ހޯދީ ވަރަށް މުސްކުޅި ޖިންނިއެއް."

"އެއީ ކަލޭ ދޯ؟" އަހަރެން އެހީމެވެ.

"އާނ! އެއީ އަހަރެން." ވަގުތުން އޭނަ އެއްބަސްވިއެވެ.

ޖިންނީންނަކީ އެހައި އަވަހަށް ކަންކަމަށް އެއްބަސްވާ ބައެއް ނޫނެވެ. އަހަރެން ހިތަށްއެރިއެވެ. އޭނަ އެ ހަދަނީ ދޮގެވެ.

"ކީއްކުރާށޯ މުސްކުޅިއެއް ހޯދީ؟" އަހަރެން އެ ސުވާލު ވެސް ކުރީމެވެ. "މުސްކުޅިއެއް ގަޔަކު ވަރެއް ވެސް ނުހުންނާނެއްނު!"

"ގައިގަ ވަރު ނެތަސް ބޯރަނގަޅުވާނެއްނު!" ޒާތެއްގެ ހިންޏެއް އައިސްފައި، ވަރަށް ރާގުލައިފައި އޭނަ ބުނެލިއެވެ.

އަހަރެން ހިތަށްއެރިއެވެ. ކިހައި ބޯރަނގަޅެއްތޯ ބަލައިލާނަމެވެ. އެ ތަނުގައި ހުރި ގޮނޑިއެއް ކައިރިކޮށްލައިފައި އަހަރެން އިށީނީމެވެ. ގާތަށް ޖެހިލީމެވެ. އަފުނާން ކުޑަކޮށް ޖެހިލުންވިހެން އޭނަގެ މޫނުމަތިން ހީވިއެވެ.

"ތި ކަމާ އަހަރެން ވެސް އެއްބަސް،" އޭނަ ޖެހި މަޅީގައި ބެދުނުކަމަށް އަހަރެން ހެދުނީމެވެ. "ތި މަންޖެ ގައިތެރޭގަ ކަލޭ ފިލާއިން އިރު ވެސް މީހަކަށް ނޭނގޭ ތަނެއްދޮރެއް."

އަފުނާން ހޭން ފެށިއެވެ. ހީވީ ދެ އަޑެއް އެކުވެގެން އަޑު ނުކުތްހެންނެވެ. އެ ހިސާބުން ޔުމްނާ ބިރުން އެ ތަނުން ދިޔައެވެ.

"ތިހާ ބޯރަނގަޅު ޖިންނިއެއް ވިއްޔާ މި ސުވާލުގެ ޖަވާބު އެނގޭނެ،" އަހަރެން ބުނީމެވެ. "ޒިޔާދާއަށް ސިހުރުހަދަނީ ކާކު؟"

-ނުނިމޭ-