މިދިޔަ އަހަރަކީ އެންމެ ހޫނު އަހަރު ކަމަށް ވެދާނެ
މިދިޔަ އަހަރަކީ އެންމެ ހޫނު އަހަރު ކަމަށް ވެދާނެ

މިދިޔަ އަހަރަކީ މިހާތަނަށް އެންމެ ހޫނު ގަދަވި އަހަރު ކަމަށް ވެދާނެ ކަމަށް ނާސާ އާއި އިނގިރޭސި ވިލާތުގެ މެޓް އޮފީހުގެ މައުލޫމާތުން ހާމަވެއްޖެ އެވެ.

މިހާތަނަށް އެންމެ ހޫނު ގަދަ އަހަރުގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ 2015 ވަނަ އަހަރު ކަމަށް ވިޔަސް މިދިޔަ އަހަރުގެ ފިނިހޫނުމިން ކުރީ އަހަރަށް ވުރެ 0،07 ޑިގްރީ ސެލްސިއަސް މަތި ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އިނގިރޭސި ވިލާތުގެ މެޓް އޮފީހުން އާންމުކުރި މައުލޫމާތަށް އުނިއިތުރު އައުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައި ވާއިރު ނާސާއިން ބުނީ މިދިޔަ އަހަރަކީ ހޫނުމިން މަތިވުމުގެ ރެކޯޑް ޖެހިޖެހިގެން އިތުރުވި ތިން ވަނަ އަހަރު ކަމަށެވެ.

ސައިންސްވެރިން ބުނަނީ ހޫނު ގަދަވުމުގައި، މޫސުމީ ހާލަތެއް ކަމަށްވާ އެލް ނީނޯގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެކަމަކު ފިނިހޫނުމިނަށް އަންނަމުންދާ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ އިންސާނުންގެ ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑް ކަމަށް ސައިންސްވެރިން އެއްބަސްވެ އެވެ.

ނިމުނު އަހަރަކީ މިހާތަނަށް އެންމެ ހޫނު އަހަރު ކަމަށް ބެލެވުނު އިރު މިދިޔަ އަހަރުގެ މޭ މަހު ވެސް ބައެއް ސައިންސްވެރިން ވަނީ މި ނަތީޖާ ނިކުމެދާނެ ކަމަށް ލަފާކޮށްފަ އެވެ.

ނާސާގެ މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރަކީ 1880ގެ ފަހުން އައި އެންމެ ހޫނު ގަދަ އަހަރެވެ. އެހެން އިދާރާތަކުގެ މައުލޫމާތު ދިރާސާކުރާ ވޯލްޑް މިޓިއޮރޮލިޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ) އިން ވެސް އެއްބަސްވަނީ މިދިޔަ އަހަރަކީ މިހާތަނަށް އެންމެ ހޫނު ގަދަވި އަހަރު ކަމަށެވެ. ނަމަވެސް މިގޮތަށް ދިމާ ނުވާ ބައެއް ރިޕޯޓްތައް ވެސް ހުރުމުން، 2016 އަކީ އެންމެ ހޫނު އަހަރު ކަމަށް ކަނޑައެޅިގެން ބުނެވެން ނެތީ އެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ ހޫނު ގަދަވުމުގެ ރެކޯޑް މިއަހަރު ވެސް އާވެގެން ދާނެ ކަމަށާއި އެކަމަކު މިދިޔަ އަހަރާ އަޅާބަލާއިރު މާބޮޑު ތަފާތެއް ނުހުންނާނެ ކަމަށެވެ. އަދި މި އަހަރު ހިމެނޭނީ މިހާތަނަށް އެންމެ ހޫނު ގަދަ ފަސް އަހަރުގެ ތެރޭގައި ކަމަށް ވެސް ބުނެ އެވެ.