20 ފެބުރުއަރީ 2023 - 06:47

ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ފިލްމު، "ސުޕަޕަވާ" ނެރެފި އެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝޯން ޕެން އުފައްދާފައިވާ އެ ފިލްމު ޕްރިމިއާކުރީ މިހާރު ކުރިއަށްދާ 73 ވަނަ "ބާލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް" ގަ އެވެ.

ޕެންއާ އެކު އޭރޮން ކޯފްމަން ކޯ-ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގެ މަސައްކަތް ހަނގުރާމައިގެ ކުރިން ފެށި އެވެ. އެއީ އަސްލު، ޔޫކްރެއިންގެ ރައީސް، ވޮލޮޑިމީރް ޒެލެންސްކީ، ކޮމީޑިއަނަކުން، ގައުމުގެ ރައީސަކަށް އައި ގޮތުގެ ވާހަކަ ދައްކައިދޭން ފެށި ފިލްމެކެވެ. އޭގެ ޓައިޓަލް، "ސުޕަޕަވާ" އިންސްޕަޔާވެފައި ވަނީ ވެސް، ޒެލެންސްކީ ކުރިން މަޝްހޫރުވި ސީރީޒް، "ސާވެންޓް އޮފް ދަ ޕީޕަލް" ސީރީޒްގެ ޑައިލޮގަކުންނެވެ.

ރަޝިއާއިން މިދިޔަ އަހަރުގެ ކުރީކޮޅު ޔޫކްރެއިނަށް އަރައިގަތީ، މި ފިލްމުގެ މަސައްކަތުގައި ޕެން އަދި ކޯފްމަން އެ ގައުމަށް ގޮސް ތިއްބަ އެވެ. އެ ހިސާބުން ފިލްމުގެ ވާހަކަތަކަށް ބޮޑު ބަދަލުތަކެއް ގެންނަން ޖެހުނެވެ.
ހަނގުރާމައިގައި ހަލާކުކޮށްފައި ހުރި ސަރަހައްދުތަކުގެ މަންޒަރުތައް ހިމަނައިގެން، މި ފިލްމު ފަހުން ވަނީ މާނަފުންގޮތަކަށް ބަދަލުކޮށްފަ އެވެ. ފިލްމު ރިލީޒްކޮށްފައި ވަނީ، ހަނގުރާމަ ފެށިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.
އެންޑްރީ ޔަމަކް، ޒެލެންސްކީ ގެ ޗީފް އޮފް ސްޓާފް ވަނީ ފިލްމު ހެދި ކަމަށްޓަކައި ޕެން އަދި ކޯފްމަން އަށް ޝުކުރު އަދާކޮށްފަ އެވެ.
"މި ފިލްމުގައި ކިޔައިދެނީ މިނިވަންކަން ހޯދަން ކުރާ ހަނގުރާމައިގެ ވާހަކަ. ރަޝިއާއިން މި ގައުމަށް (ޔޫކްރެއިން) އަށް އަރައިގަތް ގޮތުގެ ވާހަކަ. އެއީ ޝޯން ޕެން އަމިއްލަ އަށް ވެސް ތަޖުރިބާކުރި، ފުރިހަމަ ހަނގުރާމައެއް ފެށުނު ފުރަތަމަ ދުވަހު އޭނާގެ އަމިއްލަ ލޮލަށް ފެނުނު ކަންތައްތައް" ޔަމަކް ވިދާޅުވި އެވެ.