އިންޑިއާގައި ފުރަތަމަ ފަހަރަށް ފިރިހެނަކަށް އަންހެނަކު އެސިޑުން ހަމަލާ ދީފި
އިންޑިއާގައި ފުރަތަމަ ފަހަރަށް ފިރިހެނަކަށް އަންހެނަކު އެސިޑުން ހަމަލާ ދީފި

ފިރިހެނުން އަންހެނުންގެ ގަޔަށް އެސިޑް ޖެހުމުގެ ހާދިސާތައް ގިނަ އިންޑިއާގައި ފުރަތަމަ ފަހަރަށް އަންހެނަކު ފިރިހެނެއްގެ ގަޔަށް އެސިޑް ޖަހައިފި އެވެ.

ބެންގަލޫރުގައި މި ހަމަލާ ދިން މީހާ އެކަން ކޮށްފައި ވަނީ ހަތަރު އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ފިރިހެން މީހާ ރުޅިވެ، އެހެން މީހަކާ ރައްޓެހިވުމުން ކަމަށް ފުލުހުން ބުންޏެވެ. ހަމަލާ ދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ބެންގަލޫރު ފުލުހުން ބުނީ މިއީ އަންހެނަކު ފިރިހެނަކަށް އެސިޑުން ހަމަލާ ދިން ކަމަށް ރެކޯޑް ކުރެވިފައިވާ ފުރަތަމަ ކޭސް ކަމަށެވެ. މީހުންގެ ގަޔަށް އެސިޑް ޖެހުމުގެ ހާހެއްހާ ހާދިސާ އިންޑިއާގައި ކޮންމެ އަހަރަކު ހިނގާއިރު ކޮންމެ ފަހަރަކުހެން ހަމަލާ އަމާޒުވަނީ އަންހެނުންނަށެވެ.

"ބުނެވިދާނެ މިއީ ފުލުހުންގެ ވެސްޓް ޑިވިޝަނަށް ހުށަހެޅު މި ބާވަތުގެ ފުރަތަމަ މައްސަލަ ކަމަށް. ހަމަ ގައިމުވެސް މިދިޔަ 12 އަހަރު ތެރޭ މިފަދަ ކަމެއް ހިނގި ކަމަކަށް އެނގޭކަށް ނެތް،" ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އެމްއެން އަނުޝޭތު ބީބީސީ ހިންދީ އަށް ވިދާޅުވި އެވެ.

ނަރުހެއްގެ ވަޒީފާ އަދާކުރާ ލިދިޔާ ޔެޝްޕާލްގެ ހަމަލާ އަމާޒުވީ އޭނާގެ ކުރީގެ ލޯބިވެރިޔާ، 32 އަހަރުގެ ޖާޔާކުމާރް ޕުރުޝޮތަމްގެ މޫނުގެ ކަނާތްފަޅިއަށެވެ. އެސިޑްގެ ސަބަބުން ކަންފަތާއި މޫނާއި ލޯ ކައިރި ވަނީ ފިހިފަ އެވެ. އެކަމަކު ލޮލަށް ގެއްލުމެއް ނުވެ އެވެ. އެސިޑް ޖެހުމަށް ފަހު، ކުރަފަތެއް ފާޑުގެ އެއްޗަކުން މޫނަށް ހަމަލާދީ ޒަހަމް ވެސް ކޮށްލި އެވެ.

ޖާޔާކުމާރް ފުލުހުންނަށް ބަޔާން ދިން ގޮތުގައި، ކުރީގެ ލޯބިވެރިޔާއާ ކައިވެނިކުރަން ބޭނުމެވެ. އެކަމަކު ދެ މީހުންނަކީ ދެ ދީނެއްގެ މީހުންނަށް ވާތީ ކައިވެންޏަށް މައިންބަފައިން ގަބޫލު ނުވީ ކަމަށް އޭނާ ބުނެފައިވެ އެވެ. އަންހެން މީހާ އަކީ ކްރިސްޓިއަނެކެވެ. ޖާޔާކުމާރަކީ ހިންދޫއެކެވެ.

ޖާޔާކުމާރް ވަޒީފާ އަދާކުރާ ތަނުން ނިކުތް ވަގުތު މަގުމަތީގައި ދިން ހަމަލާ އަށް ފަހު ލިދިޔާ ވަނީ މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކޮށް، ތަހުގީގަށް 14 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ދީފަ އެވެ.